މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ކުރީގެ ބޯޑުން ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އާ އެކުގައި ވެފައިވާ އެއްބަސްވުންތަކައިގެން ކުރިޔަށް ދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އާ ސަރުކާރު އައިފަހުން އެކުލަވާލާފައިވާ ބޯޑުން ޓީއެމްއޭއަށް ދީފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ޓީއެމްއޭއިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ އެކުންފުންޏާއި އެމްއޭސީއެލްއާ އެކުގައި ކުރިއަށްދިޔަ ބައްދަލުވުންތަކަކީ އެމްއޭސީއެލްގެ މަންދޫބަކުވެސް އިނދެމެ ކުރިޔަށްދިޔަ ބައްދަލުވުންތަކެއް ކަމަށެވެ. އަދި އެ ބައްދަލުވުންތަކަކީ ހަމައާ އުސޫލުގެ ތެރެއިން "ގުޑް ފެއިތު"ގައި ކުރިޔަށްދިޔަ ބައްދަލުވުންތަކެއް ކަމަށް ޓީއެމްއޭއިން ބުންޏެވެ.

ޓީއެމްއޭއަށް އާ ސީޕްލޭން ޓާމިނަލް ދިނުމާއި ގުޅޭ ގޮތުން އެމްއޭސީއެލްއިން ޓީއެމްއޭއަށް ކޮށްފައިވާ ޝަރުތުތައް ބަޔާންކޮށް އެތައް ސިޓީތަކެއް ބަދަލު ކުރެވިފައިވާކަން ފާހަގަކޮށް ޓީއެމްއޭއިން ބުނީ އެ ސިޓީތަކުގައި ސޮއިކޮށްފައިވަނީ އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ކޮމާޝަން ހުސައިން ފަޒީލް ކަމަށެވެ. ޓީއެމްއޭއިން ބުނީ އެ ސިޓީތަކުގައި ބުނެފައިވާ ވާހަކަތަކަކީ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާއާ ބޯޑުން ވެސް އެޕްރޫވް ކުރެވިގެން ފޮނުވާ ސިޓީތަކެއް ކަމަށް އެކި ފަހަރުތައް މަތިން އެމްއޭސީއެލްއިން ބުނެފައިވާ ކަމަށެވެ.

ފަޒީލް ސޮއިކޮށް ފޮނުވި ސިޓީތަކަކީ އެމްއޭސީއެލް ގެ އޭރުގެ އެމްޑީ އާދިލް މޫސާ، އެޕްރޫވް ކޮއްގެން ފޮނުވި ސިޓީތަކެއްކަން ފަޒީލްވެސް ދާދިފަހުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވަނީ ވިދާޅުވެފައެވެ. އެކަން ޓީއެމްއޭގެ ބަޔާނުގައި ވަނީ ބުނެފައެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެކުލަވާލެވުނު އެމްއޭސީއެލް ގެ އާބޯޑަށް، ރައީސް ޔާމީންގެ ދައުރުގައި އެމްއޭސީއެލް އިން ނިންމާފައިވާ ނިންމުންތައް ރިވިއު ކުރަން ފުރުސަތު ލިބިމެ، އާ ބޯޑުންވެސް، އެތައް ފަހަރެއްގެ މަތިން، ޔަގީންކަން ދެމުންއައީ ކުރިން ވެވިފައިވާ ކޮމިޓްމަންޓްތައް ރަނގަޅުކަމަށާއި އަދި އެކޮމިޓްމަންޓްތައް ފުއްދާދޭނެ ކަމަށެވެ،" ޓީއެމްއޭއިން ބުންޏެވެ.

ޓީއެމްއޭއިން އެމްއޭސީއެލްއާއެކު ހެޔޮ ނިޔަތުގައި ބޭއްވި ބައްދަލުވުންތަކާއި އެކުލަވާލެވުނު އެއްބަސްވުމަކީ ޓީއެމްއޭ ގެ ފުޅާވަމުން އަންނަ އޮޕަރޭޝަނަށް އެކަށޭނެ ޖާގައެއް ލިއްބައިދޭނެ އެއްބަސްވުމެއް ކަމަށްވެސް ޓީއެމްއޭއިން ބުންޏެވެ.

ސަރުކާރުން މިހާރު ނިންމާފައި ވަނީ 10.35 ޑޮލަރުގެ ރޭޓުން، ސީޕްލޭން ޓާމިނަލުން 6،400 އަކަމީޓަރުގެ ޖާގަ ޓީއެމްއޭއަށް ދިނުމަށްފަހު، ޓާމިނަލް ބޭނުން ކުރާ އެހެން ކުންފުނިތަކުގެ ހިއްސާ މާކެޓްގައި މަސައްކަތްކުރާ މިންވަރަށް ބަލައި، މިވަގުތު އެފަރާތްތަކަށް ލިބިދީފައިވާ ލައުންޖްގެ އަދަދު ވެސް 10.35 ޑޮލަރުގެ ރޭޓުން ދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖަޑިބު

    ޝާހީ އާއިލާގެ ބޭފުޅާއަށް އަދަބު އިހްތިރާމް އާއިއެކު އެކު ދަންނަވަމެވެ ތިބޭފުޅާގެ ކާބަފައިންނަކީ ދިވެހިން ފިސާރި ލޯބިވާ ގައުމަށްޓަކައި އެތަކެއް ގުރްބާނީ އެއް ވެވަޑައި ގަންނަވައި ތާރީޚް އެބޭފުންނަށްޓަކައި ފަހުރުވެރިވާ ބޭފުޅުންނެވެ ދިވެހި ގައުމިއްޔަތު ހިމާޔަތްކުރުމަށް ދިވެހިންގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް ފިސާރި ރީތި ނަމޫނާ ދެއްކެވި ހެޔޮލަފާ ބޭފުޅުންނެވެ އެބޭފުޅުންގެ ހައްުގައިި ދަންނަވަމެވެ ތި ބޭފުލާ އަޅުއްވާ ކޮންމެ ފިޔަވަޅަކީ ތާރީޚް ފަޚްރުވެރިވާ ފިޔަވަޅަކަށް ހައްދަވާށެވެ ގައުމުގެ ހަރު މުދަލާ ތަރިކަ ގައުމުން ބީވާއިރު އެކަމުގައި ތިބޭފުޅާ ބައިވެރި ނުވާށެވެ އަލީ މާފަތް ކިލަގެފާނާއި ޢައްސުލްތާނު ހަސަން ނޫރަށް ދީނަށް ޢައްދާރު ނުވާށެވެ އެއާޕޯޓް ޣެރިމޯދީގެ މުދާގަނޑަކަށްހަދާ ދިވެހިންގެ މައްޗަށްގެރިމޯދީ ބަސްބުނާއިރު އެކަމުގައި ތިބޭފުޅާ ބައިވެރިވެއްޖެނަމަ އެއީ ތާރީޚްގައި ޖެހޭނެ ލައްގަނޑެކުވެ ހަބަރުދާރެވެ ބުއްޅަބޭގެ ބަހަށް ނުހެއްލޭށެވެ ދިވެހިން ތިބޭފުޅާ އަށް އިހްތިރާމް ކޮށް ލޯބިވެއެވެ އަޅުގަޑަކީ ބޯޑް މެމްބަރަށް އިހުތިރާމްކުރާ ފުޓްބޯޅަ ކުޅުން ތެރިއަކަށް ވާތީ ނަސޭހަތް ތެރިވަމެވެ

    8
    1
  2. ކޮރަލް

    ބޯޑުގަ ހުންނަ 5 ވަރަކަށް މެމްބަރުންނަށް ދައުލަތުގެ އެތައްމިލިއަން ޑޮލަރެއްގެ މުދާ ނުވިއްކޭ ނެއެވެ.

    16
  3. ބްރޯ

    ދަވްލަތަށް ގެއްލުންވާގޮތަށް ޓާމިނަލް ދީފިނަމަ ވެރިކަމުން ދުރުކުރުވާފަ ޓާމިނަލް އަތުލާނަން ބަދަލު ދޭންޖެހިއްޖެ ނަމަ ދައުވާކޮށް ދަވްލަތަށް ލިބުނުގެއްލުން ޒިނަމާވާންޖެހޭފަރާތުން ހޯދާނަން. ހަނދާން ބަހައްޓަވާތި.