ރާޢްޖެ ޓީވީގެ ކުރީގެ ޗެއާމަން މިހާރު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ދަރަންޏަށް ނެގި ފައިސާތަކެއް ނުދިން ކަމަށް ބުނެ ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ޓްވިޓާގައި ޗެކްތަކެއްގެ ފޮޓޯ އާއްމު ކުރައްވައިފިއެވެ.

އަކްރަމް ދެއްވާފައި ހުރި ޑޭޓެޑް ޗެކްތަކެއްގެ ފޮޓޯ މުސްތަފާ އާއްމު ކުރެއްވީ އަކްރަމް އޭނާ އަށް ދޭން ޖެހޭ ފައިސާ މިހަފްތާގައި ނުދީފިނަމަ ހެކި އާއްމު ކުރާނެ ކަމަށް ވިދާޅުވެ މުސްތަފާ ކުރެއްވި ޓްވީޓް އަކްރަމް ދޮގު ކުރެއްވުމުންނެވެ. މުސްތަފާ ވިދާޅުވީ "ރާއްޖެ ޓީވީ" ގައި ހުރި ހުރިހާ އިކްއިޕްމެންޓަކީ މުސްތަފާގެ ފައިސާ އަށް ގަނެފައި ހުރި އެއްޗެހި ކަމަށެވެ.

މުސްތަފާގެ އެޓްވީޓަށް ރައްދު ދެއްވަމުން އަކްރަމް ވިދާޅުވީ "ރާއްޖެޓީވީ" ގެ ނަމުގައި އެއްވެސް މުއާމަލާތެއް އެއްވެސް އިރެއްގައި މުސްތަފާ އާއި އެކު ކޮށްފައި ނުވާނެ ކަމަށެވެ.

އަކްރަމް އެހެން ވިދާޅުވުމުން މުސްތަފާ ވަނީ އަނެއްކާ އަކްރަމަށް ރައްދު ދެއްވާފައެވެ.

"އާނ ދީފައި ހުރި ޗެކްތަކުގައި ހުރީ ރާއްޖެޓީވީގެ ނަމެއް ނޫން. އަކްރަމް ކަމާލުއްދީންގެ ނަން. ފައިސާ ގެންދިޔައީ ރާއްޖެޓީވީގެ ސާވާ ގަންނާށޭ ކިޔާފައި. އެބައިންދާނީ ސަރުކާރަށް ނުފެންނަ ތަނެއްގައި ސިލޯނުގައޭ ކިޔާފައި." މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ ވަނީ ރާއްޖެޓީވީ އަންދާލުމުގެ އެންމެ ބޮޑު ތުހުމަތެއް ކުރެވެނީ ވެސް އަކްރަމަށް ކަމަށް ވިދާޅުވެފައެވެ.

އަކްރަމްގެ ޓްވީޓަށް ރައްދު ދެއްވަމުން މުސްތަފާ ޗެކްތަކުގެ ފޮޓޯ އާއްމު ކުރައްވާ ވިދާޅުވީ ދެމިލިއަން ރުފިޔާ ދައްކާފައި ވާހަކަ ދައްކަން އެދިވަޑައިގަންނަވާ ކަމަށެވެ.

"ރާއްޖެޓީވީ" ގެ ހިއްސާ ރައީސް ޞާލިހް ބައްލަވައިގެންނެވި ކަމަށާއި ނަމަވެސް ފައިސާ ނުލިބިގެން އުޅޭ ކަމަށް އަކްރަމް ވިދާޅުވި ކަމަށް ވެސް މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ އާއްމު ކުރެއްވި ޗެކްތަކުގެ ތެރޭގައި 1.1 މިލިއަން ރުފިޔާގެ ޗެކަކާއި، ތިން ލައްކަ ރުފިޔާގެ ޗެކަކާއި، ދެލައްކަ ރުފިޔާގެ ޗެކަކާއި އެއްލައްކަ ރުފިޔާ އޮތް ތިން ޗެކާއި އަދި 60000 ރުފިޔާގެ ޗެކެއް ވެސް އޮތެވެ. ހަތަރު ޗެކެއް ދީފައި ވަނީ 2015 ވަނަ އަހަރުގެ ތާރީޚްގައެވެ. ދެން ހުރި ޗެކްތައް ދީފައި ވަނީ 2019 ވަނަ އަހަރުއެވެ. ހުރިހާ ޗެކެއް ވެސް ދީފައި ވަނީ އަކްރަމްގެ އެކައުންޓުންނެވެ.

އިތުރަށް ބޭޒާރުނުވުމަށް މަޑުން ހުރުމަށް ވެސް މުސްތަފާ ވަނީ ޓްވިޓާގައި އަކްރަމަށް ނަސޭހަތްތެރިވެފައެވެ.

މުސްތަފާ ވަނީ އަކްރަމްގެ މައްސަލަ މިހާރު ކޯޓަށް ހުށަހަޅާފައިވާނެ ކަމަށް ވިދާޅުވެފައެވެ.

އަކްރަމް އޭޑީކޭ ނާޝިދު އަތުން ނެންގެވި ބައި މިލިއަނަށް ވުރެ ގިނަ ރުފިޔާ އަނބުރާ ދައްކަން ދެއްވި ޗެކްތަކެއް ބައުންސް ވުމުން ވެސް މީގެ ކުރިން މައްސަލަ ކޯޓަށް ހުށަހަޅާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ހސނ

    އަކުރަމް އަކީ މަކަރާ ހީލަތުން ކަންތައް ކުރާ މީހެއް. ރާއްޖެ ޓީވީ އަންދާލީ އަކުރަމް. އެތާ ހުރި މުހިއްމު ހުރިހާ އެއްޗެއް އޭނަގެ ގާތް މީހެއްގެ ގެއަށް ވެއްދި އެ ހާދިސާ ހިނގުމުގެ ކުރިން. ހެކި އެބަހުރި.

    29
  2. މޮޔަސޮރު

    ތީވަރަށް ހަޑިކަންތައްކުރާމީހެއް އަކުރަމް

    23
  3. ލަލިތު

    މުޅިން ބޭޒާރުވެ އޮރިޔާންވަނީ. އަދީބަށް ރާއްޖެޓީވީ ރޯކޮށްލަދީ ބަދަލުގައި އެމްއެމް ޕީއާރުސީ ދައުލަތުގެ ފައިސާއިން އަކްރަމް އެހެރީ އެތައް ގުނަ ފައިސާއެއް ބަނޑު އަަޅައިގެން. އަކްރަމް ކުޅެދިން ޝޯވް އިން ލިބުންވަރު ހަމައެގޭނީ އަކްރަމަށް. މިހާރު އެބަތިލަވޭ. ރާއްްޖެޓީވީ ރޯކޮށްލުމުން ފުލްސެޓަޕް 7 ދުވަސްކުރިން އެމްއެމްޕީއާރުސީގެ ފައިސާއިން ހަދާދީފަ އަދީބު އޮތީ. ދެން އެއެސެޓް ވެއްދީ އިބޫގެ އަންބޮޑިއަށް. އިބޫ އެއޮތީ މަނީ ލޯންޑަރ ކޮށްދީފައި އަކުރަމަށް. ބޭޒާރުވެ ނިމިއްޖެ ހަމަރަގަޅަށް

    26
  4. މޮޔަދިޔެ!

    މާތްކަލާކޯ! ތީ އިބްރާހީމްރައީސްގެ ޒީރޯޓޮލަރެންސް!

    24
    • 19 ނަވާރަ

      ތީ ޒީރޯ ޓޮލަރެންސް ގެ އައްޕަ. މި ގައުމުގައި މަނީ ލޯންޑްރީ ކުރީ ރ.ޔާމީން އެކަނި. ދެން ނުހުންނާނެ. ބަލަ ޔާމިން ފައިސާތައް ދޮވެފަ ސަރުކާރަށް ފެންނަގޮތަށް ބަހައްޓާފަ ހުރީ. އެހެންވީމާ ޖަލަށްލާން ޖެހުނީ. ހޯހޯ ރައީސް ޓޮލަރެންސްބޭ

      13
      1
  5. މަލަދުން

    މާވަގެއް!؟ ސާބަހޭ ކަލޯމެނޭ. ތިމަރަބެއަކީވެސް ރާޓީވީ ޖަރީމާތަކުގެ ބައިވެރިއެއްތާ. ޖާބިރު ބުނާ ވަގުކަލޭގެވެސް ތީގެ ހަގީގީ ބައިވެރިއެއް އެހެންނު. ނޫނޭ ލާރިއަށް ބޫތު ކައިފަ އެބަހުރި.

    19
  6. ކިނބޫ

    މިބައިގަނޑަކު ސަހަލު އެންމެ ވަގެއްވެސް ނެތް.

    18
  7. އަލި

    ތިނަދޫ އިންޖީނުގެ ރޯކޮށްލި މައްސަލާގައި ހޯދަން ފެށުމުން ފިލައިގެން ލަންކާއަށް ގޮސް ހުރީ ފުލުހުން އޭނާ ހޯދުމަށް އިއުލާން ވެސް ކުރި އެނބުރި ރާއްޖެ އައީ މިސަރުކާރު ހޮވުމުން އަދިވެސް އެމައްސަލައިގެ ފައިލު ބަންދެއް ނުކުރޭ ..... މާވާގޭ ސައްތަރޭ ވަނަމަކަށް ވެސް ކިޔާ އުޅޭ އަކުރަމަށް ކޮންމެވެސް ކުއްޖަކު މިސުވާލުވެސް ކޮށްލަ ބަލަ

    11
  8. އަހްމަދު

    މާދަމާ ހޫދު ބުނާނެ ރައީސް ސޯލިހާ ބެހޭގޮތުން ތިޔަ ދައްކަނީ ދޮގު ވާހަކައެކޭ.

  9. ާަާމަ

    ކޮބާހީވޭ ކަމެއްހެން! ވަރަށް ސޯލިހެއްނު! އަނެއްކާ މުސްތޮފާބެއަށް އޮލިގެން ދެއްކިވާހަކައަކަށް ނުވާނެބާ؟!

  10. ޢަންސާރު

    ﷲ އިރާދަކުރެއްވިއްޔާ ތިޔަ އަކްރަމަކަށް ރާކަނިމަސް ކެވޭނެ...