ރާއްޖޭގައި ކޮވިޑް-19 އާ ގުޅިގެން ދިން ލުއިތަކާ އެކު ބައްޔަށް ފައްސިވާ މީހުންގެ އަދަދު އިތުރުވިޔަސް، މިހާރު އަޅާފައިވާ ފިޔަވަޅުތަކުގައި ކުރިއަށް ދެވޭނެ ކަން ސިއްހީ ތަޖުރިބާކާރުން ލަފާ ދެއްވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރޭ ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ށ. ފުނަދޫ އާއި ބ. އޭދަފުށީގައި ތަރައްގީ ކުރި މެޑިކަލް ފެސިލިޓީތަކުގެ މަސައްކަތް ނިންމައި އެ ދެ ތަން ހުޅުވަން އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަމީން ވިދާޅުވީ ކުރިއަށް އޮތީ ބުރަ ދުވަސްތަކެއް ކަމަށެވެ. އަދި ހާއްސަކޮށް ސިއްހީ ހިދުމަތްތެރިން އެ ދުވަސްތަކުގައި ކުރަން ހުރި މަސައްކަތްތައް ގިނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ށ. ފުނަދޫގައި ގާއިމު ކުރި ފެސިލިޓީ. --- ފޮޓޯ: ހެލްތު މިނިސްޓްރީ

އަމީން ވިދާޅުވި ގޮތުގައި، ކޮވިޑް-19 އާ ގުޅިގެން އެޅި ފިޔަވަޅުތަކުގެ ތެރެއިން "ގޭބަންދު" މިއޮތީ ނިމިފައެވެ.

ކޮވިޑް-19 އަށް އެއްވެސް ފަރުވާއެއް މިހާތަނަށް ހޯދިފައި ނެތުމުގެ ސަބަބުން މި ބަލި އަދިވެސް އިތުރަށް ފެތުރިގެންދާނެ ކަމަށާއި އެހެންވެ، އެންމެ މުހިންމީ ފަރުދީ ޒިންމާ އަދާކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ތިބުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ފަހަތަށް ދިޔަ ދުވަސްތަކަކީ ލުއި ދުވަސްތަކެއް ނޫން. އަދި ކުރިއަށް އޮތް ދުވަސް ތަކަކީ އެއަށް ވުރެ މާ ބުރަ ދުވަސްތަކެއް،" އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވި ގޮތުގައި ބަލީ ނުރައްކާ އަދިވެސް ކުޑައެއް ނޫނެވެ. ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވަމުންދާ އިރު، ހޮސްޕިޓަލްގައި ފަރުވާ ދޭ މީހުންގެ އަދަދު ވެސް ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ކޮވިޑް ބައްޔާ ކުރިމަތިލުމުގައި ދުނިޔެ ކޮށްފައިވާ ތަޖުރިބާ އަށް ބަލާއިރުގައި އަޅުގަނޑުމެންނަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކުގައި ކުރިއަށް ދެވޭނެ ކަމަށް ފަންނީ މާހިރުން ގަބޫލު ކުރައްވާތީ އަޅުގަނޑުމެން މިހާރު މިހިރަ ގޮތަށް ކުރިއަށް މިގެންދަނީ،" އަމީން ވިދާޅުވިއެވެ.

އޮންލައިންކޮށް ބޭއްވި ބައްދަލުވުން. --- ފޮޓޯ: ހެލްތު މިނިސްޓްރީ

ރާއްޖޭގެ ބޯޑަރު ހުޅުވާލުމާ އެކު، އެއް ތަނުން އަނެއް ތަނަށް ދިއުމަކީ ފަސޭހަ ކަމެއް ކަން ފާހަގަ ކުރައްވައި އަމީން ވިދާޅުވީ މިހާރު އެންމެން ވެސް އިސް ކުރުން މުހިންމީ ފަރުދީ ޒިންމާ ކަމަށެވެ. އެއީ ބަލިން ރައްކާތެރިވާން މިހާރު ކުރެވޭނެ އެންމެ މުހިންމު ކަންތައް ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އަލަށް ހަދާ ފެސިލިޓީތަކާއި ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތްތައް އަތޮޅުތެރެއަށް ބަހާލުމުން އަމާން އައްސޭރިއަކަށް ދެވޭނެކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

އޭދަފުއްޓާއި ފުނަދޫގެ އިތުރުން ކޮވިޑް-19 އަށް ފަރުވާ ދިނުމަށް މެޑިކަލް ފެސިލިޓީތައް ހަދަނީ ހއ.އިހަވަންދު އާއި ލ.ގަމާއި ފުވައްމުލައް ސިޓީއާއި ގއ. ވިލިނގިއްޔާ އައްޑޫ ސިޓީގައެވެ. އަމީން ވިދާޅުވީ ބާކީ ހުރި ފެސިލިޓީތައް ވަރަށް އަވަހަށް ގާއިމު ކުރެވޭނެ ކަމަށެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް 2،899 މީހަކު ފައްސިވެފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ 1،207 ދިވެހިންނާއި 1،692 ބިދޭސީންނެވެ. މި ބަލި ޖެހުނު 2،300 އަށް ވުރެ ގިނަ މީހުން ރަނގަޅުވި އިރު، ކޮވިޑް-19 ބަލީގައި ނިޔާވެފައި ވަނީ 15 މީހުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކާފަ

    ތިހެން ކުރިއަށްދެވޭނެ އެއްވެސް ފިޔަވަޅެއް ނޭޅިޔަސް... ޖެހެޭނެ ވަރަކަށް ޖެހެންވީ، އުޅޭނެގޮތަކަށް އުޅެންވީ، މަރުވާނެ މީހަކަު މަރުވާންވީ... ފިޔޥަޅުތައް ހުރީ ހަމައެކަނި ލިޔެވިފައި... ބޭކާރު ފިޔަވަޅުތަކެއްގެ ގޮތުގައި އެއްވެސް މަޤްޞަދެއް ހާސިލްވަގޮތަކަށްނޫން ތިއުސޫލު ތައްހެދިފަ ހުރީކީ... އަމާބުނީތީ ފަރަށްދާގޮތަށް...

    21
  2. Anonymous

    ބޯބުރާންތި ދުވަހެއް ދުވަހަކަށް މައްޗަށޭ މިދަނީ ކޮންޓްރޯލް ވާތަނެއް ނުފެނެޔޭ

    16
  3. ސޭޓުގެ އަންހެނުން

    ހުރިހާ ނޫހަކަށް ފޮޓޯ އަމީނު ފޮނުވީ މި ފޮޓޯތަ؟

    11
  4. ބޯގޯސް

    ޗައިނާގެ އުރުމްގީ ސިޓީން ކޮވިޑް-19 ޖެހިފައިވާ ފަސް މީހަކު ފެނި، އެ ސިޓީ ކަރަންޓީންކޮށްފިއެވެ. އެ ސިޓީގައި 3.5 މިލިއަން މީހުން ދިރިއުޅެމުން އަންނަ ސިޓީއެކެވެ. މިކަމާ ދޭތެރޭގާ ކީކޭބުނާނީ އެމީހުންނައް ބަންދުނުކޮއް ނޫޅެވޭނޭދޯ

  5. ކަމަނަ

    އެޅި ފިޔަވަޅެއްއެޅީ މަޖްބޫރުން މިހާރު ދާންވީ ހިސާބަށްގޮސް ނިމުނީ މިނިސްޓަރ ވެންޓިލޭޓަރު ނިކަން ޗައިނާއަށް ބަލާލަބަލަ އެންމެ ފަސް މީހުން ފެންނައިރަން ރީޖަން ބަންދުކުރީ މިތަނުގައި ބޭނުންގިަކަށް އުޅުމަށްވަނީ ލުއިދީފަ މިސްކިތް ފިޔަވައި ނަމާދު 7 މިނެޓް ކޮފީ2ގަޑި އިރު މީތަ ތިޔާބުނާ ގޮތަކީ