ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން އައްޑޫ ސިޓީ ހިތަދޫ އަދި ހުޅުދޫގައި އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ބައެއް ފްލެޓްތައް އަލުން ދޫކުރުން އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

ހިތަދޫ އާއި ހުޅުދޫގައި ހުރި ފްލެޓްތަކުގެ ތެރެއިން ޢާންމުކޮށް މިހާތަނަށް ދޫނުކޮށްހުރި ފްލެޓްތައް (ކުރިން ވިއްކާގޮތަށް ބެހެއްޓިފައިހުރި ފްލެޓްތައް) ވިޔަފާރީގެ އުޞޫލުން ވިއްކުމުގެ ބަދަލުގައި، ސޯޝަލް ހައުސިންގ ސްކީމްގެ ދަށުން ކުރިންވެސް ހައުސިންގ ޔުނިޓް ދޫކުރުމަށް ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް ދޫކުރުމަށް ހައުސިންގ މިނިސްޓްރީއިން ނިންމަވާ ކައުންސިލް އިދާރާއިން އެކަން ކުރިއަށް ގެންގޮސްދެއްވުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ހިތަދޫގައި އިމާރާތްކޮށްފައިވާ 264 ފްލެޓުގެ ތެރެއިން ކުރިން ވިއްކާ ގޮތަށް ބެހެއްޓީ 32 ފްލެޓެވެ. ސޯޝަލް ހައުސިންގ ސްކީމްގެދަށުން ކުރިންވެސް ހައުސިންގ ޔުނިޓް ދޫކުރުމަށް ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް މި 32 ފްލެޓަށް ކުރިމަތިލެވޭނީ އައްޑޫސިޓީގެ ހިތަދޫ ރައްޔިތުންނާއި ހިތަދޫއަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ މަރަދޫ، މަރަދޫފޭދޫ، ފޭދޫ ރައްޔިތުންނަށެވެ.

ހުޅުދޫގައި އިމާރާތްކޮށްފައިވާ 48 ފްލެޓުގެ ތެރެއިން ކުރިން ވިއްކާ ގޮތަށް ބެހެއްޓީ 9 ފްލެޓެވެ. ސޯޝަލް ހައުސިންގ ސްކީމްގެދަށުން ކުރިންވެސް ހައުސިންގ ޔުނިޓް ދޫކުރުމަށް ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް މި 9 ފްލެޓަށް ކުރިމަތިލެވޭނީ އައްޑޫސިޓީގެ ހުޅުދޫ އާއި މީދޫ ގެ ރައްޔިތުންނަށެވެ.

ހިތަދޫގައި އިމާރާތްކޮށްފައިވާ 264 ފްލެޓްގެ ތެރެއިން އާއްމުކޮށް ދޫކުރަން ހުޅުވާލީ 230 ފްލެޓެވެ. މިހާތަނަށް 180 ފްލެޓް ހަވާލު ކޮށްފައިވާ އިރު، 50 ފްލެޓް ވަނީ ހަވާލު ނުކުރެވިއެވެ. ހުޅުދޫގައި ހުރި 48 ފްލެޓްގެ ތެރެއިން އާއްމުކޮށް ދޫކުރަން ހުޅުވާލީ 38 ފްލެޓެވެ. ފްލެޓަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވީ 25 ފަރާތުންނެވެ. އަދި މިހާތަނަށް އެގްރީމެންޓްގައި ސޮއި ކޮށްފައިވަނީ 4 ފަރާތެކެވެ.

ފްލެޓަށް އެދޭ ފޯމް ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ އެހެނިހެން ލިއުކިއުންތަކާއެކު ކައުންސިލްގެ އިދާރާއަށް ހުށަހަޅަންޖެހެނީ މި ޖަނަވަރީ މަހުގެ 16 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިންނެވެ. މި ފޯމްތައް އައްޑޫ ސިޓީ ކައުންސިލް އިދާރާގެ އިތުރުން އަވަށު އޮފީސްތަކުން ލިބޭނެއެވެ.