ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރު ފާތިމަތު އާމިރާ ލިޔުމުން ޖަވާބުދާރީވާން ފަސް ދުވަހުގެ މުއްދަތެއް ދީފިއެވެ.

ސީއެސްސީގެ މެމްބަރު ކަމުން އާމިރާ ވަކިކުރަން ނިންމުމުގެ މައްސަލަ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ވަނީ ފޮނުވައިފައެވެ. އަދި އެ މައްސަލައިގައި އެ ކޮމިޓީން ނިންމާފައި ވަނީ ސީއެސްސީގެ އެހެން މެމްބަރުންނެކޭ އެއްގޮތަށް އާމިރާ ވެސް ލިޔުމުން ޖަވާބުދާރީވާން ޖެހޭ ގޮތަށެވެ.

ސީއެސްސީގެ ފަސް މެމްބަރުންގެ ތެރެއިން އެ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި ނައިބު ރައީސް ޝަހީދު މުހައްމަދާއި މެމްބަރު ޒަކަރިއްޔާ ހުސައިންގެ އިތުރުން އިބްރާހިިމް ޝަހީމު ވަކިކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ކުރިން ނިންމިޔަސް، އެކަމާ މެދު އަލުން ގޮތެއް ނިންމަން ކޮމެޓީއަށް އޮތީ ފޮނުވައިފައެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި އާމިރާ ވަކި ކުރުމުގެ މައްސަލަ ހުށަހެޅުއްވީ، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގެވެ.

ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަމަށް އާމިރާ އައްޔަން ކުރީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރައްޔިތުން

    އާތިފާ ނަމޫނާ އަކަށް ބަލާ ބަލަ. އާތިފާ އެދިނީ އިސްތިއުފާ

    • އެލިޝް

      އާމިރާ ވަނީ މަޖިލީހުގެ ކޮމިޓީއަށް ދޮގު ހަދައި އޮޅުވާލާފަ. އޭނާގެ ބާރާއި ނުފޫޒު ބޭނުން ކޮށްގެން ސީއެސްސީގެ މެންބަރުން ވަކިކުރަން މަސައްކަތްކުރިކަން ސާބިތުވާ ފޯންކޯލެއްގެ އޯޑިއޯ ވެސް ވަނީ ލީކުވެފަ.