ގދ.ތިނަދޫގައި ހުންނަ އަބްދުލް ޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވި އެއަތޮޅު މަޑަވެލީ އުމުރުން 87 އަހަރުގެ ހަސަން އަހްމަދުގެ މޫނު ބަލަން ރަށަށް އެރުމުގެ ހުއްދަ ދިނީ 11 މީހަކަށް ކަން ކަށަވަރު ކުރެވޭ ލިޔުންތަކެއް "ވަގުތު" އަށް ލިބިއްޖެއެވެ.

ހަސަން އަހްމަދު ނިޔާވީ އިއްޔެ ރޭގެ 23:30 ހާއިރުއެވެ. ނަމަވެސް އޭނާގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދާނެ ގޮތެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންގީ ފަތިސްވި ފަހުންނެވެ. "ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހަސަން އަހްމަދުގެ ޖަނާޒާގެ ކަންކަން ނިމުނީ ހެނދުނު 07:30 ވެސް ވީފަހުންނެވެ. އެއީ އެޗްޕީއޭ އާއި ތިނަދޫ ހޮސްޕިޓަލުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުން ލަސްވެގެން ދިއުމުގެ ސަބަބުންނެވެ.

"ވަގުތު" އަށް ލިބިފައިވާ ލިޔުންތަކުން އެނގޭ ގޮތުގައި ހަސަން އަހްމަދުގެ މޫނު ބެލުމަށް ތިނަދުއަށް އެރުމުގެ ފުރުސަތު ދިނީ އޭނާގެ ނުވަ ދަރިންނާއި އެއްބަނޑު އެއްބަފާ ބޭބެއަށާއި އަނބިމީހާއަށް އެކަންޏެވެ. އެމީހުންނަށް މޫނު ބަލަން ފުރުސަތު ދިނީ ވެސް އެތައް އިރަކު އެފުރުސަތު ނުދީ މަޑުކުރުމަށް ފަހު އެވެ. އޭގެ އިތުރުން ތިނަދޫގައި ތިބި ހަސަން އަހްމަދުގެ ދެދަރިން ވަނީ އޭނާގެ މޫނު ބަލާފައެވެ.

ހަސަން އަހްމަދުގެ އާއިލާ މެންބަރަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ހަސަން އަހްމަދުގެ މޫނު ބެލުމަށް ތިނަދުއަށް ތިޔަ މީހުން ރަށަށް އެރުން ފުލުހުން މަނާކޮށް ގިނަ އިރުތަކެއް ވަންދެން މީހުން ދޯނީގައި ބޭތިއްބި ކަމަށެވެ.

"ފަހުން ފުލުހުން ހުއްދަ ދެއްވައިގެން ދޯނި ފޭބީ. ނަމަވެސް ދޯނިން ފޭބި ފަހުން އެމީހުންގެ ނަން ނޯޓް ކުރާނެ މީހަކު ޓާސްކްފޯސްގެ ފަރާތުން ބަނދަރު މައްޗަށް ނައިސްގެން ވެސް އެތައް އިރެއް ވަންދެން މަޑުކުރަން ޖެހުނު." އޭނާ ބުންޏެވެ.

ހަސަން އަހްމަދު ހޮސްޕިޓަލްގައި އެޑްމިޓް ކުރުމުން މާލޭގައި ތިބި އޭނާގެ ތިން ދަރިން ރަށަށް ދިއުމުގެ ހުއްދަ އަކަށް އެދި އެތައް ފަހަރެއްގެ މަތިން އެޗްޕީއޭ އާއި ފުލުހުންނާއި އަދި އެހެނިހެން އިދާރާތަކަށް އީމެއިލްކޮށް، ފޯނުކޮށް ގިނަ މަސައްކަތްތަކެއް ކުރުމުން ވެސް އެހުއްދަ ލިބިފައެއް ނުވެއެވެ.

ހަސަން އަހްމަދުގެ ދަރިއަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ އޭނާގެ ބައްޕަ އަކީ ފުއްޕާމޭގެ ބައްޔަކަށް ބޭސް ކުރަމުން އަންނަތާ އެތައް އަހަރެއް ވެފައިވާ މީހެއް ކަމަށާއި ކޮންމެ ތިން މަހަކުން މާލެ ގެނެސް ޑޮކްޓަރަށް ދައްކަމުން އައި ކަމަށެވެ.

ހަސަން އަހްމަދު ކޮވިޑް-19 އަށް ޓެސްޓް ކުރަން ތިނަދޫ ހޮސްޕިޓަލުން ސާމްޕަލް ނެގިތާ މިހާރު ތިން ދުވަސް ވެއްޖެއެވެ. ނަމަވެސް އަދި މިހާތަނަށް ޓެސްޓްގެ ނަތީޖާ ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދުންތަރި

    ކޮންމެ ކައުންސިލަކަށް ވަކި ސަރުކާރެއް ހިންގުމުގެ ބާރުދޭންވީ ކޮންމެ ކައުންސިލަކަށް ސިފައިންނާ ފުލުހުންނާ ދީފަ އެމީހުން ކުރާނެ ގޮތަކަށްކަންކުރަން ހުއްދަދިނީމަ ހުންނާނި އެމްޑީޕީން ނުދެވިގެން އުޅޭ ބާރު ދެވިފަ މޮޔައިންގެ އަތަށް ކަނޑި ދިނީމަ އަމިއްލަ ގައިގަ ޖަހާ ޒަހަމްކުރަންވެސް ނުބަލާނެ އެގެ ހެކި މިފެންނަނީ އަވަހަށް ބާރުތަކާ އާރުތައްދީ އޭރުން ރައްޔިތުންހަނާކުރާނެ