މިއަހަރުގެ ތެރޭގައި ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓާސް ލިސްޓު އަންނަ މޭ މަހުގެ ތެރޭގައި އިއުލާނު ކުރާނެ ކަމަށް އިލެކްޝަން ކޮމިޝަން އިން ވިދާޅުވެއްޖެއެވެ.

"ވަގުތު" އަށް ދިން އިންޓަވިޔުއެއްގައި އިލެކްޝަން ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ އިންހާބަށް ތައްޔާރުވުމުގެ ގޮތުން އެންމެ އިސްކަމެއް ދީގެން މިހާރު ކުރަމުން ގެންދާ މަސައްކަތަކީ ވޯޓާސް ލިސްޓް އެކުލަވާލުމުގެ މަސައްކަތް ކަމަށެވެ.

"އަޅުގަނޑުމެން އެންމެ އިސްކަމެއްދީގެން މިހާރު ކުރަމުން މިގެންދާ މަސައްކަތަކީ ވޯޓާސް ލިސްޓު އެކުލަވާލުމުގެ މަސައްކަތް. އަދި ވޯޓާސް ލިސްޓު މޭމަހުގެ ތެރޭގައި އިއުލާން ކުރެވިގެންދާނެ. ނަމަވެސް ވޯޓާސް ލިސްޓު އިއުލާނު ކުރާނީ ސީދާ ކޮން ދުވަހެއްގައި ކަން އަދި ދަންނަވާލަން ދަތި" އަކްރަމް ވިދާޅުވިއެވެ.

އިންތިހާބާއި ދިމާކޮށް މީހުން އަހުލުވެރިކުރުވުމަށާއި ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަށް ކުރިއަށް ގެންދިޔުމުގެ މަސައްކަތް މި ހަފްތާގެ ތެރޭގައި ފަށާނެ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

އަދި ސިޔާސީ ޕާޓީތަކާއި އެކު މަސްވަރާ ކުރުމަށް ފަހު އިންތިހާބުގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތަށް ގެނެވުމުގެ މަސައްކަތް އޭޖީ އޮފީހަށް ހުށައެޅިގެން ކުރިއަށް ދާކަމަށާއި އިންތިހާބާއި ދިމާކޮށް އަތޮޅުތަކުން ފޯކަލް ޕޮއިންޓް ނެގުމުގެ މަސައްކަތްތަށްވެސް ކުރިއަށް ދާކަމުގައި އޭނާ ވިދާޅުވިއެވެ.

އަދި މިއަހަރުގެ ފަހުކޮޅުގައި ބޭއްވޭ ރިޔާސީ އިންތިހާބުގެ ހުރިހާ ކަމެއް ދާނީ ވަރަށް ފުރިހަމަ ކަންމަތީގައި ކަމަށާއި އެކަމަށް ވާންޖެހޭ ތައްޔާރީތަށް ދުރާލާ ފައްޓާފައިވަނީވެސް އިންތިހާބަކީ ދެފުށް ފެންނަ އަދުލުވެރި އިންތިހާބަކަށް ހެދުމަށް ކަމުގައިވެސް އަކްރަމް ވިދާޅުވިއެވެ.