ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ އުސޫލުތަކާ ހިލާފަށް ހިންގި 246 ތަނެއް ބަންދުކޮށްފައިވާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވީ މާލެ ސަރަހައްދުގައި ހުރި އާންމު ހިދުމަތްދޭ ތަންތަން ހިންގަނީ އެޗްޕީއޭގެ ންގަނޑުތަކާއި އެއްގޮތަށްތޯ ބެލުމަށް ފެށި އިންސްޕެކްޝަންގައި މާލެ، ހުޅުމާލެ އަދި ތިލަފުށީގައި ހުރި ހުރިހާ އެއްފަހަރު ބަލައި އިންސްޕެކްޓްކޮށްފައިވާ ކަމަށެވެ.

މި އިންސްޕެކްޝަނުގައި މިހާތަނަށް މާލޭ ސަރަޙައްދުގެ 1،546 ތަނެއް އިންސްޕެކްޓްކޮށްފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

މި އިންސްޕެކްޝަންތައް ކުރިއަށް ދިޔައިރު، އެންމެ ބޮޑަށް ފާހަގަކުރެވުނު ކަމަކީ އެ މަސައްކަތް ފެށި ކުރީކޮޅާއި ބަލާފައި ފަހުން އިންސްޕެކްޝަންގެ ތެރެއިން ބަންދުކުރަން ޖެހުނު ތަންތަނުގެ އަދަދު މަދުވަމުން ދިޔުން ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވި ގޮތުގައި އިއްޔެ އެކަނި ވެސް މާލެ ސަރަހައްދުގެ 136 ތަނެއް އިންސްޕެކްޓް ކުރިއެވެ. އެއީ ކާބޯތަކެތީގެ ހިދުމަތްދޭ 37 ތަނަކާއި 11 ސެލޫނަކާއި 88 ފިހާރަ ކަމަށާއި އޭގެ ތެރެއިން ނުވަ ތަނެއް ބަންދު ކުރި ކަމަށް ނަޒްލާ ވިދާޅުވިއެވެ.

އެއީ ކާބޯތަކެތީގެ ހިދުމަތްދޭ އެއް ތަނާއި ތިން ސެލޫނާއި ފަސް ފިހާރަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އިންސްޕެކްޝަން ފުރަތަމަ ފެށި ދެ ދުވަހު އަޅުގަނޑުމެން އިންސްޕެކްޓްކުރި ތަންތަނުން ގާތްގަނޑަކަށް 50 ޕަސެންޓް ތަންތަން ބަންދުކުރަން ޖެހުނު. ނަމަވެސް އިންސްޕެކްޝަންތައް ކުރިއަށްދިޔަ ވަރަކުން ފާހަގަކުރެވުނު ބަންދުކުރަންޖެހޭ ތަންތަނުގެ އަދަދު ނިސްބަތުން ކޮންމެ ދުވަހަކުވެސް މަދުވަމުން ދިޔަ ކަން،" ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ، މާލޭ ސަރަހައްދުގައި އާއްމު ހިދުމަތްދޭ ހުރިހާ ތަނެއް ފުރަތަމަ ބުރަށް އިންސްޕެކްޓްކޮށް ނިމިފައިވާތީ، އިންސްޕެކްޝަންގެ މަސައްކަތްތައް މިވަގުތައް މަޑުޖައްސާލަން ނިންމާފައިވާކަމަށެވެ. އެކަމަކު، ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

އެޗްޕީއޭގެ އުސޫލުތަކުގައިވާ ގޮތުން ފިހާރަތަކާއި ކެޕޭ ރެސްޓޯރަންޓްތަކާއި ޖިމާއި މާރުކޭޓް ފަދަ ތަންތަނަށް މީހުން އެއް ފަހަރާއި ވެދެވޭނެ އަދަދުތައް ވަނީ ކަނޑައަޅައިފައެވެ. އެ ތަންތަނުން ހިދުމަތް ހޯދާ މީހުން މާސްކް ނާޅައި ތިބޭނަމަ އެތެރެއަަށް ނުވެއްދުމާއި ހޭންޑް ސެނިޓައިޒަރ ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށްވެސް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އުސޫލު

    ހިލާފު ވާ ރިސޯރޓް ތައް ބަންދު ކުރާނަން ތޯ؟.