ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާއަށް ވާދަކުރައްވައިގެން ގޮނޑި ކާމިޔާބު ކުރައްވާ ފަހުން އަމިއްލަ ސިޔާސީ ޕާޓީއެއް ހައްދަވައިގެން އުޅުއްވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ރޭ ދެއްކެވި ވާހަކައަށް ޖުމްހޫރީ ޕާޓީން ހޫނު ރައްދެއް މިއަދު ދީފިއެވެ.

އެމްއެންޕީގެ ފުރަތަމަ ގައުމީ ކޮންގްރެސްގައި ފައްޓަވައި ދެއްވާ ވާހަކަ ދައްކަވަމުން އެޕާޓީގެ ރައީސްކަން ކުރައްވާ ނާޒިމް ވިދާޅުވީ ރާއްޖޭގައި ގިނައީ އަމިއްލަ މަސްލަހަތު ހިމާތްކުރުމަށް ހަދާފައިވާ ޒިންމާދާރުކަން ކުޑަ ޕާޓީތަކެއް ކަމަށެވެ. އަދި، އެޕާޓީތަކުން އިންތިހާބުތަކުގައި ވާދަނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާގެ ވާހަކައިގައި ނުސީދާ ގޮތެއްގައި ފާޑު ވިދާޅުވީ ޖޭޕީއަށެވެ.

"ދިވެހިރާއްޖޭގެ ގިނަ ޕާޓީތަކަކީ އިންތިހާބުތަކުގައި ބައިވެރިވުމުގެ ސަގާފަތެއް ދަމަހައްޓާ ޕާޓީއެއް ނޫން. މީގެ އިތުރުން ފަރުދީ މަސްލަހަތުތަކެއް ހިމާޔަތްކުރަން ހަދާ ޒިންމާދާރުކަން ކުޑަ އުސޫލުތަކެއް ގެންގުޅޭ ޕާޓީތަކެއް އަޅުގަނޑުމެންގެ ތެރެއިން މިއަދު ފެންނަނީ." ނާޒިމް ވިދާޅުވިއެވެ.

އެމްއެންޕީން މިރޭ ބޭއްވި ޖަލްސާގައި ނާޒިމް ވާހަކަ ދައްކަވަނީ
އެމްއެންޕީން ރޭ ބޭއްވި ޖަލްސާގައި ނާޒިމް ވާހަކަ ދައްކަވަނީ

ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ކެންޑިޑޭޓަކު ވާދަކުރުމަށް ނިންމާފައިވާކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ އެ ޕާޓީ ވާނީ އަމިއްލަ މަސްލަހަތު ހިމާތްކުރަން އެހެން ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތް ނިމުމަކަށް ގެންނާނެ ޕާޓީއަކަށް ކަމަށެވެ.

"ރާއްޖޭގެ ސިޔާސީ ޕާޓީތައް ހިންގަނީ ވަކިބައެއްގެ މަސައްކަތް ކުރިއަރުވަން ކަމަށް އަޅުގަނޑަށް މިރޭ ދެންނެވިދާނެ. މިހެން މި ދެންނެވީ ސިޔާސީ ޕާޓީތަކުން ޖުމްލަކޮށް ދިވެހި ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރުމުގެ ބަދަލުގައި ވަކި މީހެއް ނުވަތަ ވަކިބައެއްގެ މަސްލަހަތު ހިމާޔަތްކުރަން އުޅޭތަން އަޅުގަނޑުމެނަށް ފެންނާތީ،" އެހެން ޕާޓީތަކަށް ފާޑު ވިދާޅުވަމުން ނާޒިމް ވިދާޅުވިއެވެ.

އެކަމާއި ގުޅިގެން ޖޭޕީން ވެސް ނާޒިމަށް ރައްދުދީފައިވަނީ ސީދާ ނަމެއް ނުބުނެ، ނުސީދާ ގޮތެއްގައެވެ.

އެޕާޓީގެ ތަރުޖަމާނު އަދި ތިމާވެއްޓާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާ އަލީ ސޯލިހް ވަނީ އެ ޕާޓީގެ ބުރަކަށީގައި ހިންގަވާ، އެޕާޓީގެ ނަމުގައި މަޖިލީހަށް ހޮވިވަޑައިގެން، ތިމަންނަ ހޮވުނީ ޖޭޕީން ނޫން ކަމަށް ވިދާޅުވާ ބޭފުޅުން މެންބަރުކަމުން އިސްތިއުފާ ދެއްވާ އަލުން އެ ދާއިރާތަކަށް ވާދަކުރައްވަން ކެރިވަޑައިގަންނަވާނެތޯ އައްސަވާފައެވެ.

"ޖޭޕީން ނުކުންނަވާ، ބުރަކަށި މަތީ ހިންގަވާ ޖޭޕީގެ ނަމުގައި ގޮނޑިއެއް ލިބުނީމާ ޖޭޕީން ވަކިވެ، ޖޭޕީން ނޫން ކަމަށް ތިމަންނަ ހޮވުނީ ވިދާޅުވާ ބޭފުޅުން ނިކަން ކެރިވަޑައިގަންނަވާ ނަމަ އިސްތިއުފާދީ، އަލުން އެ ދާއިރާތަކަށް ވާދަކުރައްވާ" އަލީ ސޯލިހް ވިދާޅުވިއެވެ.

"ޖޭ ޕީއާއި ގާސިމުގެ ސްޓްރެންތު އިރާދަކުރެއްވިއްޔާ އަދިވެސް ދައްކާނަން" އަލީ ސޯލިހް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ ލީޑަރު ގާސިމް ވާހަކަދައްކަވަނީ - ވަގުތު އިމޭޖްސް

އަލީ ސޯލިހް އިޝާރާތް ކުރައްވަނީ އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމާއި އެޕާޓީގެ ނައިބު ރައީސް އަބްދުﷲ ރިޔާޒަށެވެ. ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ދެ ބޭފުޅުން ވެސް ވާދަކުރައްވާ ގޮނޑި ކާމިޔާބު ކުރެއްވީ ޖުމްހޫރީ ޕާޓީގެ ޓިކެޓެއްގައެވެ.

ހަމައެހެންމެ، ޖޭޕީގެ ލީޑަރު ގާސިމް އިބްރާޙިމް ވެސް މީގެ ކުރިން ވަނީ އެމްއެންޕީގައި ތިބި އެޕާޓީން ވަކިވެގެން ދިޔަ ބޭބޭފުޅުންނަށް އިޝާރާތް ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާސިމް ވިދާޅުވެފައިވަނީ އެޕާޓީން ވަކިވެގެން ދިޔަ ބަޔަކު ޖޯޝާއި ހިތްވަރާއެކު ސިޔާސީ މަސައްކަތުގައި އުޅުމަކީ އޭނާ ވަރަށް އުފާ ކުރާ ކަމެއް ކަމަށެވެ. އަދި، އެކަމުން ބުނެދެނީ ޖޭޕީން ތަމުރީނުކޮށް، ސިޔާސީ ލީޑަރުން އުފައްދާކަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ގާސިމް އިބްރާހިމްގެ އިންސްޓިޓިއުޝަން ތަކުގެ ތެރެއިން ނުކުމެގެން އަންނަ މީހުންގެ އެބަހުރި ދޯ ކޮލިޓީއެއް. ބޭނުންތެރިކަމެއް އެބަހުރި ކަމެއް. އެއްވެސް ބޭނުމެއް ނުހިފި ފޮޅާލެވެން ތިބި ބައެއް ނޫންކަން ވަރަށް ރަނގަޅަށް ސާފުކޮށް އެނގޭ" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވި ގޮތުގައި ޖޭޕީން ނުކުމެގެންދާ މީހުން ސިޔާސީ މަސައްކަތުގައި އުޅުމަކީ އެޕާޓީއަށް ލިބޭ އުފަލަކަށް ވާ އިރު، އެއިން ބުނެދެނީ އެޕާޓީން ސިޔާސީ ލީޑަރުން އުފައްދާ ކަމެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މަތިމަތިން

    ރާއްޖޭގެ ރައްޔިތުންނަށް މި ޤަރުނުގައި ދޯކާދިން އެންމެ އިސްމީހަކީ ގާސިމް. ރާއްޖޭގައި ވިއްސަކަށް އަހަރަށްވުރެން ގިނަ ދުވަސް ހިއްސާގެ ބާޒާރަށްވީއިރު ރައްޔިތުންގެ އެތައް މުދަލެއް ނަގައިގެން އެއްވެސް ހިއްސާއެއް ނުވިއްކައި އެތަންތަނުން ނަފާ ހޯދަމުންދާ މަކަރުވެރި މީހެއް. ވަކިވަރަކަށްވުރެން އެސެޓް ބޮޑެތި ހުރިހާ ކުންފުންޏަކުން ހިއްސާ ނުވިއްކައި ވިޔަފާރި ކުރުން މިހާރުން މިހާރަށް މަނާކުރަންޖެހޭ. އެއްވެސް ކުންފުންޏަކަށް މިނޫން ގޮތަކަށް މިގައުމުގައި ވިޔަފާރި ނުކުރެވޭނެ ކަމަށް ގާނޫނު ހަދަން މިހާރު އެބަޖެހޭ. އެހެން ނޫންނަމަ މިހާރަށްވުރެން ރައްޔިތުން ބިކަވެ އަޅުދާސްވާނެ.

    22
    1
  2. Anonymous

    ކަލޯގަޔާ! ކާސިންބެގެ ތަރި އޮއްސިއްޖެ. އިރާދަފުޅާއެކު ދެން އަރާނީ ނާޒިމުގެ ތަރި. ކާސިމަކީ ފައިސާ ބަހައިގެން ރައްޔިތުންގެ ތާއީދު ހޯދި މީހެއް. ނާޒިމަކީ ބުއްދީގެ ބާރާއި މޮޅު ރޭވުންތެރިކަމުގެ ލާމަސީލު ވެރިއެއް. ނާޒިމާ ނުލައި މިރާއްޖޭގެ ވެރިކަމެއް ދެން ނުކުރެވޭނެ.

    11
    32
  3. Anonymous

    ނާޒިމްވެސް އިންތިހާބުގައިވާދަކުރީމާ ތިމަންނަގެ އިސްކޮޅު ތިމަންނައަށްއެގޭނީ. ގާސިމުވެސް އިންތިހާބުގައިބައިވެރިވެ ހަފުސްވެފައެހެރީ!!

    23
    2
  4. Anonymous

    ކާކުތަ މި ނާޒިމަކީ

    14
    2
  5. އަހައްމަދޫ

    ސޯ ފޭކް. ލަދެއްވެސް ނުގަނޭ