ރާއްޖޭގައި ކޮވިޑް-19 ގެ ނުރައްކަލާއި ގުޅިގެން އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދީ، އާންމު ހާލަތަކަށް ދިއުމަށް ތައްޔާރުވަމުން ދާއިރު، ބަލި ފެތުރޭ މިންވަރު ދަށްވެފައި އޮތުމަށްފަހު އަނެއްކާވެސް ފައްސިވާ މީހުންގެ އަދަދު ވަނީ އިތުރުވާން ފަށާފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާރު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން ބަލިން ރަނގަޅުނުވެ ތިބީ 389 މީހުންނެވެ. އިއްޔެ އާއި ހަމައަށް މި އަދަދު 371 ގައި ހުއްޓާ އަނެއްކާވެސް އިތުރުވެފައި މިވަނީ އިއްޔެ އިތުރު ގިނަ ބަޔަކު ރާއްޖެއިން ފައްސިވުމުންނެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުން މިހާރު ރާއްޖޭގައި ކޮވިޑް-19 އިން ރަނގަޅުނުވެ ތިބި މީހުންގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނީ ފަސް މީހަކަށެވެ.

ކޮވިޑް-19 ގެ ނުރައްކާ ރާއްޖެއަށް އެންމެ ބޮޑަށް ކުރިމަތިވެ، ބަލި ފެތުރޭ މިންވަރު އިތުރުވެގެން ދިޔައީ މިދިޔަ މޭއި މަހުގެ ތެރޭގައެވެ. އެގޮތުން މޭއި މަހުގެ ތެރޭގައި އެކަނިވެސް ރާއްޖެއިން 1300 އަށްވުރެ ގިނަ މީހުން މި ބައްޔަށް ފައްސިވެފައިވާކަން ތަފާސްހިސާބުތަކުން އެނގެއެވެ.

އިއްޔެ އިތުރު 37 މީހަކު ހިމެނޭހެން މިހާތަނަށް ރާއްޖެއިން ޖުމްލަ 2187 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. މިއީ ފާއިތުވެދިޔަ 20 ވަރަކަށް ދުވަހުގެ ތެރޭގައި އެންމެ ގިނަ ބަޔަކު ފައްސިވި ފަހަރެވެ. މިހާތަނަށް ރާއްޖެއިން ފައްސިވި މީހުންގެ ތެރެއިން 1788 މީހަކު މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ. އިއްޔެ ރާއްޖެ އިން 19 މީހަކު ކޮވިޑް-19 އިން ރަނގަޅުވެފައި ވެއެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 65.29 އިންސައްތަ އަކީ ބިދޭސީންނެވެ. ރާއްޖެއިން މިހާތަނަށް 1428 ބިދޭސީއަކަށް މި ބަލި ޖެހިފައި ވާއިރު، ފައްސިވީ ދިވެހިންގެ އަދަދު އުޅެނީ 759 ގައެވެ.

ރާއްޖެއިން ޖުމްލަ 1849 ފިރިހެނަކާއި 337 އަންހެނަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. މީގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ފައްސިވެފައި ވަނީ އުމުރުން 21 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުންނެވެ.

ކޮވިޑް-19 އާއި ގުޅިގެން ޤާއިމްކޮށްފައިވާ ކަރަންޓީނު ފެސިލިޓީތަކުގައި މިވަގުތު 151 މީހަކު އެބަތިއްބެވެ. އަދި އައިސޮލޭޝަންގައި ތިބީ 289 މީހެކެވެ. ރާއްޖެއިން މި ބަލި ފެނުނުތާ މިހާރު ވަނީ 105 ދުވަސް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު