ހުޅުމާލެ ހޮސްޕިޓަލަށް ވިހަން ދިޔަ މާބަނޑު އަންހެނަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ އޮފިޝަލަކު "ވަގުތަށް" މިއަދު ވިދާޅުވީ މާބަނޑު އަންހެނަކު ހުޅުމާލެ ހޮސްޕިޓަލަށް ވިހަން އައުމާ ގުޅިގެން އޮންނަ އުސޫލުގެ ތެރެއިން އެމީހާ ކޮވިޑް-19 އަށް ޓެސްޓްކޮށްފައިވާ ކަމަށެވެ.

އަދި ޓެސްޓްގެ ނަތީޖާ ލިބުނު އިރު، އެމީހާ ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ. އެކަމަކު، މިހާތަނަށް އައިއިރު، އަންހެން މީހާ ވިހާފައިވާ ކަމެއް ނުވަތަ ނޫން ކަމެއް އޭނާ ވިދާޅެއް ނުވެއެވެ. އަދި އެމީހާގެ އުމުރެއް ވެސް ހާމައެއް ނުކުރެއެވެ.

މިކަމާ ގުޅިގެން ހުޅުމާލެ ހޮސްޕިޓަލުން އަޅާފައިވާ ފިޔަވަޅުތަކާ ބެހޭ މައުލޫމާތެއް އަދި ހާމައެއް ނުކުރެއެވެ.

މީގެ ދުވަސްތަކެއް ކުރިން، ރާއްޖޭގެ އެންމެ ބޮޑު އެއް ހޮސްޕިޓަލް، އައިޖީއެމްއެޗް އިން ވަނީ ކޮވިޑް-19 ގެ ވޭދަނަތަކެއް (ކޭސް) ފެނިފައެވެ. ހެލްތު މިނިސްޓްރީގެ ވެބްސައިޓްގައި އާއްމުކޮށްފައި ހުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި އައިޖީއެމްއެޗުގެ ކްލަސްޓާގައި 30 އަށް ވުރެ ގިނަ މީހުން ފައްސިވިއެވެ. މި ކްލަސްޓާގައި ހިމެނޭ ތިން މީހަކު ވަނީ ނިޔާވެފައެވެ.

އައިޖީއެމްއެޗުން ފައްސިވި މީހުންގެ ތެރޭގައި ނަރުހުންނާއި ޑޮކްޓަރަކާއި ހޮސްޕިޓަލުން ފަރުވާ ހޯދި މީހުންނާއި އެ މީހުންނާ ކޮންޓެކްޓުވި އާއިލާގެ މީހުން ވެސް ހިމެނެއެވެ. ކޮވިޑް-19 އާ ގުޅިގެން ލުއިތައް ދިން ފަހުން، އެންމެ ގިނަ އިން ބަލި ފެތުރުނު ދިމާލަކީ ވެސް އައިޖީއެމްއެޗެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭން ފެށުމާ ގުޅިގެން ބަލި ޖެހޭ ދިވެހިންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ އެޗްއީއޯސީ އާއި ކަމާބެހޭ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ ފަރާތްތަކުގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ބަލި ޖެހިގެން އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު އިތުރުވާން ފެށުމެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުންގެ އަދަދު ވަނީ 3،120 އަށް އަރައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 1،366 ދިވެހިންނާއި 1،754 ބިދޭސީންނެވެ. މި ބަލި ޖެހިގެން ރާއްޖެ އިން ރަނގަޅުވެފައި ވަނީ 2،428 މީހުންނެވެ.

މި ބަލީގައި މިހާތަނަށް ނިޔާވެފައި ވަނީ 15 މީހުންނެވެ.

ރާއްޖެ އިން އިއްޔެ އެކަނި ވެސް 55 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެ ތެރެއިން 31 މީހުންނަކީ ދިވެހިންނެވެ.

މިހާތަނަށް ބޭހެއް އަދި ވެކްސިނެއް ހޯދިފައި ނުވާ، ކޮވިޑް-19 އިން ރައްކާތެރިވުމަށް ސިއްހީ މާހިރުން ލަފާ ދެނީ ގިނަ ގިނަ އިން ސައި ބޯނި ލައިގެން އަތް ދޮވުމަށާއި ޒަރޫރީ ބޭނުންތައް ފިޔަވައި އެހެން ބޭނުމެއްގައި ބޭރަށް ނުނިކުތުމަށާއި ބޭރުގައި އުޅޭ އިރު، ގައިދުރުކަމަށް ސަމާލުކަން ދިނުމަށެވެ.