ހއ.ދިއްދޫގައި މޫދަށް އެރި އުޅުނު މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ އެވެ.

އެ މީހާ މޫދަށް އެރި އުޅެނިކޮށް ނިޔާވެފައި އޮއްވާ ފެނުނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ދިއްދޫ ހޮސްޕިޓަލް ހިންގުމާ ހަވާލުވެގެން ހުންނެވި މުހައްމަދު ރަޝީދު ވިދާޅުވީ، މޫދުން ފެނުނު މީހާ ހޮސްޕިޓަލަށް ގެނައިރުވެސް އޮތީ މަރުވެފައި ކަމަށެވެ.

"ހޮސްޕިޓަލަށް މައުލޫމާތު ލިބިފައިވަނީ 17:59 އެހާކަންހާއިރު. އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެނެވުނީ 18:07 އެހާކަންހާއިރު. ގެނައި އިރުވެސް މަރުވެފައި އޮތީ" މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

މައުލާމާތު ލިބިފައވާ ގޮތުގައި މަރުވެފައިވަނީ އެރަށުގައި އެންމެ ފުރަތަމަ ހޮޓާ ވިޔަފާރި ފަށައިގެން ފުޅާ ދާއިރާއެއްގައި އެ ވިޔަފާރި ކުރަމުން އަންނަ އުމުރުން 50 އަހަރުން މަތީގެ މީހެކެވެ.

އޭނާ ފެނިފައިވަނީ އެރަށު ޒުވާނުންގެ މަރުކަޒާ ދިމާލުން މޫދުން ކަމަށް ރަށުން މައުލޫމާތު ދިން މީހަކު ބުންޏެވެ.

ފުލުހުން ވިދާޅުވީ، ދިއްދޫގެ ދެކުނު ފަރާތު ރާޅު ޖަހާ ހިސާބުގައި ހަރަކާތެއް ނެތި މީހަކު އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހަވީރު 17:56 ހާއިރު ކަމަށެވެ. އަދި އެ މައުލޫމާތު ލިބުމާއެކު ފުލުހުން އެ ސަރަހައްދަށްހޮސް އެމްބިއުލާންސްގެ އެހީގައި އެ މީހުން ހޮސްޕިޓަލަށް ގޮސްފައިވާ ކަމަށާއި، އެ މީހާ ހޮސްޕިޓަލަށް ދިޔައިރުވެސް ނިޔާވެފައިވާ ކަމަށް، އެ މީހާ ބެލި ޑޮކްޓަރު ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، ނިޔާވެފައި ވަނީ 59 އަހަރުގެ މީހެއްކަމަށެވެ.