ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރި ޤައުމުގެ އަމަންއަމާންކަން ނަގާލުމަށް ޖުމްހޫރީ ޕާޓީން ތާޢީދު ނުކުރާނެ ކަމަށާއި، އެ ޕާޓީން އަބަދުވެސް އިސްކުރާނީ ޤައުމީ މަސްލަޙަތު ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

ވީޓީވީން ގެނެސްދިން "އެންމެންގެ ޖުމްހޫރީ ޕާޓީ" ޕްރޮގްރާމުގައި މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން، ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވީ އިސްލާމް ދީނާއި ފުށުއަރާ ކަންކަން ހިންގާ ފަރާތްތަކަށް ޖުމްހޫރީ ޕާޓީން ތާޢީދު ނުކުރާނެ ކަމަށެވެ. އަދި ޤައުމުގެ މަސްލަޙަތު ދެމެހެއްޓުމަކީ ޕާޓީން އެންމެ އިސްކަމެއް ދީގެން ކުރާނެ ކަން ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.

އަލީ ސޯލިހު ވިދާޅުވީ، ރާއްޖޭގައި ހަރުކަށި ވިސްނުން ފެތުރިގެން ގޮސް ޤައުމުގެ މަސްލަޙަތު ގެއްލި ދިއުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވެސް ފުރުސަތެއް ނުދެއްވާނެ ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވެސް ޤަބޫލުފުޅު ކުރައްވާ ގޮތަކީ އެއީ ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.

ހަރުކަށި ވިސްނުމާއި ޤައުމުގެ މަސްލަޙަތު ގެއްލޭ ކޮންމެ ކަމަކަށް ޖުމްހޫރީ ޕާޓީން ދެކޮޅު ހަދާނެކަން ހާމަކުރައްވަމުން އަލީ ސޯލިހު ވިދާޅުވީ، ހަރުކަށި ފިކުރުތަކާ އިސްލާމްދީނާ ބީރައްޓެހި ފިކުރުތަކެއް އިސްލާމް ދީން މަނާކުރެވިފައިވާ ކަންކަން ކުރާ ފަރާތްތަކުން ހިންގާ ކަންކަން ބަލައިނުގަންނަ ކަމަށެވެ.

"އަދި ޖުމްހޫރީ ޕާޓީން އެފަދަ މަސައްކަތެއް ކުރާ ފަރާތަކާއެކުވެސް މަސައްކަތެއް ނުކުރާނެ. ޖުމްހޫރީ ޕާޓީން އަބަދުވެސް ގަބޫލުކުރަނީ، ގަބޫލުކުރާނީވެސް ދިވެހިރާއްޖޭގައި އޮންނަން މިޖެހެނީ ހަމަޖެހޭ ރައްޔިތުންތަކެއް ދިރިއުޅޭ ގައުމެއްގެ ގޮތުގައި،" އަލީ ސޯލިހު ވިދާޅުވިއެވެ.

އަލީ ސޯލިހު ވިދާޅުވީ، ހަރުކަށި ފިކުރުގެ މައްސަލަތަކުގައި ސަރުކާރުންނާއި ސަރުކާރުގެ މުވައްސަސާތަކުން ގުޅިގެން އަޅަމުންދަނީ އެކަށީގެންވާ ހަރުދަނާ ފިޔަވަޅުތަކެއް ކަން ޤަބޫލުކުރައްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އަލްޖިބްރާ

  ރާއްޖޭގައި އޮތް އަމާންކަމާއި މަސްލަހަތު ނާގާލަން ކަލޭ ބަޣާވާތް ކުރި ކަމީ ސާބިތުވާން އޮތް ކަމެއް ! މިހާރު މާ ރަގަޅު މީހަކަށް ހެދެން އުޅުނަސް އެކަމެއް ނުވާނެ !

 2. ދޮންބެ

  މިކަލޭގެއަށް މިނޫން ގޮތެއްނެތް ދެން އަނގަތަޅަނީ ވާނުވާނޭގިހުރެ

 3. ފެންފޯއް މިނިސްޓަރު

  ހަރުކަށި ފިކުރަށް ޖޕ ފުރުސަތެނުދޭނެ އެކަމަކު ލާދީފިކުރަށް ފުރުސަތުދީގެން ސަރުކާރު ދިފާއުކުރަން ކޮޑުވިއްދައިގެން ޖޕ އޮންނާނީ އެހެންނުން...ރައީސްވެސް ފުރުސަތު ދެނީ ލާދީނީ ފިކުރަށް...އެހެންވީމަ ރައްޔިތުން ޖޕ އަށް ފުރުސަތު ދީގެންނުވާނެ ލާދީނީ ފިކުރުގެ ސަރުކާރެއް ދިފާއުކުރަން...ވޯ ޓުހޯދަން ރައްޔިތުން ގާތަށްނުގޮސް ރައީސްގާތަށްދޭ....ގާސިމަށް ސަރުކާރުން ބަދުގަދިން ލާރިން ވޯ ޓުގަނެގެން ވެރިކަމަށް އަންނަން ފުރުސަތު ދީގެންނުވާނެ ރައްޔިތުން ހޭއަރާތިބޭތި...

 4. މުފައްކިރު.

  މިގައުމު އޮތް އިސްލާމް ދީނުގެ ވަޙުދަތު ނަގާލާ ޣައިރު ދީނުގެ ފިކުރުތައް ފަތުރަން ބަޔަކު މަސައްކަތް ކުރާއިރު ސިޔާސީ ލީޑަރަކަށް އެކަމާ ދެކޮޅަށް ބަހެއް ނުބުނެވެނީ ކީއްވެތޯ؟ ހަމައެކަނި ހަރުކަށި ފިކުރޭ ކިޔާފަ އަޑުހަރު ކުރުމުން އެބަ ފުދޭތޯ؟