ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެފައިވުމާއި ގުޅިގެން ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރ (މެޓް) އިން ހއ. އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމައަށް ނެރެފައި ވަނީ ހުދު ސަމާލެވެ. މި ސަމާލު ނެރެފައި ވަނީ އުތުރުގެ އަތޮޅުތަކަށް ވެސް ކުރިން ހުދު ސަމާލު ނެރެފައި ވަނިކޮށެވެ. މޫސުމާއި ބެހޭ އިދާރާއިން އުތުރާއި މެދުރާއްޖެތެރެއަށް އިތުރު ސަމާލެއް ނެރެފައި ވަނީ މިއަދު 11:30 އިން މެންދުރުފަހު 15:30 އާއި ހަމައަށެވެ.

މޫސުމާއި ބެހޭ އިދާރާއިން މި ސަމާލު ނެރެފައިވާކަން ހާމަކޮށް ވިދާޅުވީ، ސަމާލުގެ ވަގުތުތަކުގައި މި ސަމާލު ނެރެފައިވާ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށްވާރޭ ވެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.

އުތުރުގެ ބައެއް ސަރަޙައްދުތަކަށް މޫސުން ގޯސްވުމުގެ ސަބަބުން އިއްޔެވެސް ހުދު ސަމާލު ނެރެފައި ވެއެވެ.

ކުރިޔަށް އޮތް ވަގުތުތަކަށް މޫސުން ލަފާކުރާގޮތް ހާމަކޮށް މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވެފައި ވަނީ، ރާއްޖޭގެ އެކި ހިސާބަށް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް އިރު އުތުރާއި އިރުން ގަޑިއަކު 5 މޭލާއި 15 މޭލަށް ވައި ޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ.

މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވިގޮތުގައި، ރާއްޖޭގެ ކަނޑުތައް ދެކުނުގައި އާދައިގެ ވަރަކަށް މަޑު ވާނެ އެވެ. އަދި އެހެން ހިސާބުތަކަށް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.