2012 ވަނަ އަހަރުގެ ޑިސެމްބަރު މަހު ތެރޭގައި އައްޑޫ ސިޓީ މަރަދޫ ގައި ކުއްޖަކު ވިހެއުމަށްފަހު، އެ ކުއްޖާ ވަޅުލި މައްސަލައިގައި ޝަރީޢަތުގެ އަޑު އެހުމެއް މިއަދު ބާއްވާފައިވާއިރު، މިއަދު ކުރިއަށް ދިޔައީ އެ މައްސަލައާއި ގުޅިގެން ހުށަހަޅާފައިވާ ހެކި ތަކާއި ގުޅިގެން ފެދަރާތުން ވާހަކަ ދެއްކުމެވެ.

މި މައްސަލައިގެ ޝަރީޢަތް މިއަދު ކުރިއަށް ދިޔަ ގޮތާއި ގުޅޭގޮތުން "ރާއްޖެ އެމްވީ" އިން ރިޕޯޓު ކޮށްފައިވަނީ، ދައުލަތުން ހުށައަޅާފައިވާ ބުނެފައިވާ ގޮތުން، ތުއްތު ކުއްޖާ ނެގިއިރު ވިންދުޖަހާހެން ހީވާ ކަމަށާއި، ވަޅުލިއިރު މަރު ނުވާކަމަށް ލަފާ ކުރެވޭ ކަމަށް ގިނަ ހެކިބަސްތަކުގައި ބުނެފައިވާ ކަމަށެވެ. އެގޮތުން އެކަން ހިނގިއިރު، ސ. ގަން ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރި ފުލުސް އޮފިސަރަކު ހެކިބަސް ދެމުން ބުނެފައިވަނީ، ކުއްޖާ ވަޅުލާފައިވާތަން ޓޯޗުން އަލިކޮށްގެން ބެލިއިރު ފިޔާތޮށި ޓީޝަރޓެއްގައި އޮޅާފައި އޮތް "އެއްޗެއް" ފެނުނު ކަމަށާއި، ބެލިބެލުމުން އެއީ ތުއްތު ކުއްޖެއްކަން އެނގުނު ކަމަށް ބުނެފައިވާ ކަމަށްވެސް އެ ނޫހުގައި ވަނީ ރިޕޯޓް ކޮށްފައެވެ.

ހަމަ އެހެންމެ، މި މައްސަލަ އާއި ގުޅިގެން ދަޢުލަތުން ހުށަހެޅި 2 ސިއްރު ހެއްކެއްވެސް ބުނެފައިވާ ގޮތުގައި، ކުއްޖާ އޮތީ ފިޔާތޮށި ކުލައިގެ ޓީޝަރޓަކަށް ލާފައި ކަމަށާއި، އޭގެ ތެރެއިން ކުއްޖާ ނެގިއިރު އޮތީ ފެންދުލިގަނޑާވެސް އެކުގައި ކަމަށް އެ ނޫހުގައި ވަނީ ބުނެފައެވެ. އަދި ކުއްޖާ ގައިގައި ގާތްގަނޑަކަށް 7 އިންޗި ހުންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި، ކުއްޖާގެ ވިންދު ހުރިއިރު، ފައިވެސް ކުޑަކޮށް ތެޅޭހެން ހީވާކަމަށް ބުނެ ހެކިވެރިއަކު ހެކި ބަސް ދީފައިވާ ކަންވެސް ވަނީ ފާހަގަ ކޮށްފައެވެ.

މަރަދޫފޭދޫގައި ވިހެއުމަށްފަހު ކުއްޖާ ވަޅުލި މައްސަލާގައި ގަސްތުގައި ކުއްޖަކު މެރުމުގެ ދައުވާ އުފުލާފައި ވަނީ ސ. މަރަދޫ ޝޭމްރޮކް އާމިނަތު ޝާހީ އާލަމް، އާއި އޭނާގެ ފިރިމީހާ ސ. މަރަދޫފޭދޫ ފިނިފެންމާގޭ އިބްރާހީމް ވިސާމްގެ މައްޗަށެވެ.

ވިހެއުމަށްފަހު ދަރިފުޅު މަރާލި މި މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމެއް 1 އަހަރު ފަހުން، ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް ބާއްވާފައިވަނީ މިއަހަރުގެ ނޮވެމްބަރ މަހުގެ 17 ވަނަ ދުވަހުއެވެ.

ޝާހީ ވިހެއުމުން ދަރިފުޅު ކޮތަޅަކަށް ލައިގެން ގޮސް އޭނާގެ ފިރިމީހާ އެރަށު ބިއުޓީރޯސްގެއާ ދިމާލު އަތިރިމަތީގައި ދަރިފުޅު ވަޅުލާފައިވާ ކަމަށް ވެސް މި މައްސަލައިގެ ދައުވާގައި ވަނީ ބުނެފައެވެ.. އަދި އެ ސަރަހައްދަށް ގޮސް އެތަން ކޮނެގެން، ކޮތަޅަކަށް ލާފައި އޮތް އެ ކުއްޖާ ނަގައި ފުލުހުން ހިތަދޫ ރީޖިނަލް ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އެ ކުއްޖާ މަރުވެފައި ވަނީވެސް ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށް އެތަނުގައި މަސައްކަތްކުރާ ނަރުހަކު ބުނެފައިވާ ކަމަށް ވެސް ދައުވާގައި ބުނެފައިވެ އެވެ.

މި މައްސަލައިގައި ދެން އޮންނާނީ ޙުލާސާ ބަޔާން އިއްވުމެވެ. ޙުލާސާ ބަޔާން އިއްވުމަށް ތާވަލް ކޮށްފައިވަނީ އަންނަ މަހުގެ 4 ވަނަ ދުވަހަށެވެ. އަދި މި މައްސަލައިގެ ޙުކުމް ކުރުން، އަންނަ މަހުގެ 27 ވަނަ ދުވަހަށްވެސް ވަނީ ތާވަލް ކޮށްފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުހަންމަދު

    2012 ގެ މައްސަލައެއް. އަދި އެއުޅެހީ ހެކިބަހާ ހިސަަބުގަ. ކިހާ ދެރަދޯ.

    33
  2. ތުގުވަ

    ތިޔަކަހަލަ މައްސަލަ މިހާރު ނުހިނގާނެ. ޓިޔަކީ މިހާރު މަްސަލައެއް ނޫން

    12
    5