ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވި ކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެ އިން ފެނިފައިވާތީ އާންމުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އެޅި ފިޔަވަޅެއްގެ ގޮތުގައި އަންނަ ހަފްތާގައި ވެސް ތިން ދުވަހު މޯލްޑިވިސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ބޭންކުތައް ހުޅުވަން ނިންމައިފިއެވެ.

ކުރިއަށް އޮތް ހަފްތާ އަށް ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތަކާއި ކޮލެޖްތަކާއި ޔުނިވަސިޓީތައް ބަންދު ކުރުމާ ގުޅިގެން އެމްއެމްއޭ އާއި ބޭންކްތައް ހުޅުވުމަށް ހަމަޖެހިފައި ވަނީ އަންނަ ހަފްތާގެ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު އެކަންޏެވެ.

އެމްއެމްއޭ އިން ނެރުނު ބަޔާނެއްގައި ވަނީ އެ އޮތޯރިޓީން އާންމުންނަށް ހިދުމަތްދޭ ގަޑިތަކާއި ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިތައް ހާމަކޮށްފައެވެ.

  • ބޭންކިން ހިދުމަތް (ފައިސާ ބަލައިގަނެ ދޫކުރުމުގެ ހިދުމަތް): ހެނދުނު 09:30 އިން 12:30.
  • (ވަކި ލާރި ބަލައިގަނެ ދޫކުރުމުގެ ހިދުމަތް): ހެނދުނު 09:00 އިން 11:00.
  • ޖެމްސް ބޭނުންކުރާ އިދާރާތަކާއި އާންމު ފަރާތްތަކުން އެމްއެމްއޭ އަށް ފޮނުވާ ސިޓީ އާއި އެހެނިހެން ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ [email protected] މެއިލް މެދުވެރިކޮށް

ރާއްޖެއިން މިހާތަނަށް 19 މީހުން ވަނީ މި ބައްޔަށް ފައްސި ވެފައެވެ. އޭގެތެރޭއިން 13 މީހުން ވަނީ ރަނގަޅުވެފައެވެ. މިވަގުތު ފަރުވާ ދެނީ ހަތަރު ދިވެހިންނަށެވެ. އެއީ އިނގިރޭސި ވިލާތުން ރާއްޖެ އައި ހަތަރު މީހެކެވެ.

މުޅި ދުނިޔެއިން މިހާތަނަށް 1.5 މިލިއަނަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެ 88،500 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ފައްސިވި މީހުންގެ ތެރެއިން 330،000 އަށް ވުރެ ގިނަ މީހުން ވަނީ ރަނގަޅުވެފައެވެ.