ގަވާއިދާއި ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ މަސް ބޯޓެއް އަތުލައިގެންފިއެވެ.

އެމްއެންޑީއެފް އިން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ 6 މީހުންނާއެކު މ.އަތޮޅުގެ އިރުން 37 ނޯޓިކަލް މޭލު ބޭރުން، ރާއްޖޭގެ ހާއްސަ އިގްތިސޯދީ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސް ބޯޓެއް މިމަހުގެ ތިން ވަނަ ދުވަހު، އެމްއެންޑީއެފް ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ އެ ބޯޓު ފެނިގެން ރިޕޯޓްކޮށްފައި ވަނީ އެސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ "އަސަރީ" އަދި ''އަސުރުމާ 02'' ނަމަކަށް ދޯނިތަކަށް ކަމަށެވެ. އެ މައްސަލަ ރިޕޯޓްކުރި ފަރާތްތަކަށާއި އަދި އެފަދަ ކަންކަމުގައި ދިވެހި މަސްވެރިން ދެއްވާ އެއްބާރުލުމާ އެހީތެރިކަން ފާހަގަކޮށް އެމްއެންޑީއެފް އިން ވަނީ ޝުކުރު އަދާކޮށްފައެވެ.

ގަވާއިދާއި ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ މަސް ބޯޓެއް އަތުލައިގެން ނަމަވެސް އަތުލައިގަތީ ކޮން ގައުމަކަށް ނިސްބަތްވާ ބޯޓެއް ކަމެއް އެމްއެންޑީއެފް އިން ހާމައެއް ނުކުރެއެވެ. އެމްއެންޑީއެފް އިން ބުނީ އެ ބޯޓު މާލެ ގެނެވުނީ މިއަދު މެންދުރު 14:00 ހާއިރު ކަމަށެވެ. އަދި އެ ބޯޓު މިހާރު ފުލުހުންނާއި ހަވާލު ކޮށްފައިވާ ކަމަށެވެ.

ގަވައިދާ ހިލާފަށް ރާއްޖޭގައި ކުރާ މަސްވެރިކަން ހުއްޓުވަން ފިޝަރީޒް މިނިސްޓްރީއާއި ކަސްޓަމްސްއާ ދެމެދު އެއްބަސްވުމެއްގައި މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވަނީ ސޮއިކޮށްފައެވެ. މިއީ ގާނޫނާއި ގަވާއިދާ ހިލާފަށް ބެލެހެއްޓުމެއްނެތި، އަދި ރިޕޯޓްކުރުމެއްނެތި ކުރާ މަސްވެރިކަން ހުއްޓުވުމަށް ބަނދަރުތަކުގައި އަޅާނެ ފިޔަވަޅުތަކާ ބެހޭ ގަވާއިދު ތަންފީޒްކުރުމާ ގުޅޭ ގޮތުން އެކުލަވާލި އެއްްބަސްވުމެކެވެ.

އެ އެއްބަސްވުމުގެ ދަށުން، މަސްގަތުމަށް ނުވަތަ މަސް ބަރުކުރުމަށް ނުވަތަ އެހެނިހެން ބޭނުމަކަށް ވެސް ރާއްޖޭގައި ބަނދަރުކުރުމަށް އަންނަ ބޭރު ގައުމުތަކުގެ މަސްވެރިކަން ކުރާ އުޅަނދުފަހަރާއި މަސްއުފުލާ ކުރިއަރު ނުވަތަ [ރީފަރ ވެސަލް] ފަދަ އުޅަނދުފަހަރަށް އިންވަރޑް އަދި އައުޓުވަރޑް ކްލިއަރެންސް ދިނުމާއި، އެފަދަ އުޅަނދުފަހަރު އިންސްޕެކްޓްކުރުމުގެ ކަންކަން ބައިނަލްއަގުވާމީ މިންގަނޑުތަކާއި ހެދިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮރަލް

    ބޯޓު ނީލަމުގަ ވިއްކާ ލަން ވީ އެވެ.

  2. ވަހީދު

    ތިއީ އެހެން ރާއްޖެއެއްގެ އެއްްޗެއް ނޫން. ތިޔައީ މިރާއްޖޭގެ މިނިކާފަޅީގެ އެއްޗެއް. ކަޝްމީރު ރޮގު ދެމިމީހުންނަށް ކަނޑުގައި ރޮގުނޭޅި އިނީމާ މިރާއްޖެ މިއޮތީ މިނިކާ ރާއްޖެއަށް ފަހުން އައި ބަޔަކު މިލްކު ކޮށްދީފަ. ކީއްވެބާ ގައުމުގެ ނަން ބުނެލަން ވެސް ގާނޫނު އަސާސީއަށް ފައިން އަރާ އިންޑިޔާ މިނިސްޓަރު ބިރުގަންނަނީ

  3. ބްރޯ

    އިންޑިޔާގެ ރާޑަރުތައްކޮބަ؟