ސިއްހީ ގޮތުން ދިމާވާ ބޮޑެތި މުސީބާތްތަކާއި ކުރިމަތިލުމުގެ ގާބިލްކަން ހުންނަ މިންވަރަށް ރާއްޖެ ތައްޔާރުވާން ޖެހޭ ކަމަށް ސިއްހަތާ ބެހޭ ވަޒީރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެއެވެ.

ހއ.ދިއްދޫ، ބ.އޭދަފުށި އަދި ދ.ކުޑަހުވަދޫގައި އަލަށް ގާއިމް ކުރާ ހެލްތް ފެސިލިޓީ ތައާރަފް ކުރުމަށް، މާގިރި ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި އަމީން ވިދާޅުވީ، ސިއްހީ ދާއިރާ ކުރިއެރުވުމުގައި މި ސަރުކާރުން ކަންކަން ނިންމަނީ ވަރަށް ދުރަށް ވިސްނާފައި ކަމަށެވެ.

އެގޮތުން މިއަދު ތައާރަފް ކުރި ހެލްތް ފެސިލިޓީތަކުގެ މަސައްކަތްތަކަކީ ފާއިތުވި 50 އަހަރު ތެރޭގައި އެކި ގޮތް ގޮތަށް، ތަރައްގީ ކުރުމަށް ކުރީގެ ސަރުކާރުތަކުން ވެސް ވިސްނުން ގެންގުޅުނު ތަންތަން ކަމަށާއި މި ސަރުކާރުގެ ވިސްނުމަކީ ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިފައިވާ، ޚިދުމަތް ހޯދާ މީހުން ހިތްހަމަޖެހޭނެ ފަދަ ޚިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށް އަމީން ވިދާޅުވިއެވެ.

" އަޅުގަނޑު ނުވޭ މި ތަންތަނަށް ހޮސްޕިޓަލްތަކޭ ކިޔާ ހިތެއް ހަމަގައިމު ވެސް، އެއަށް ވުރެ މާ ފުރިހަމަ ޚިދުމަތްތަކެއް ލިބޭނެ ތަންތަން މިއީ. ހޮސްޕިޓަލްކަށް ވުރެ މާ ފުޅާ ދާއިރާއެއްގައި ސިއްހީ ދާއިރާ ކުރިއަރުވަން ވިސްނުން ހުރީ،" އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ، ހއ، ބ އަދި ދ ގައި ގާއިމްކުރާ ސިއްހީ ވަސީލަތްތަކުގެ ޚިދުމަތްތަކަކީ ސިއްހީ ދާއިރާގެ މީހުންނަށް ތަމްރީން ދިނުމަށާއި ދައިރާ އާއި ގުޅުން ހުރި ތައުލީމް ފޯރުކޮށްދިނުމަށް ބޭނުން ކުރާނެ ތަންތަން ކަމަށެވެ.

ދ.އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ތޯހިރު އަބްދުުއް ސައްތާރު، ހެލްތް ފެސިލިޓީ ތައާރަަފް ކުރުމުގެ ރަސްމިއްުޔާތުގައި ވާހަކަދައްކަވަނީ: ފޮޓޯ ވަގުތު

އެ ރަސްމިއްޔާތުގައި ދ.އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ ތޯހިރު އަބްދުުއްސައްތާރު ވިދާޅުވީ، ދ.އަތޮޅުގެ ސިއްހީ ޚިދުމަތަށް މި އަހަރު 50 އަހަރު ފުރިފައިވާ ކަމަށާއި އެ 50 އަހަރު ސިއްހީ ޚިދުމަތްތައް ފޯރުކޮށްދެމުން ދިޔައީ ވަރަށް ދަތި ހާލުގައި ކަމަށެވެ.

"މިހާރު މި ގާއިމް ކުރާ ފެސިލިޓީއަކީ އެއްވެސް މީހަކު ހީ ނުކުރާ ކަހަލަ އިންގިލާބީ ބަދަލެއް،" އަބްދުއްސައްތާރު ވިދާޅުވިއެވެ.

ދ.އަތޮޅުން ޚިދުމަތް ހޯދާ ފަތުރުވެރިން ގިނަ އަދަދަކަށް ތިބި އިރު، މިވަގުތު ދ.އަތޮޅުގެ އާބާދީ މަދު ކަމަށް ބަލާފައި ޚިދުމަތް ދިނުމުގައި އެ އަތޮޅު އިސްތިސްނާ ނުކުރެވޭނެ ކަމަށާއި މިހާތަނަށް އެ އަތޮޅަށް ހައްގު މިންވަރު ނުލިބިވުމަކީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ހއ.އަތޮޅުގެ ހޮސްޕިޓަލްގެ މެނޭޖަރ އުސްމާން އަޝްރަފް ހެލްތް ފެސިލިޓީ ތައާރަަފް ކުރުމުގެ ރަސްމިއްުޔާތުގައި ވާހަކަދައްކަވަނީ: ފޮޓޯ ވަގުތު

ހއ.އަތޮޅުގެ ހޮސްޕިޓަލްގެ މެނޭޖަރ އުސްމާން އަޝްރަފް ވިދާޅުވީ އެ އަތޮޅުގައި ވެސް ޖާގައިގެ ދަތިކަން ދިމާވެ، ސިއްހީ ޚިދުމަތް ދިނުމަށް ގިނަ ދަތިތަކާއި މާޒީވެ ދިޔަ ތަނުގައި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

ސިއްހީ ޚިދުމަތް ދިނުމަށްޓަކާ ހުރި އެނދުތައް ފުރިގެން ޚިދުމަތް ދޭން އުނދަނގޫ ދަނޑިވަޅުތައް މެދުވެރިވި ކަމަށާ، އެތެރޭގައި މަޑު ކޮށްލާނެ ތަނެއް ނެތުމުން އާއްމުން ސިއްހީ ޚިދުމަތްދޭ ތަނުގެ ބޭރު، މަގުގައި މަޑުކޮށްގެން ވެސް ތިބެން ޖެހުނު ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އަލަށް ޤާއިމް ކުރާ ސިއްހީ ވަސީލަތްތަކާއި އެކު އެ މައްސަލަ އަށް ހައްލު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބ.އަތޮޅުގެ ހޮސްޕިޓަލްގެ މެނޭޖަރ މުހައްމަދު ރަޝީދު، ހެލްތް ފެސިލިޓީ ތައާރަަފް ކުރުމުގެ ރަސްމިއްުޔާތުގައި ވާހަކަދައްކަވަނީ: ފޮޓޯ ވަގުތު

ދ އަދި ހއ އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރުންނެކޭ އެއްފަދައން ބ.އަތޮޅުގެ ހޮސްޕިޓަލްގެ މެނޭޖަރު ވެސް ފާހަގަކުރެއްވީ، މިހާތަނަށް އެ ހޮސްޕިޓަލުގައި ޚިދުމަތްދެމުން އައި ދަތިކަމުގެ ވާހަކައެވެ.

ބާރަ އެނދުގެ އެއް ވޯޑާއި ހަތަރު އެނދުގެ ގައިނީ ވޯޑެއް އެކަނި ހުރެގެން އެކަށީގެންވާ ގޮތެއްގައި ސިއްހީ ޚިދުމަތް ދިނުމަށް އެތައް ދަތިތަކަކާއި ކުރިމަތިލާން ޖެހޭ ކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން މި ވަސީލަތް ވީ އެންމެ އަވަހަކަށް ގާއިމްކޮށްދިނުމަށް އޭނާ އެދިވަޑައިގަތެވެ.

"މީހުން އެބަ އައާ އެއް އަހަރުވީ އިރު އިމާރާތް ކޮބާހޭ. ބިމު އަޑި އަށް ހޭ ހަދަނީ؟ މިއީ އަޅުގަނޑު ސަރުކާރަށް ދޭ މެސެޖެއް. ވީ އެންމެ އަވަހަކަށް މި ވަސީލަތުގެ ފޮނި މީރުކަން އަޅުގަނޑުމެންނަށް ލިބޭނެ ގޮތް ހައްދަވައިދެއްވާ." ރަޝީދު ވިދާޅުވިއެވެ.

ދިއްދޫ އާއި އޭދަފުއްޓާއި ކުޑަހުވަދޫގައި އަލަށް ގާއިމް ކުރާ ހެލްތް ފެސިލިޓީގެ ކުރެހުންތައް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ ދައްކާލައިފައެވެ. އެ ފެސިލިޓީސް ތައާރަފްކޮށްދެއްވީ މިނިސްޓަރު އަމީނެވެ.

އެއިން ކޮންމެ ވަސީލަތެއްގައި 55 އެނދާއި، 19 އޯޕީޑީ ރޫމް، 1 ލެބޯޓްރީ ރޫމް، އަލްޓްރާ ސައުންޑް ސްކޭން، އެކްސްރޭ - ރޫމެއް، ފިޒިއޮތެރަޕީ ރޫމެއް، އީއާރު ޑިޕާޓްމަންޓެއް، ހަ ޕްރައިވެޓް ރޫމް، ތިން އެނދުގެ އައިސީޔޫ ރޫމެއް، ތިން އެނދުގެ އެންއައިސީޔޫ ރޫމަކާއި، ދެ އޮޕަރޭޝަން ތިއޭޓަރު އަދި އަށް ވޯޑް ހިމެނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އ. ޖ. އ

    ޓްރޫ ސްޓޯރީ

  2. ސިނެކް

    އިޓަލީ ވިލާތުން މީހުން އައުން ހުއްޓުވަދީބަލަ ކޮވިޑް19 ނުރައްކާ ބޮޑުވެއްޖެ ކަމައް ގަބޫލު ކޮއްބަލަ

  3. ޢަންސާރު

    ގޮޅާ ރިހަގަނޑު ދުނިޔޭގަ ބުޅި އަޅަން ނޫޅެ ކަމެއް ކޮށްބަލަ

  4. ދިވެހިސޮރު

    ހޮސްޕިޓަލް ފެންވަރު ރަނގަޅުވީމަ ކޮބައިތަ ކިޔާނަމަކީ މީހަކު ބުނެލަދީބަލަ

  5. ދިވެހިސޮރު

    ދ.އަތޮޅު މެނޭޖަރަކީ ބީތއެއް