އީޔޫގެ ހުށަހެޅުމަކީ ރާއްޖޭގައި މަޝްވަރާ ކުރެވޭނެ ހުށަހެޅުމަށް ނޫން ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިގޮތަށް ވިދާޅުވީ، ކޮންމެ ދިވެހި ރައްޔިތަކު މުސްލިމަކަށްވާން ޖެހޭނެ ކަމަށް ޤާނޫނު އަސާސީގައި އޮތް އޮތުން ބަދަލު ކުރުމަށް، އިދިކޮޅު އިއްތިހާދާއި ގުޅުން ބޮޑު ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދިވެހި ސަރުކާރަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

"އީޔޫގެ ހުށަހެޅުމަކީ ރާއްޖޭގައި މަޝްވަރާވެސް ކުރެވޭ ހުށަހެޅުމެއް ނޫން. މާތްﷲގެ ރަޙުމަތްފުޅާއިއެކު، ދިވެހިރާއްޖެ އަބަދުވެސް ދެމިއޮންނާނީ 100 އިންސައްތަ މުސްލިމްޤައުމެއްގެ ގޮތުގައި. މިހާރު ދިވެހި ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭނެ ރައީސް ނަޝީދު ބޭނުންވެގެން އުޅޭނީ ކޮން ކަމެއްކަން،" އީޔޫގެ ހުށަހެޅުމަށް ރައްދު ދެއްވަމުން އަދުރޭ ވިދާޅުވިއެވެ.

އީޔޫއިން ދިވެހި ދައުލަތުގެ ދައުވަތަކަށް "އިލެކްޓޯރަލް ފޮލޯއަޕް މިޝަން" (އީއެފްއެމް) އިން މިދިޔަ ޖެނުއަރީ މަހު 8 އަކުން 11 އަށް ރާއްޖެއަށް ކުރި ދަތުރަށް ފަހު ރާއްޖޭގައި ހުރި މައްސަލަތަކާއި ބެހޭގޮތުން ކަންބޮޑުވުން ފާޅުކޮށް ނެރުނު ރިޕޯޓުގައި ބުނެފައިވަނީ، ދިވެއްސަކު އިސްލާމް ދީން ދޫކޮށްލިޔަސް އެމީހަކީ ދިވެހި ރައްޔިތެއް ކަމުގައި ބަލައިގަނެ، ވޯޓު ދިނުމުގެ ހައްގު ލިބިދޭ ގޮތަށް ގާނޫނުއަސާސީގެ ނުވަ ވަނަ މާއްދާ އަށް ބަދަލު ގެނައުމަށާއި އިންތިހާބުތަކުގައި ވާދަކުރެވޭނީ ސުންނީ މުސްލިމުންނަށް ކަމަށް ގާނޫނުތަކުގައި ކަނޑައަޅާފައި އޮތް އޮތުމަށް ބަދަލު ގެނައުމަށެވެ.

މީގެ އިތުރުން ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ، ސުންނަތް ޖަމާއަތުގެ މުސްލިމަކަށް ވުމުގެ ޝަރުތު ބަދަލުކުރަން ވެސް އީޔޫގެ ރިޕޯޓުގައި ވަނީ ހުށަހަޅާފައެވެ.

ގާނޫނު އަސާސީގެ ނުވަ ވަނަ މާއްދާއަކީ ދިވެހި ރައްޔިތަކަށް ވެވޭނީ މުސްލިމަކަށް ވެގެން ކަމަށް ބުނާ މާއްދާއެވެ. އެހެން ކަމުން އީޔޫއިން ބުނި ހުށަހަޅާފައިވާ ގޮތައް ގާނޫނު އަސާސީއަށް ބަދަލު ގެނެސްފި ނަމަ އެކަން ވެގެންދާނީ ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށްކަމަށް ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހާމިދު ޔަހުޔާ

    އީޔޫއަކީ ބޮޑު ނޮހޮރުއްޕާނެއް. އަދި އެބައި މީހުންގެ އަތުން ވާގިހޯދަން ގޮސް އުޅޭ، ނަޝީދާއި އޭނާގެ ބައިވެރިންނަކީވެސް މިގައުމަށް ޖެހިފައިވާ މިޖީލުގެ ސުންޕާ މުސީބާތެއް.

  2. ވަޅުކައްޓަފުޅި

    ރަގަނޅު.. ތިގޮތުގަ ހިފަހައްޓާތި?

  3. ފާތިމާ

    100% މުސްލިމް... ނުކުރާކައް ނުބައިކަމެއް ނޯވޭ މި ގައުމުގަ...

  4. ސަނާ

    އަންނި އަށް ކެރެއްޏާ އިނގިރޭސުބަހުން ޓްވީޓް ކޮއްލަބަލަ މިގަރާރު ވަރަށް ހަރުކަށި އިބާރާތުން ކުއްވެރި ކޮށްފަ..... އަދި ކެރަފާ އާއި ޑރ. ޝަހީދުވެސް.... ހަމަ ޔަގީން މިމީހުން ޓްވީޓް ކުރާނީ، މިގަރާރުގަ އިން ވާހަކަ ކޮންމެވެސް ގޮތަކަށް ޓްވިސްޓް ކޮށްގެން ދެމާނަ ނެގޭކަހަލަ ގޮތަކަށް... ނުކެރޭނެ އިނގިރޭސިބަހުން މިޔާ ދެކޮޅަށް ޓްވީޓް ކުރާކަށް.