އަވަހަށް ތަރައްގީ ގެނެވޭނީ ތަރައްގީގެ ފިކުރާއި ވައްޓަފާޅި ހުރި ބަޔަކަށް ކަމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާުގެ އިކޮނޮމިކް މިނިސްޓަރ އަދި މިހާރުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެެ.

ސައީދު މިހެން ވިދާޅުވީ، އަވަހަށް ތަރައްގީ ގެނެވޭނީ ހުރިހާ އިންތިހާބެއް އެއްކޮށް ބޭއްވުމުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ސައީދު ވިދާޅުވީ، އަވަހަށް ތަރައްގީ ގެނެވޭނީ ތަރައްގީގެ ފިކުރާއި ވައްޓަފާޅި ހުރި ބަޔަކަށް ކަމަށެވެ. އަދި މުޅި ދައުލަތު އިންތިހާބުތަކާއި، ފަސް އަހަރުގެ ބަޖެޓްއެއްކޮށް ދިނަސް ހުސްވަނީ ކަމަށެވެ.

ރޭ ރައީސް ވިދާޅުވީ، ތިން އިންތިޚާބު އެއްކޮށް ބާއްވައިފިނަމަ، މިހާރު މިއުޅޭ ލަސްކަން ފިލައިގެން ދާނެ ކަމަށާއި އަދި އަދި މަސައްކަތުގައި އިތުރު ހަލުވި ކަމެއް ލިބިގެންދާނެ ކަމަށެވެ.

"ތެދުފުޅެއް ބައެއް ކަންތައްތައް ކުޑަކޮށް ލަސްވެފައި ހުރެދާނެ، އެންމެ ބޮޑު ސަބަބަކަށް އަޅުގަނޑަށް ފެންނަނީ އިންތިހާބުތައް ވަކިވަކިން އޮތުމުން. އަޅުގަނޑުމެން ވެއްޖެ ކޮންމެވެސް ހިސާބެއްގައި މި ތިން އިންތިހާބު އެއްދުވަހެއްގައި އެއްވަގުތެއްގައި ބޭއްވުމުގެ މަސައްކަތް ކުރަން. އެހެން ނޫންނަމަ ކަންތައްތައް ހިންގުމުގައި ލަސްތަކެއް އެބައާދޭ. ހުރިހާ އިންތިހާބެއް އެއްދުވަސްވަރެއްގައި ބޭއްވިއްޖެއްޔާ ޤައުމުގެ ތަރައްޤީއަށްޓަކައި އަޅުގަނޑުމެން މި ކުރާ މަސައްކަތްތަކުގައި އިތުރު ހަލުވިކަމެއް ލިބިގެންދާނެ." ރައީސް ޞާލިޙް ވިދާޅުވިއެވެ.