ފަތުރުވެރިން އެންމެ ގިނައިން ރާއްޖެއަށް ޒިޔާރަތްކުރާ މި "ހޮލިޑޭ ސީޒަން" ގައި އެންމެ ރަނގަޅު އިޝްތިހާރަކީ، ފަތުރުވެރިންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުންތޯ، ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު، މުޙައްމަދު ސައީދު ސުވާލުކުރައްވައިފިއެވެ.

ސައީދު މިގޮތަށް ވިދާޅުވެފައި ވަނީ، މިހާރު އެމްއެންޑީއެފް އިން ރާއްޖޭގައި އިއުލާން ކޮށްފައިވާ އެލާޓް، "ޔެލޯ2" އެލާޓަށް މަތިކުރީ ފަތުރުވެރިންގެ ރައްކާތެރިކަމަށްޓަކައި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެފައި ވަނިކޮށެވެ.

މިކަމަށް އިޝާރާތްކުރައްވަމުން މިއަދު ސައީދު ކުރެއްވި ޓްވީޓެއްގައި ވަނީ، "ހޮލިޑޭ ސީޒަން އާއި ދިމާކޮށް އެންމެރަނގަޅު އިޝްތިހާރަކީ ހަތިޔާރާއި އެކު ދިފާއީ ބާރު ހަރަކާތަށްނެރެ ސަލާމަތީ ދަރަޖަ "ރަތައްއެރުވުމަށްފަހު" އެކަން ދުނިޔޭގެ ސަމާލުކަމަށްގެނެސް ފަތުރުވެރިންގެހިތުގައި ބިރުވެރި ކަން އުފެއްދުންތޯ؟" ސުވާލު ކުރައްވާފައެވެ.

ރާއްޖޭގައި "ޔެލޯ2" އެލާއިއުލާނު ކުރީ ފަތުރުވެރިންގެ ރައްކާތެރިކަމަށް ކަމަށް ހޫދު ވިދާޅުވެފައިވާއިރު، މި އެލާޓަކީ ފަތުރުވެރިކަން އާހަރުފަތަކަށް ގެންދިއުމަށް ނެރެފައިވާ އެލާޓެއް ކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މި ދުވަސްކޮޅު ސަލާމަތީ ބާރުތަކުން އެލާޓަށް ގެނައުމަކީ، އުފާކޮށް އެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ޝުކުރުދަންނަވާ ކަމެއް ކަމަށެވެ. އަދި ފަތުރުވެރިކަމުގެ "ހައި ސީޒަނާއި" ދިމާކޮށް ރާއްޖެ އެލާޓަށް ގެނެސް ސަލާމަތީ ބާރުތަކުގެ ހަރަކާތްތަށް އިތުރަށް ވަރުގަދަ ކުރުމަކީ މީގެ ކުރިންވެސް ބޭނުންވި ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން އެލާޓު ނެރެފައިވަނީ ރޭ 19:00 އިން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށެވެ. މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ސިފައިން ހަތިޔާރާއިއެކު ހަރަކާތްތެރިވާނެ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. އަދި އެއާޕޯޓުގައިވެސް ސިފައިން ތިބެން ނިންމާފައި ވަނީ ހަތިޔާރާއި އެކު ފުރިހަމައަށް ތައްޔާރުވެގެންނެވެ.

އެމްއެންޑީއެފްގެ އެލަރޓް ސްޓޭޓަސް "ޔެލޯ 2" އަށް ޖައްސަނީ ޤައުމުގެ ސުލްޙަ މަސަލަސްކަމާއި އަމަންއަމާންކަމަށް ބުރޫއަރާފަދަ ކަމަކާ ކުރިމަތިވާނެކަމަށް ބެލެވުން ނުވަތަ އެފަދަ މަޢުލޫމާތެއް ލިބުމުންނެވެ. އެހެން ނަމަވެސް މިއަދު ރައީސް އޮފީހުންވެސް ވަނީ މިއީ ފަތުރުވެރިން ގިނަ ދުވަސްކޮޅެއް ކަމުން ނެރުނު އެލާޓެއް ކަމަށް ހާމަކޮށްފައެވެ.

އެމްއެންޑީއެފް އިން ނެރުނު އެލާޓާއި ގުޅިގެން ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ. މިކަމާއި އިދިކޮޅަށް ވަހަކަ ދައްކަމުން އަންނަ ފަރާތަކުން ބުނަމުންދާ ގޮތުގައި މިދުވަސްކޮޅަކީ ފަތުރުވެރިކަމަށް ބާރުބޮޑު ދުވަސްކޮޅަކަަށްވެފައި ކުއްލިއަކަށް މިފަދަ އެލާޓެއް ނެރުމަކީ، ގައުމުގެ އަމަން އަމާންކަމާއި މެދު އެފަރާތްތަކުގެ ހިތުގައި ޝައްކު އުފެދޭނެ ކަމެއް ކަމަށެވެ.

މީގެ ކުރިން ފަތުރުވެރިން ގިނަ ދުވަސްކޮޅެއް ކަމަށްބުނެ ސަރުކާރުން މިފަދަ އެލާޓެއް ނެރެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަރެލް

    ހޮލިޑޭސީޒަނަށް އެންމެރަނގަޅީ ގައުމުގެ ބޮޑެތި ހާއިނުން މުލުވަގުން އެކަހެރިކޮށް އެމީހުންގެ ގޭންގުތަކާ މަސްތުވާކެފޭތަށް ފުނޑާލުން ބޮޑުވަގު ހައްޔަރުކުރީމަ ފަތުރުވެރިންއަންނަ އަދަދު މިލިއަނުންއަރާތަން ފެނެއެއްނު ދެން ނިކަންބާރަށް އަތްޖާހާބަލަ

    1
    8
  2. އަލްޖިބްރާ

    ހޮލިޑޭ ސީޒަން ގާ އެންމެ ރަގަޅީ" ކުއްލިހާލަތު " އިއުލާނު ކުރުން ދޯ ؟

    7
    1