ދިވެހިރާއްޖޭގައި ތަކެތީގެ އަގި ބޮޑު ކުރަމުންދާ ދިޔުމާއި މެދު ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރަހިމްގެ ރަނިންގްމޭޓް އަމީން އިބްރާހިމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އަންނަ މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި ތ.ބުރުނި އަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ތަކެތީގެ އަގުބޮޑު ކުރައްވަމުން ސަރުކާރުން ގެންދަވަނީ ގަސްތުގައިކަމަށެވެ. އޭގެ ސަބަބުން ރައްޔިތުންގެ ޖީބަށް ކެތްނުވާކަމަށް އަމީން ވިދާޅުވިއެވެ.

"ކާބޯތަކެއްޗާއި އާންމު ބޭނުންތަކަށް ގެންނަ ސާމާނުތައް އޭގެ އަގު ދުވަހުން ދުވަހަށް ދަަނީ އިތުރުވަމުން. އަޅުގަނޑުމެންގެ ޖީބަށް ކެތްވާވަރެއް ނޫން. ކިހިނެއްތޯ މިވަނީ؟ މި ސުވާލު އެބަ އުފެދޭ. ކީއްވެގެންބާ ތަކެތީގެ އަގުބޮޑުވަމުން މިދަނީ. ކޮން ސަބަބަކާއި ގުޅިގެންތޯ؟ އަގުބޮޑު ނުވާންވީ އެއްވެސް ސަބަބެއް އަޅުގަނޑަކަށް ނުއެއްފެނޭ. މި ސަރުކާރުގެ އަމަލުތައް މިހުންނަ ގޮތައް ބަލާއިރު. ދެދުވަހުން އެއްދުވަހު ޓެކްސް ބޮޑު ކުރަނީ. ރައްޔިތުން އެޔަށް ދައްކަންޖެހޭ ލާރި ޖީބުން ދާ ޚަރަދު ބޮޑުވެގެން އެބަދޭ. ޑޮލަރުގެ އަގު މަތިވަނީ. ޑޮލަރެއް ނުލިބޭ. ޑޮލަރުގެ އަގު ބޮޑުވުމަކީ ބޭރުން ރާއްޖެ އެތެރެކުރާ މުދަލުގެ އަގު އިތުރުވެގެންދާނެ ކަމެއް. ޑޮލަރު ނުލިބުމަކީ މިގޮތައް ގެންނަ މުދާ ހޯދަންވެސް ދަތިވެގެންދާނެ ކަމެއް." އަމީން ވިދާޅުވިއެވެ.

މިފަދަ ހުރިހާ ކަމަކަށް ހައްލު ގެެނެސްދެވޭނެ ހަމައެކަނި ފަރާތަކީ ޤާސިމް އިބްރާހިމާއި އެމަނިކުފާނުގެ ޓީމް ކަން އަމީން ވަނީ ބުރުނީގެ ރައްޔިތުންނަށް ޔަޤީންކަން އަރުވާފައެވެ. ތަކެތީގެ އަގު ބޮޑުވުމުގެ ސަބަބުން މިއީ ރާއްޖޭގެ ހުރިހާ ހިސާބެއްގެ ވެސް ރައްޔިތުން ކަންބޮޑުވެ ތަހައްމަލު ކުރަންޖެހޭނެ ކަމެއް ކަމަށް އަމީން ވަނީ ވާހަކައިގައި ތަކުރާރުކޮށް ފާހަގަ ކުރައްވާފައެވެ.

"ތަކެތީގެ އަގު ކުޑަ ކުރެވޭނީ ކިހިނެއްތޯ. އާދެ އެއްވެސް ޝައްކެއް ނެތް. މިކަމަށް އަޅުގަނޑުމެން އެބައޮތް ހައްލު. އަޅުގަނޑުމެންގެ ސަރުކާރެއްގައި ތިބޭފުޅުންނަށް މި ހައްލު ގެނެސްދޭނަން. ފުރަތަމަ ކަމަކަށް ޑޮލަރުގެ މައްސަލައަށް އަޅުގަނޑުމެން ހައްލު ގެނެސްދޭނަން. ރާއްޖޭގައި މިހާރު އުފެލުމުންދާ ޑޮލަރުގެ ރޭޓް އަޅުގަނޑުމެންގެ ސަރުކާރެއްގައި ނުވަތަ ޤާސިމް އިބްރާހިމްގެ ޒަޢާމަތެއްގައި އިރާދަކުރެއްވިއްޔާ އޭގެ އަގު ހިފަހައްޓާދޭނަން. އޭގެ އަގު ކުޑަކޮށްދޭނަން. އަޅުގަނޑުމެން އެކަން ކުރާނެ ގޮތް ވެސް މިހާރު ވާނީ މެނިފެސްޓޯގައި ފާހަގަކޮށްފައި." އަމީން ވިދާޅުވިއެވެ.

އޭގެއިތުރުން އަމީން ވިދާޅުވީ ރައްޔިތުންގެ އަތުން ނަގަމުންދާ ޓެކްސަށް ބަދަލުގެންނާނެ ކަމަށާއި އިތުރު ޓެކްސްތަކެއް ރައްޔިތުން އަތުން ނުނަގާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސައްލާ

    ލޮބުވެތި އަމީން، ތިހާ ބޮޑުތެދެއް މަނިކުފާނު ނަހައްދަވާ. ވޯޓަށް ފައިސާހޯދަން ސްޓެލްކޯ މެދުވެރިކޮށް މަހަކުން މަހަކުން ބިލްބޮޑުކޮށް

  2. ސައްލާ

    ލޮބުވެތި އަމީން، ތިހާ ބޮޑުތެދެއް މަނިކުފާނު ނަހައްދަވާ. ވޯޓަށް ފައިސާހޯދަން ސްޓެލްކޯ މެދުވެރިކޮށް މަހަކުން މަހަކުން ބިލްބޮޑުކޮށްފައިސާ ނަގައި، ކޮތަޅުން ޓެކްސް ބޮޑުކޮށް، އެތަށްފަހަރަކު ފައިސާ ޗާރޕްކޮށްފި.

  3. ދެލޯވަރު

    ކޮޓަޅު އިބިރީހިމާ ކޮތަޅުންމުއްސަނދިވެ ކޮތަޅު އަގުބޮޑުކުރީ ޓެކުސް ބޮޑުކުރީ އެއަރޕޯޓުން ދިވެހިން ފުރާތީ އަގުބޮޑުކުރީ ޑޮމެސްޓިކުގެ ފުލައިޓު ތަކުގެ ޓިކެޓު އަގުހެޔޮކުރާނަމޭ ބުނެ ދޮގުހެކިދިނީ އެއްކަމެއްވެސް ނުވެ އިންޑިއާއިން ލޯނުނަގާ އެމީހުން މިގައުމަށް އަތްގަދަކުރުމުގެ ބާރު ދިނީ މިއީ މޮޔައަކު ވެރިކަމުގަ ހުރެގެންވެސް ކުރާނެކަންތަށް ތަކެއްނޫން އެއްބުރުން މިފަހަރު މުއިއްޒު ،،✅4

  4. 123

    މީގެކުރިން މަހީކޮށްގެންހުރީ ހިނދުކޮޅުގަ ހުންނަނީ އެހެންމީހެއްކަމަށް . އެކަމަކު މިހާރުއެނގިއްޖެ އިތުރުމީހަކުވެސް އެލިސްޓުގަހިމެނިއްޖެކަން.

    2
    5