އައިޖީއެމްއެޗާއި ދަރުމަވަންތަ ކޮމްޕެލްސްއަށް އެކި ބޭނުންތަކުގައި ދާ މީހުންވެސް ސްކްރީން ކުރުމަށް ނިންމާފައިވާ ކަމަށް އައިޖީއެމްއެޗް އިން ވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗްގެ ރަސްމީ ޓްވިޓާ އެކައުންޓުން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވައި ވަނީ ކޮވިޑް-19 އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކުރުމުގެ ގޮތުން އައިޖީއެމްއެޗް އަދި ދަރުމަވަންތައަށް ޒިޔާރަތްކުރާ މީހުން ހުމާއި ރޯގާ ހުރިތޯ ބެލުމަށް ސްކްރީން ކުރުމަށް ނިންމާފައިވާ ކަމަށެެވެ.

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލަށް ދާ މީހުން ސްކްރިން ކުރުމަށް ނިންމާފައިވާއިރު، މުހިންމު ބޭނުމެއްގައި ނޫނީ ހޮސްޕިޓަލަށް ނުދިއުމަށް ޑޮކްޓަރުން ދަނީ އިރުޝާދު ދެމުންނެވެ. ޑޮކްޓަރުން ވިދާޅުވަނީ، މިދުވަސްކޮޅު އެންމެންނަށްވެސް އެންމެ ރައްކާތެރި ގޮތަކީ ކަމާބެހޭ އިދާރާތަކުން ދެމުން އަންނަ އިރުޝާދުތަކަށް ބޯލަނބައި އެގޮތަށް އަމަލުތައް ބައްޓަން ކުރުން ކަމަށެވެ.

މީގެއިތުރުން ބަލި މީހުންނަށް ޒިޔާރަތްކުރުމަކީ ބައިތިއްބައިގެން ފަރުވާދޭ ބަލިމީހުންނަށް ނުރައްކާވެދާނެ ކަމެއް ކަމަށް ފެންނާތީ އާއި އެންމެންގެ ރައްކާތެރިކަމަށްޓަކައި، ހޮސްޕިޓަލުގެ ސިއްހީ މިންގަނޑުތައް ދެމެހެއްޓުމުގެ ގޮތުން، ބަލި މީހުންނަށް ޒިޔާރަތްކުރުން މި މަހުގެ 8ވަނަ ދުވަހުން ފެށިގެން ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށް އައިޖީއެމްއެޗް އިން ނިންމާފައެވެ. އައިޖީއެމްއެޗުގެ އިތުރުން އޭޑީކޭ އަދި ހުޅުމާލެ ހޮސްޕިޓަލުން ވެސް ވަނީ މިދުވަސްވަރު ބަލި މީހުންނަށް ޒިޔާރަތް ކުރާ ގަޑި ހުއްޓާލުމަށް ނިންމާފައެވެ.