ދުނިޔޭގެ ގިނަ ގައުމުތަކުގައި ހަލުވިކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 އިން ރާއްޖޭގެ ރައްޔިތުން ރައްކާތެެރިކަމަށްޓަކައި ޏ. ފުވައްމުލަކުގައި އާންމުން އެއްވެ އުޅޭ ގިނަ ސަރަހައްދުތަކަށް ދިއުން މަނާ ކޮށްފިއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ ދުނިޔޭގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ވައިރަސް އިން ރައްކާތެރިވުމުގެ ގޮތުން މިއަދުން ފެށިގެން ވަކިގޮތެއް އަންގަންދެން އާންމުން އެއްވެ އުޅޭ ތަންތަނަށް ދިއުމަކީ މަނާ ކަމެއް ކަމަށެވެ. އެގޮތުން ހިމެނެނީ އެރަށު ކުޅިވަރު ކުޅޭ ބިންތަކާއި ޕާކުތަކާއި މައިޒާންތައް، ބަނދަރު ޖޯލިފަތި، ތޫނޑު އާއި އެހެނިހެން ފަންނުތަކުގެ އިތުރުން ކިޅި ތަކާއި ނޭޗަރ ޕާކެވެ.

ފުވައްމުލަކުގައި އެއްވެ އުޅޭ ތަންތަނަށް ދިއުން ފުވައްމުލަކު ސިޓީ ކައުންސިލުން މަނާ ކުރިއިރު ބައެއް ކައުންސިލްތަކުން އަންނަނީ ރަށްރަށަށް މީހުން އަރާ ފޭބުންވެސް މަނާ ކުރަމުންނެވެ. ނަމަވެސް ކައުންސިލްތަކުގެ ބެލެނެވެރި ފަރާތް ލޯކަލް ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފައިވަނީ ކައުންސިލްތަކަށް އެގޮތަށް ނޭންގޭނެ ކަމަށެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން އެފަދަ ފިޔަވަޅުތައް އެޅުމަކީ އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން ޑިރެކްޓާ އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ބާރެއް ކަމަށް ވެސް އެލްޖީއޭ އިން ބުންޏެވެ.

ކޮވިޑް-19 އަށް ރާއްޖެއިން 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު ރާއްޖޭގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ބަލި އިތުރަށް ފެތުރުން ކޮންޓްރޯލް ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ ހުރިހާ ޕާކުތަކުގެ އިތުރުން މީހުން އެއްވެ އުޅޭ ސަރަހައްދުތަކެއް ވަނީ ބަންދު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު