ބޭސްފަރުވާ ނުދޭކަމަށް ބުނެ، ކަރެކްޝަންސް އާއި ދެކޮޅަށް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ކުރި ދަޢުވާ ސިވިލް ކޯޓުން ބޭރުކޮށްލައިފިއެވެ.

ސިވިލް ކޯޓުން މި ދަޢުވާ މިއަދު ބޭރުކޮށްލީ، އެ ދަޢުވާކޮށްފައި ވަނީ ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތުތައް ފުރިހަމަ ނުކޮށް ހުރުމުންނެވެ.

މި މައްސަލައާއި ގުޅިގެން މިއަދު ސިވިލް ކޯޓުން ވިދާޅުވީ، އެ މައްސަލައިގައި ކަރެކްޝަންސް އިން ހަދާފައިވާ ޤަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާޢަތުތައް ފުރިހަމަކޮށްފައި ނުވާތީ، މައްސަލަ ބެލުމުގެ އިހުތިސާސް ކޯޓަށް ލިބިގެން ނުވާ ކަމަށެވެ.

މިހާރު ޖަލުގައި ހުންނެވި އަދީބުގެ ބޭސްފަރުވާގެ ކަންކަން ރަނގަޅަށް ނުގެންދާތީ އޭނާގެ ވަކީލުންގެ ފަރާތުން އެކަމުގެ ކަންބޮޑުވުންތައް ފާހަނގަކޮށް މީގެ ކުރިން އެ މައްސަލަ އެޗްއާރުސީއެމަށްވެސް ފޮނުވާފައިވެއެވެ.

އެކަމާއި ގުޅިގެން ވަކީލުން ބުނެފައިވަނީ، އަދީބުގެ ލޮލަށް ގޮލޮކޮމާ ޖެހިފައިވާތީވެ އޭނާ އަކީ ލޮލަށް ބޭސްކުރަން ޖެހޭ ފަރާތެއް ކަމަށާއި، ނަމަވެސް އޭނާ މާފުށި ޖަލަށް ބަދަލު ކުރިފަހުން ލޮލަށް އަޅަން ޖެހޭ ބޭސް އަޅަމުން ނުގެންދާ ކަމަށެވެ.

އަދީބުގެ ވަކީލުން ބުނެފައިވަނީ، ކުރިމަތިވެފައިވާ ބަލި ހާލަތުގެ ސަބަބުން އައި ކެއާއަށް އަށް އަދީބު ދެއްކުމުން އަދީބު ލޮލުގެ ސާޖަރީއެއް ހަދަން ވީއެންމެ އަވަހަކަށް ރާއްޖެއިން ބޭރަށް ފުރަން ޖެހޭ ކަމަށް ލަފާދީ ޑޮކްޓަރު ސިޓީއެއް ދެއްވާފައިވާކަމަށެވެ.

އެ ސިޓީ، ކަރެކްޝަނަލް ސާވިސްއިން އޭނާގެ އާއިލާއާ ވަނީ ހަވާލުކޮށްފައި ކަމަށާއި އެ ލިޔުމަކީ ޑރ. ސްރިނިވާސް ޝެޓީ ކަލްޕަޑީ ދީފައިވާ ލިޔުމެއް ކަމަށްވާއިރު ލިޔުމުގައިވާ ގޮތުން ރާއްޖެއިން ބޭރަށް ގޮސް ގުލަކޯމާ ސްޕެޝަލިސްޓަކަށް ދެއްކުމަށްވާ ކަމަށް އަދީބުގެ ވަކީލުން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗް "ފިނިފެންމާ" ގޮއްވާލި މައްސަލައާއި، ފިސްތޯލަ ގެންގުޅުނު މައްސަލައިގެ އިތުރުން އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަތަކެއް ސާބިތުވުމުގެ ސަބަބުން އަދީބު ގެންދަވަނީ 33 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކުރަމުންނެވެ. މީގެ އިތުރުން އެމްއެމްޕީއާރުސީ ހިޔާނާތުގެ އިތުރު މައްސަލަތަކެއްގައިވެސް އޭނާ އާއި ދެކޮޅަށް ވަނީ ދަޢުވާކޮށްފައެވެ.