އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެލަވަންސެއް ދޭން "ވަގުތު" އިން ނިންމައިފިއެވެ.
"ވަގުތު" ގެ އޮފިޝަލަކު މިއަދު ވިދާޅުވީ އިންތިޚާބުގެ ނަތީޖާ "ވަގުތު" އަށް ފޮނުވައިދޭ ފަރާތްތަކަށް އެކަށީގެންވާ އަދަދެއްގެ އެލަވަންސެއް ލިބޭނެ ކަމަށާއި އެލަވަންސާއި ގުޅޭ އިތުރު މައުލޫމާތު 7999681 އިން ލިބޭނެއެވެ.
"ވަގުތު" ގެ އޮފިޝަލަކު ވިދާޅުވީ މޮނީޓަރުންނަށް ވާން ބޭނުންވާ ފަރާތްތަކަށް މިހާރު ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާ ކަމަށެވެ.
"އަތޮޅު ތެރޭގެ ރަށްރަށުން މޮނީޓަރުންނަށް ވާން ބޭނުންވާ ފަރާތްތަކުން އެރަށެއްގައި ހުންނަ އިލެކްޝަންސް ކޮމިޝަންގެ ފޯކަލް ޕޮއިންޓަކަށް މޮނީޓަރަކަށް ވުމުގެ އިޤުރާރު ހުށަހެޅުއްވުމަށް ފަހު އެމައުލޫމާތު "ވަގުތު" އާއި ހިއްސާ ކުރެއްވުމުން މޮނީޓަރެއްގެ ގޮތުގައި އެބޭފުޅަކު ހަމަޖެއްސުމަށް ކުރަން ޖެހޭ ކަންކަން އަޅުގަނޑުމެން ކުރާނަން." އޮފިޝަލް ވިދާޅުވިއެވެ.
މޮނީޓަރުންގެ އިޤުރާރު އިލެކްޝަންސްގެ ފޯކަލް ޕޮއިންޓަށް ހުށަހެޅުމަށް ފަހު "ވަގުތު" އަށް އެބޭފުޅެއްގެ އައިޑީކާޑްގެ ކޮޕީއެއް ހިއްސާކުރައްވަން ޖެހޭނެ ކަމަށް "ވަގުތު" އިން މައުލޫމާތު ދެއްވައެވެ.
މޮނީޓަރުންގެ އިޤުރާރް މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.
މޮނީޓަރުންނަށް ވުމަށް އެދި ހުށަހަޅަން ޖެހޭނީ މާޗް 01 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިންނެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައި ވަނީ އޭޕްރީލް ހަތަރު ވަނަ ދުވަހު އެވެ.