އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމު ގަވާއިދުން މުޠާލިޢާކުރުމާއެކު، ޙައްޤުވެރިންނަށް އެހީ ކަށަވަރުކުރުމުގެ ގޮތުން މޮނިޓަރކުރަން ޖެހޭކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ޔުނިސެފް މޯލްޑިވްސްގެ އެހީތެރިކަމާއެކު ނޭޝެނެލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ފަރާތުން މިއަދު ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ކުރިއަށް ގެންދިޔަ "ސޯޝަލް ޕްރޮޓެކްޝަން އިވެލުއޭޝަން ވޯކްޝޮޕް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަަރ ވިދާޅުވީ، މި އަހަރުގެ ބަޖެޓުގައި އިޖުތިމާޢީ ރައްކާތެރިކަމަށް ގާތްގަނޑަކަށް 3.9 ބިލިޔަން ރުފިޔާ ސަރުކާރުން ކަނޑައަޅުއްވައިފައިވާ ކަމަށާއި، އޭގެ ތެރެއިން 1.3 ބިލިޔަން ރުފިޔާ ޚާއްޞަކުރެވިފައިވަނީ ބޭސްފަރުވާއަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކަމަށެވެ. އަދި އިތުރު 1.3 ބިލިޔަން ރުފިޔާ އުމުރުން ދުވަސްވީ މީހުނަށް ޚާއްޞަކުރެވިފައިވާއިރު، އިޖުތިމާޢީ ރައްކާތެރިކަމަށް ކުރެވޭ އެހެނިހެން ޚަރަދުތަކަށް 1.2 ބިލިޔަން ރުފިޔާ ޚާއްޞަކުރެވިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި މި ކަމުން ވެސް މުޅި މުޖުތަމަޢުގެ ހަމަހަމަކަމާއި ހަމަޖެހުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާކަން ހާމަވާކަމަށް ޝިދާތާ ވިދާޅުވިއެވެ.

މިނިސްޓަރ ޝިދާތާ ވިދާޅުވީ، އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން ގިނަ އެހީތަކެއްގެ ފައިދާ މުޖުތަމަޢަށް ލިބެމުންދިޔަ ނަމަވެސް އެހީ ޙައްޤުވާ ބައެއް ޢާއިލާތަކަށް އިޖުތިމާޢީ ރައްކާތެރިކަމުގެ ތެރެއިން ފޯރުކޮށްދޭ އެހީތެރިކަމުގެ މަޢުލޫމާތު ފުރިހަމައަށް ފޯރާފައިނުވާ ކަމަށެވެ.

އަދި ޙައްޤުވެރި ނޫން ބައެއް ފަރާތްތަކުން ނިޒާމުގެ ތެރެއިން ނާޖާއިޒުފައިދާ ނަގަމުންދާކަަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޝިދާތާ ވިދާޅުވި ގޮތުގައި ފަޤީރު ޙާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމާއި ފަޤީރު ޙާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެ ކުދިން ބަލަހައްޓާ ފަރާތަށް ދެވޭ އެހީގެ ޕްރޮގްރާމް 2010ވަނަ އަހަރުން ފެށިގެން ކުރިއަށް ދިޔަކަމުގައި ވިޔަސް، އެ އެހީތަކުގެ ސަބަބުން ފަރުދީ ގޮތުންނާއި ޖަމާޢީ ގޮތުން ކުރަމުންދާ ހެޔޮ އަސަރު ދެނެގަނެވިފައެއް ނުވާ ކަމަށެވެ.

އެހެންކަމުން ޔުނިސެޕް މޯލްޑިވްސްގެ އެހީތެރިކަމާއެކު، ޑިވަލޮޕްމަންޓް ޕާތުވޭގެ ފަރާތުން ކުރިއަށް ގެންދާ "އިވެލުއޭޝަން" މަސައްކަތުގެ ސަބަބުން، މި އެހީތައް އޭގެ ޙައްޤުވެރިންނަށް ފޯރާ މިންވަރާއި، އެހީތަކުގެ ސަބަބުން އެހީގެ ޙައްޤުވެރިންނަށް ކުރާ ފައިދާތަކާއި، ގެންނަންޖެހޭ މުހިންމު ބަދަލުތައް ދެނެގަނެވޭކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. 19 ނަވާރަ

    ކޮޔާ މި ކޮއެ މިކިޔަނީ ކިޔެކޭތަ. އެޖެންޑާ19 އަކު ތިޔާފަދަ ކަންތަކެއް ނުބަލާނޭ. ކޮޔާއަށް އެގޭތަ. މީހުން އުޅޭ ނިކަމެތި ހާލު. ކޮޔާއަށް އެގޭނީ ދަތްޕިލާ ސޭލްއަޅުވަން.

    4
    1
  2. ހުސޭނުބޭ

    ބަލަގަ ދައިތާ! ހައްޤުތަކުގައި އޮތީ ގެއްލޭ ބެޑްޝީޓު އަޅާފައޭ! މިއަދުވެސް ކައުންސެލަރުންގެ މުސާރަ ބޮޑުކޮށްދިނީ! ގުދުބިދޭދެން މަސައްކަތްކުރާ ސިވިލްސާވެންޓް މީހާގެ ހައްޤުގައި އޮތީ ގެއްލޭ ބެޑްޝީޓު އަޅާފައި! ދައިތަ ތިހެން ކިޔަން ލަދުކޮބައި؟

    6
    1
  3. ބެއްޔާ

    ވޯޓާދިމާކޮށް ކޮންހާ ބޭކާރު ވާހަކައެއް ލާދީނީ މީހުން މިދައްކަނީ. ގެއްލިގެން އުޅޭ ހައްގުތައް ގެއްލެނީ ގެއްލޭ ބެޑްޝީޓްގެ ސަބަބުން.

    5
    1