އިދިކޮޅު ލީޑަރުންނަކީ ދަގަނޑު ކަމަށާއި ރައީސް ޔާމީނަކީ ރަން ކަމަށް ރައްޔިތުން މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
މެންބަރު ފަލާހް މިހެން ވިދާޅުވީ ތ.އަތޮޅު ވޭމަންދޫގައި ޕީޕީއެމް އިން ބާއްވަމުންދާ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"މިއަދު އަޅުގަނޑުމެންގެ ކުރިމަތީގައި މިއޮތީ ދަގަނޑާއި ރަން. އިދިކޮޅު ލީޑަރުންނަކީ ދަގަނޑު، ރައީސް ޔާމީން އަކީ ރަން." މެންބަރު ފަލާހް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ފާޑުވިދާޅުވަމުން ފަލާހް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ދައްކަނީ "ފޫކޮޅުގައި އަލިފާން ރޯވެގެން ދުވެ ފިލި މީހެއްގެ ވާހަކަ" ކަމަށެވެ.
"ވެރިކަން ތިންފުޅި ރަލަށް މިވިއްކާލަނީ." ފަލާހް ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން އިހަވަންދޫގައި މިރޭ ބާއްވަމުންދާ ޖަލްސާގައި ބައިވެރިވަނީ ފަންސާހަކަށް މީހުން ކަމަށާއި ނަމަވެސް ޕީޕީއެމް އިން ވޭމަންޑޫގައި ބާއްވާ ޖަލްސާގައި ހަތަރު ހާހެއްހާ މީހުން ބައިވެރިވާ ކަމަށް ފަލާހް ވިދާޅުވިއެވެ.
ފަލާހް ވިދާޅުވީ އަބްދުﷲ ޝާހިދަކީ ބޯ ހަމަޖެހޭ ބޭފުޅެއް ކަމަށް ކަމަށް ކުރިން ހީކުރެވުނު ކަމަށާއި ނަމަވެސް "ނަޝީދު ދެއްވާ ދިޔައި އެއްޗެއްސާއި ކާއެއްޗެހި ޝާހިދު މިހާރު ކޭންބައްލަވާ ކަމަށް ބެލެވޭ." ކަމަށެވެ.
ފަލާހް ވިދާޅުވީ ރައީސް ޔާމީން ވަޑައިގެންނެވި ފަހުން ޕާކް ހެއްދަވާ ބީޗް ހައްދަވާ މޫދުގައި އިމާރާތްތައް ވެސް އަޅުއްވައިފި ކަމަށެވެ.
"އުފާކުރަން ރައީސް ޔާމީން އަރިހުގައި މަސައްކަތް ކުރުމުގެ ފުރުސަތު ﷲ ދެއްވީތީ. ރައީސް ޔާމީން އަކީ ތެދުވެރި އިހްލާސްތެރި ވެރިއެއް." ފަލާހް ވިދާޅުވިއެވެ.
އިދިކޮޅު ލީޑަރުންނަކަށް ރައީސް ޔާމީން ވެރިކަމަށް ނުގެންނަން ޖެހޭ ސަބަބެއް ވިދާޅެއް ނުވެވޭ ކަމަށް ފަލާހް ވިދާލުވިއެވެ.
ފަލާހް ވިދާޅުވީ ކުށްކުރާއިރު ހީކުރަނީ ޖަލަކީ ރިސޯޓެއް ކަމަށާއި ނަމަވެސް ކުށްކުރުމުން ޖަލުގައި އުޅެން ޖެހޭނީ ހިތްދަތިކަމާއި އެކު ކަން ހަނދާން ކޮށްދެއްވާ ކަމަށެވެ.