ރާއްޖެއިން ނުރައްކާތެރި ކޮވިޑް-19 ފެނިފައިވާ މި ދަނޑިވަޅުގައި ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮ ކަމަށް ބެލެނިވެރިން ވިސްނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އެެޑިއުކޭޝަން މިނިސްތްރީގެ ސްޓޭޓް މިނިސްޓަރު އައިޝަތު އާތިޔާ ނަސީރު ވިދާޅުވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން އާތިޔާ ވިދާޅުވީ މި ދުވަސްވަރުގެ ގޮތުން ޓީވީ ތަކުންވެސް 24 ގަޑިއިރު ގެނެދެމުން ގެންދަނީ ކޮވިޑް-19 އާއި ގުޅޭ މައުލޫމާތުތައް ކަމަށާއި، އެހެން ކަމުން އެކަމާއި ގުޅިގެން އެކުދިންގެ ހިތްތަކުގައި ވެސް ސުވާލުތައް އުފެދި ކަންބޮޑުވުންތައް ހުންނާނެ ކަމަށެވެ.

އެހެން ކަމުން އެކަމާއި މެދު އެކުދިންގެ ހިތްތަކުގައި ހުންނަ ސުވާލުތަކަށް ބެލެނިވެރިންގެ ހައިސިއްޔަތުން ޖަވާބުދީ ކަންކަން އޮޅުން ފިލުވައި ދިނުންވެސް މުހިންމު ކަމަށާއި، އަދި އެކުދިންގެ އުޅުމަށް މިދުވަސްވަރު އެކަމުގެ ސަބަބުން އެއްވެސް ބަދަލެއް އަޔަނުދިނުމަށް މަސައްކަތް ކުރުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.

"މިހާރު ސްކޫލަށް ދާން ނުޖެހުނީމަ ހެނދުނު ހެނދުނާ ހޭލުމުގެ ރީތި އާދަވެސް ކުދިންގެ ކިބައިން ނެތި ނުދި ނުދިއުމަށް އަޅުގަނޑުމެން އިލްތިމާސް ކުރަން. ހަމަ ހެނދުނު އެކުދިންނަށް ގޮވާލައިގެން ގޭތެރޭގެ ކަންކަމުގައި މަސްއޫލުވެ އުޅުމަށް އެކުދިންނަށްވެސް ބާރު އަޅަންވީ" އާތިޔާ ވިދާޅުވިއެވެ.

އާތިޔާ ވިދާޅުވީ ގޭތެރޭގައި އެކުދިން ބައިވެރިކޮށްގެން ކުރެވޭނެ ކަންކަން ކުރުމަށާއި، މި ދުވަސްކޮޅަކީ އެކުދިންގެ ރައްޓެހިންނާއި ބައްދަލުވާނެ ދުވަސްކޮޅެއް ނޫން ކަމުން މައިންބަފައިން އެކުދިން ބައިވެރިކޮށްގެން ގޭގައި ތިބެ ބައެއް ކަހަލަ ކުޅިވަރުތައްވެސް ކުޅެން ޖެހޭނެ ކަމަށެވެ.

އަދި ކުރިއަށް އޮތް ރަމަޟާން މަހުގައިވެސް އެކުދިން އަޅުކަންތަކުގައި މަސްއޫލު ކުރުމަކީ މުހިންމު ކަމެއް ކަމަށް އާތިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން އާތިޔާ ވަނީ މިހާރު ދަރިވަރުންނަށް ކިޔަވައިދެމުން ދާ ގޮތުން އެކުދިންގެ ކިޔެވުމަށް އަސަރު ކުރާނެ ކަން ފާހަގަ ކުރައްވާފައެވެ. އެހެން ނަމަވެސް މިކަން ނިމި ގައުމު އާންމު ހާލަތަށް އެޅުމުން އެކުދިންގެ ކިޔެވުމުން ގެއްލުނު ބައި އަލުން ކަވަރު ކުރެވޭ އުސޫލަކަށް ކިޔެވުން ބައްޓަން ކުރަމުންދާނެ ކަމަށް އާތިޔާ ފާހަގަ ކުރެއްވިއެވެ.

މި ދުވަސްވަރު ކޮވިޑް-19 ފެތުރެން ފެށުމާއި ގުޅިގެން ސްކޫލްތައް ވަނީ މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފައެވެ.