ރާއްޖޭގައި އިންޓަނެޓުގެ އަގު ހެޔޮނުކޮށް ލަސް ކުރަމުންދާތީ ރައްޔިތުން ތިބީ މާޔޫސްވެފައި ކަމަށް ރައްޔިތުންގެ މަޖިލިހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްވެވި ރިޔާސީ ބަޔާނަށް ޖަވާބުދާރީވުމަށް މަޖިލިހުގައި ބޭއްވި ޖަލްސާގައި ސަލީމް ވިދާޅުވީ ޒަމާނީ ޓެކޮނަލަޖީ އާއި އީޖާދީ ގޮތްތަކުގެ ބޭނުން ހިފޭނީ އިންޓަނެޓުގެ އަގު ހެޔޮވެގެން ކަމަށެވެ. އެކަމަކު، އިންޓަނެޓުގެ އަގު ހެޔޮކުރުމުގެ ސިޔާސަތު މިއަދާ ހަމައަށް އައިއިރު ވެސް ތަންފީޒު ކުރެވިފައި ނުވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.

"ރައްޔިތުން ވަނީ މިކަމުގެ ސަބަބުން މާޔޫސްވެފައި،" ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަން ކުރައްވާ ސަލީމް ވިދާޅުވިއެވެ.

ރައްޔިތުން މިހާރު އެންމެ ބޮޑަށް ބޭނުންވާ އެއް ކަމަކީ ބޯހިޔާވަހިކަން ކަން ފާހަގަ ކުރައްވައި ސަލީމް ވިދާޅުވީ ރައްޔިތުންނަށް ބޯހިޔާވަހިކަމެއް ނެތުމަކީ އިޖުތިމާއީ މައްސަލަތަކެއް ފެށުން ކަމަށެވެ. މި މައްސަލަ އަށް ހައްލު ހޯދައި ދިނުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގޯތި ދިނުމުގެ މަޝްރޫއާއި ފްލެޓުތަކުގެ މަސައްކަތް ކުރެއްވި ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.

ސަލީމްގެ ވާހަކައިގައި ވަނީ ހިޔާ މަޝްރޫއުގެ ފްލެޓުތައް ލިބުނު މީހުންނާ، ފްލެޓު ވީހާވެސް އަވަހަށް ހަވާލު ކުރަން ސަރުކާރަށް ގޮވާލައްވައިފައެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް ސަރުކާރުން ޕްލޭންތައް ދައްކަމުން ދިޔަ ނަމަވެސް، އެ ޕްލޭނަށް އަމަލީ ސިފަ ނާންނާތީ ރައްޔިތުން ކަންބޮޑުވާ ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ. އެހެންވެ، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށާއި ކޮންމެ އަހަރެއްގެ ބަޖެޓުގައި އެފަދަ މަޝްރޫއުތަކަށް އެއް ބިލިއަން ރުފިޔާ ކަނޑައެޅުމަށް ވެސް ސަލީމް ވަނީ ގޮވާލައްވައިފައެވެ.

ސަލީމް ވިދާޅުވީ ތިން ބާރު ވަކި ކުރެވިފައިވާ ޑިމޮކްރެޓިކް ނިޒާމަށް ގޮންޖަހާލައި ތިން ބާރު މަސްހުނި ކޮށްފައިވާ ކަމަށާއި އޭގެ ސަބަބުން ގައުމުގެ މިސްރާބު ބަނަކޮށްލާފައިވާ ކަމަށެވެ. ސާވިސް ޗާޖާއި މިނިމަމް ވޭޖް ދޭނެ ހަރުދަނާ ނިޒާމެއް ނެތް ކަމަށާއި ގޮތް ނޭނގޭ މަރުތަކާއި ކުއްލި ގޮތަކަށް މަރުވާ ޒުވާނުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.

"ވޭތުވެދިޔަ އަހަރު ރާއްޖޭގެ ވެރިކަމުގައި ނައު ދަތުރުކޮށްފައިވާ މިސްރާބަށް ބަލާ އިރު، ފެންނަނީ ވެރިކަން ހިންގުމުގެ ބާރުގެ މައްޗަށް ގާނޫނު ހެދުމުގެ ބާރުން ބާރު ފޯރުވަމުންދާ ތަން. ރާއްޖޭގައި ސިޔާދަތީ ބާރު ކެނޑި، މަލްޓި ޕާޓީ ޑިމޮކްރަސީ ހަނާވަމުންދާ މަންޒަރު،" ސަލީމް ވިދާޅުވިއެވެ.

އިންޓަނެޓުގެ އަގު ހެޔޮ ނުކުރާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ސަލީމް ވިދާޅުވި އިރު، ރާއްޖޭގައި އިންޓަނެޓުގެ އަގު ހެޔޮވާނީ 2022 ވަނަ އަހަރު ކަމަށް ރައީސް އޮފީހުން ވަނީ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލަށް ވަނީ އަންގައިފައެވެ.

އިންޓަނެޓު މިހާރު ރާއްޖޭގައި ދެމުން އަންނަ އަގާއި އަޅާ ބަލާއިރު ދިވެހިންނަށް އެ ހިދުމަތް ލިބެނީ އޭގެ އެންމެ އެދެވޭ ގޮތެއްގައި ނޫން ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނުގެ ވެރިކަމެއްގައި އިންޓަނެޓުގެ އަގު އަތްފޯރާ ފަށެއްގައި ލިބިގެންދާނެ ކަމަށް އެކި ފަހަރު މަތިން ވަނީ ވައުދުވެވަޑައިގެންފައެވެ.

އިންޓަނެޓުގެ އަގު ހެޔޮ ކުރުމަށް މުވާސަލާތީ ހިދުމަތްދޭ އެންމެ ބޮޑު ދެ ކުންފުނި ކަމަށްވާ ދިރާގާއި އުރީދޫން ގަބޫލު ކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ލޮލްލޮލް

  މިމީހުނަން ކޮންކަމެއް! މި މީހުންގެ ވެރިކަމުގެ އެކަމާއި އުޅުންނަމަ. ވައުދު ވީ އެމްޑީޕީން. މި ވައުދު ވީ ރައްޔިތުންނަށް. ސަލީމްމެނަށް އެ ވައުދު ކަމުވެސް ނުދިޔަ. ރައްޔިތުން ބޭނުންވާ ގޮތް ހެދިބައެއް ނަމަ...

  1
  13
 2. ސަލީމް ގެ .....

  ވައުދު ނުފުދިފާ އެއް އަދި ނެތް އަދި އެބަ އޮތް 4 އަހަރު އަތް ނުލާ.....

  1
  6
 3. ނަކް

  5 އަހަރު ހިތަކަށް ލިބުނު އިރު ނުވިކަމެއްގަ އެންމެ ދޮޅުއަހަރުން އެކަން ނުވީއޭ ކިޔާފަ ހޭބުއްދިފިލައިދިއުން ވަނީ ޖޯކަކަށް.. މި 5 އަހަރުވތެރޭގަ ކުރަން ވަޢުދުވިކަމެއް ތިޔައީ..

  2
  5
 4. ާސުރެން ސުރެން

  ސަލީމަށް ދަންނަވާލަން ބޭނުން. ތިޔަ ނެޓް އަގު ހެޔޮކުރީމާ އެންމެންވެސް އުފާވާނެ. ޢެކަމަކު އަތޮޅުތަކުގެ ކިޔަވާކުދިން އެތިބެނީ އެއްޗެއްޑައުން ލޯޑަށް ޖައްސައިގެން ފިލާވަޅުތަކުގެ މަޢުމާތު ނުލިބިގެން ގޮތް ހުސްވެފައި. މަހުގެ 15 ގެ ފަސްވެއްޖެނަމަ ޕެކޭޖުގެ ލާތިކޮޅު މަދުވީމާ ދެން ހިތް ފަޅަގެންދާވަރުވޭ. ތިބޭފުޅުން އޭދަފުއްޓާ މާލޭގެ ޚިދުމަަތް ފުރިހަމަ ވުމަކުން ނުނިމޭކަން ހަދާންވާނީ ކޮން ދުވަހަކުންތޯއޭ.

  4
  1