ކޮވިޑް-19 އަށް ފުލުހުންތަކެއް ފައްސިވުމާއި ގުޅިގެން އެކަހެރިކޮށްފައި (އައިސޮލޭޝަންގައި) ތިބި އެއްވެސް ފުލުހަކު އެ ބައްޔަށް ފައްސިވެފައި ނުވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ މިފަދައިން މިގޮރަށް ވިދާޅުވެފައިވަނީ ރާއްޖެޓީވީން ގެނެސްދޭ ކޮވިޑް-19 ކަވަރޭޖަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުންނެވެ.

ކޮވިޑް-19 އަށް މިހާތަނަށް ފުލުހުންގެ މުއްސަސާއިން ފައްސިވެފައިވަނީ 23 މީހެކެވެ.

ސީޕީ ވިދާޅުވީ، ފައްސި ވެފައިވާ 23 ފުލުހަކާއި ބައްދަލުވެފައިވާތީ، 293 ފުލުހަކު އެކަހެރިކޮށްފައި ތިބި ކަމަށެވެ. އެހެން ނަމަވެސް އެ 23 އަށް ބަދަލެއް އައިސްފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.

"ކަރަންޓިންގައި ތިބި ފުލުހުން ފައްސިވެފައެއް ނުވޭ. 23 ޖުމްލަ އެންމެ ފަހުން އަޅުގަނޑުމެން ޕަބްލިކަށް ހާމަކުރީ. އެއަށްވުރެ އިތުރަކަށް އަދި ފައްސިވެފައެއް ނުވޭ" ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ، މާލޭގައި ކޮމިއުނިޓީ ސްޕެރެޑް ފެށުމާއި އެކު އެކަހެރިކޮށްފައިވާ 580 ވަރަކަށް ފުލުހުންގެ ތެރެއިން މިހާތަނަށް 391 ފުލުހަކަށް 14 ދުވަސް ހަމަކުރުމަށް ފަހު އަލުން އަނބުރާ މަސައްކަތަށް ނުކުމެފައިވައިވާ ކަމަށެވެ.

މީގެ އިތުރުން ސީޕީ ވިދާޅުވީ، ފުލުހުންގެ ތެރެއިން މިހާރު ފައްސިވެފައިވާ ފަރާތްތަކާއި މީގެ ތިން ދުވަސް ކުރިން އަމިއްލައަށް ބައްދަލުކޮށްފައިވާ ކަމަށާއި އެންމެންގެވެސް ހާލު ރަނގަޅުކަމަށް ބެލެވޭ ކަމަށެވެ. އަދި އެ ފުލުހުންގެ ހާލު، ފުލުހުންގެ ރެސްޕޮންސް ޓީމަކުންވެސް ބަލަމުން އަންނަ ކަމަށް ސީޕީ ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 1216 އަށް ވަނީ އަރާފައެެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 104 އަށް އަރާފައެވެ.