އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ޚާއްޞަ ޙާލަތްތަކުގައި ޝަރީޢަތް ހިންގުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިދޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފިއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނެސްފައިވާ އެ އިސްލާހުގައި ވަނީ ޤާނޫނުއަސާސީން ނުވަތަ ޤާނޫނަކުން ބާރު ލިބިގެން އިޢުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތެއް ނުވަތަ ކާރިސާގެ ޙާލަތެއްގެ ސަބަބުން ޝަރީޢަތުގެ މަޖިލީހަށް ހާޒިރުވުމުގައި ރައްކާތެރިކަމެއް ނެތުން؛ ޖޯގުރަފީ ގޮތުން ރަށްތަކާއި ސަރަޙައްދުތައް އެތުރިފައިވާ ގޮތުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް، މޫސުމީ ގޮތުންނާއި ޚަރަދުގެ ގޮތުންނާއި ނުވަތަ ޖިނާއީ ޢަދުލުގެ ނިޒާމު ހިންގުމުގެ އިންތިޒާމުތައް އެ ރަށެއްގައި ނުވަތަ އެ ސަރަޙައްދެއްގައި ޤާއިމުކުރެވިފައިވާ ގޮތްތަކަށް އެ ވަގުތަކު އޮތް ހުރަސްތަކާއި ގޮންޖެހުންތަކަށް ރިޢާޔަތްކުރުމާއެކު، އަދި ހުށަހެޅިފައިވާ މައްސަލައެއް ނިންމުމަށް ލަސްވުން މެދުވެރިވެ، ޢަދުލު އިންޞާފު ޤާއިމުކުރުމަށް ބުރޫއަރާފާނެ ޙާލަތްތަކަކީ ޚާއްޞަ ޙާލަތްތަކެއްކަމަށް ފަނޑިޔާރަށް ކަނޑައެޅިދާނެ ކަމަށެވެ.

ނަމަވެސް އެގޮތަށް ޝަރީޢަތްތައް ކުރިއަށް ގެންދެވޭނީ އެގޮތަށް އެކަން ކުރުމަށް ކުށުގެ ތުހުމަތުގައިވާ ފަރާތް ނުވަތަ ދަޢުވާ ލިބޭ ފަރާތް އިޢުތިރާޟު ނުކުރާނަމައެވެ.

އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ކުރިއަށްގެންދާ ޝަރީޢަތްތަކުގެ މަޖިލިސްތަކުގެ ރެކޯޑިންގ، އެ މައްސަލައެއް ނިމޭ ތާރީޚުން ފެށިގެން 25 (ފަންސަވީސް) އަހަރު ދުވަހުގެ މުއްދަތަށް ރައްކާތެރިކޮށް ބަލަހައްޓަންޖެހޭގޮތަށް ވެސް ބިލުގައި ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ތިރީސްވަނަ ބާބުގެ ކުރިއަށް ކުއްލި ނުރައްކަލުގެ ޙާލަތެއްގައި ނުވަތަ ކާރިސާއެއްގައި ޚާއްޞަ އުސޫލުތައް ހިނގުމާ ބެހޭ ބާބެއް އިތުރުކޮށް މި ބިލުގައި ހިމަނާފައިވެއެވެ.

މި ބިލު ތަޞްދީޤް ކުރެއްވުމާ ގުޅިގެން، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު