ކޮވިޑް-19 ގެ ސަބަބުން ރާއްޖެ ނާދެވި ބޭރުގައި ތާށިވެފައި ތިބި 103 ދިވެހިން މާދަމާ ހެނދުނު ގެނެވޭނެ ކަމަށް ސަރުކާރުން ހާމަ ކޮށްފިއެވެ.

ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު އަދި ރައީސް އޮފީހުގެ އަންޑަސެކްރެޓަރީ މަބްރޫކު އަޒީޒު ވިދާޅުވީ، ބޭރުގައި ތިބި ދިވެހިން ގެނައުމަށް ސަރުކާރުން އެކި ދުވަސްތަކުގައި ފްލައިޓްތަކެއް ބާއްވަމުން އަންނަ ކަމަށާއި ރާއްޖޭގައި ތިބި ބޭރުގެ މީހުން އަނބުރާ ގައުމަށް ފޮނުވުމުގެ ކަންތައްވެސް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ގަވައިދާއި ހިލާފަށް ރާއްޖޭގައި ތިބި 189 ބަންގްލަދޭޝް ރައްޔިތުން އިއްޔެ ވަނީ ގައުމަށް ފޮނުވާލާފައެވެ. އަދި ގަވާއިދާއި ހިލާފަށް އުޅޭ ފަސް މީހުން ހިމެނޭހެން މިއަދު 195 މީހަކު އަނބުރާ ގައުމަށް ފޮނުވާލެވިފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ، މާދަމާ ހެނދުނު ރާއްޖެ އަންނަ ފްލައިޓްގައި 103 ދިވެހިން ގެނައުމަށް ހަމަޖެހިފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނޭ ދިވެހިންނަކީ 3 ގައުމެއްގައި ތިބި ދިވެހިން ކަމަށެވެ.

"ބެލަރޫސް މަގުން ފްލައިޓް އަންނަނީ، އެގައުމުގައި ތިބި 48 ދިވެހިން ގޮވައިގެން އިނގިރޭސިވިލާތުގައި ތިބި 23 ދިވެއްސަކު ގޮވައިގެން ސްރީލަންކާގައި ޖެއްސުމަށްފަހު އެގައުމުގައި ތިބި 32 ދިވެއްސަކު ގޮވައިގެން" މަބްރޫކު ވިދާޅުވިއެވެ.

ސަރުކާރާއި ގުޅިގެން ފޮރިން މިނިސްޓްރީ އަންނަނީ ކޮވިޑް-19 އާއި ގުޅިގެން އެކި ބޭނުންތަކަށް ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ، ރާއްޖެ އައުމަށް ބޭނުންވާ ދިވެހިންނާއި ރާއްޖޭގައި ތިބި ބޭރުގެ މީހުން އަނބުރާ ގައުމަށް ފޮނުވުމުގެ މަސައްކަތް ކުރަމުންނެވެ.