ރާއްޖޭގައި އުޅުމުން އައި ބަންގްލަދޭޝްގެ އިތުރު 200 މީހަކު ގައުމަށް ފޮނުވާލައިފިއެވެ.
އެ މީހުން ފޮނުވާލީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ މަތިންދާބޯޓެއްގައެވެ. އެ ބޯޓު މިހާރު ވަނީ ޑާކާއަށް ދިއުމަށް ފުރާފައެވެ.
މިއަދު 200 މީހުން ފޮނުވާލާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ސައްހަ ލިޔުން ތިބި މީހުން ކަމެއް އަދި އެނގިފަކާއެއް ނުވެއެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން، ބިދޭސީން ރާއްޖެ އިން ފޮނުވައިލުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން މިހާތަނަށް އިންޑިއާ އާއި ބަންގްލަދޭޝްގެ ގިނަ ބަޔަކު ވަނީ ގައުމަށް ފޮނުވާލައިފައެވެ.
އަދި މީގެ އިތުރުން، ތޮއްޖެހިގެން ކުދިކުދި ތަންތަނުގައި ގިނަ އަދަދެއްގެ ބިދޭސީން އުޅޭތީ އެމީހުން އެހެން ތަންތަނަށް ބަދަލު ކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. މިހާތަނަށް އައިއިރު، ރާއްޖެއިން ގިނަ އަދަދެއްގެ ބިދޭސީން ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އޭގެ ތެރޭގައި ހިމެނޭ ގިނަ ބިދޭސީންނަކީ ތޮއްޖެހިފައި ތަންތަނުގައި ދިރިއުޅެމުން އައި ބިދޭސީންނެވެ.
ރާއްޖެ އިން މިހާތަނަށް 1829 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު އޭގެ ތެރެއިން 1239 މީހުންނަކީ ބިދޭސީންނެވެ. އަދި 590 މީހުންނަކީ ދިވެހިންނެވެ.