2014 ވަނަ އަހަރު ވީނުވީއެއް ނޭންގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިއާ އަހުމަދު ރިލްވާނުގެ މަރުގެ މައްސަލާގައި ޝަރީއަތުގެ އަޑުއެހުމެއް މާދަމާ (2018 އެޕްރީލް 22 ވާ އާދިއްތަ ދުވަހު) ކްރިމިނަލް ކޯޓުގައި ބާއްވަން ތާވަލުކޮށްފިއެވެ.

މާދަމާ ހަވީރު 03:00 އަށް ތާވަލުކޮށްފައިވަނީ މިމައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ ތިން މީހުން ކަމަށްވާ ހ.ހިލްޓަން، އަޙްމަދު އާލިފް ރައޫފާއި، ގދ.ވާދޫ ކަރަންކާގޭ، މުޙައްމަދު ނޫރައްދީންގެ އިތުރުން ސ.ހުޅުދޫ އަތިރިއާގޭ، މުޙައްމަދު ސުޢައިދުގެ ޝަރީއަތުގެ އަޑުއެހުމެކެވެ.

މި އެންމެންގެ މައްޗަށްވެސް ދައުލަތުން ކުރަނީ ޓެރަރިޒަމްގެ ދައުވާ އެވެ. މީގެ ތެރެއިން ސުޢައިދު ރާއްޖޭގައި ނެތްކަމަށާއި އޭނާ ރާއްޖެއިން ބޭރުގައި މަރުވެފައިވާކަމަށް ބެލެވޭކަމަށް ދައުލަތުން މީގެކުރިން ކޯޓްގައިވަނީ ބުނެފައެވެ. އެހެންކަމުން ދައުވާގެ ޝަރީއަތް ކުރިއަށް ގެންދަނީ އާލިފް އާއި ނޫރައްދީނުގެ މައްޗަށެވެ.

މި މައްސަލައިގެ މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފައިވާ ދެ ދުވަހުވެސް އަޑުއެހުންތައް ވަނީ ކެންސަލް ކޮށްފައެވެ. އޭގެ ކުރިން މި މައްސަލައިގައި ބޭއްވި އަޑުއެހުމުގައި 4 މީހެއްގެ ހެކިބަސް ނަގާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ރަތް ކާރު މާލެ އިން ހުޅުމާލެއަށް އަދި ހުޅުމާލެ އިން މާލެއަށް އުފުލި ދޯނީގެ ދެ ކައްޕިންގެ އިތުރުން ނުރައްދީންއާ އެކު ހުޅުމާލޭގައި ވޯޓާ ސްޕޯޓްސް އަދި ގެސްޓް ވިޔަފާރީގައި ހަރަކާތްތެރިވި ވިޔަފާރީގެ ދެ ބައިވެރިންނެވެ.

މި މައްސަލައިގައި ދައުލަތުގެ ފަރާތުން 29 ހެއްކެއް އަދި މި މައްސަލައިގައި ދައުވާ ލިބޭ ފަރާތްތަކުގެ ފަރާތުން ދިފާއުގައި ފަސް މީހެއްގެ ނަން ހެކިންގެ ގޮތުގައި ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން ބައެއް މީހުންގެ ހެކިބަސް ވަނީ ނަގާ ނިމިފައެވެ.