ނުރައްކާތެރި ކުށްވެރިން ފައިގައި އަޅުވާ ޓެގް ގެނައުމަށް އަމިއްލަ ކުންފުންޏަކާ ހަވާލު ކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން އަނެއްކާވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރާއި ސުވާލު ކޮށްފިއެވެ.

އެ ޓެގްތައް ގެނައުމަށް 2015 ވަނަ އަހަރު އަމިއްލަ ކުންފުންޏަކާއި ހަވާލުކުރީ އުމަރުގެ ނުފޫޒުން ކަމަށް ތުހުމަތުކޮށް މައްސަލަ ތަޙްޤީޤު ކުރަން ފަށާފައި މިވަނީ 2017 ވަނަ އަހަރު ތެރޭގައެވެ. އަދި އެ މައްސަލަ އޭސީސީއަށް ހުށަހަޅައި ބަލަމުންދާ ކަން ހާމަކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ތެރޭގައެެވެ.

އުމަރުގެ ހޯމް މިނިސްޓަރު ކަމުގައި މޮނިކޮން އަމުރު ނެރެގެން ބައެއް ކުށްވެރިންގެ ގައިގަ ޓެގް އަޅުވާ އެމީހުން އުޅޭ ނޫޅޭގޮތް ފުލުހުން ބަލަމުން ގެންގޮސްފައި ވެއެވެ.

އުމަރު މިއަދު ފޭސްބުކްގައި ޖެހި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، މި ޕްރޮޖެކްޓްގެ ކޮންޓްރެކްޓް ރާއްޖޭގެ އަމިއްލަ ކުންފުންޏަކާއި ހަވާލު ކުރެވުނީ ހުޅުވާލެވިފައިވާ ބިޑެއްގައި، އާންމުކޮށް އިޢުލާން ކޮށްގެން އެންމެ ކުޑަ އަގު ހުށަހެޅި ފަރާތަށް ކަމަށްވާތީ އާއި ފިނޭންސް މިނިސްޓްރީ އަށް ލިޔެ ހުއްދަ ހޯދައިފައިވާތީ އޮޑިޓަރ ޖެނެރަލްގެ އޯޑިޓް ރިޕޯރޓްގައި އެއްވެސް ކަމެއް ފާހަގަ ކުރައްވާފައި ނުވާ ކަމަށެވެ. އަދި މި ޕްރޮޖެކްޓްގެ ކޮންޓްރެކްޓް ހަވާލު ކުރުމުގެ ކުރިން އޭސީސީއަށް ލިޔެ ލަފައެއް ހޯދުނު އިރު، އެ ތަނުންވެސް އެއްވެސް ކަމެއް ފާހަގަ ކުރައްވާފައި ނުވާ ކަމަށް އުމަރު ވިދާޅުވިއެވެ.

އަދި އުމަރު ވިދާޅުވީ، އެ މަސައްކަތް ހަވާލު ކުރެވުނު ދިވެހި ކުންފުންޏަކީ އޭނާގެ ނުވަތަ އޭނާގެ އެއްބަނޑު އެއްބަފާ މީހެއްގެ ނުވަތަ އަންބެއްގެ، ދަރިއެއްގެ ހިއްސާ އެއް ނުވަތަ އެއްވެސް މަސްލަހަތެއް އެއްވެސް ޒަމާނެއްގައި އޮތް ކުންފުންޏެއް ނޫން ކަމަށެވެ.

"ނަމަވެސް މި މަސައްކަތް ފަށައިގަނެގެން ކުރިއަށް ދަނިކޮށް، ކުށްވެރިންނާ ގުޅުން ހުރި އަމިއްލަ ފަރާތަކުން މި މައްސަލަ ވަނީ އެއިރު އެންޓިކޮރަޕްޝަން އަށް ހުށަހަޅާ އެ ކޮމިޝަން އިން ބައްލަވާފައި. އަނެއްކާ މިހާރުގެ ކޮމިޝަން އިން ދަނީ މި މައްސަލަ އަލުން ބައްލަވަމުން. އެކަމާ ގުޅިގެން އިއްޔެ ވަނީ އަޅުގަނޑާ ސުވާލުކުރައްވާފައި. މި މައްސަލަ ނުނިމި އޮންނަތާ މިހާރު 5 އަހަރު ފުރި 6 ވަނަ އަހަރަށް މިވަނީ އެޅިފައި" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ، ދައުލަތުގެ މުއައްސަސާތަކުން މިފަދަ މައްސަލަތައް ބައްލަވާ ގާނޫނާ ހިލާފްވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުއްވުމަކީ އަބަދުވެސް އެދޭ އަދި ވަކާލާތު ކުރާ ގޮތް ކަމަށެވެ. އަދި މި މައްސަލައިގައި ވެސް އޭނާ ކުށެއްކޮށްފައިވާ ނަމަ އަދަބު ދިނުމަށާއި، އަދި ކުށެއްކޮށްފައި ނުވާނަމަ އެކަން އިއުލާން ކޮށްދިނުމަށް އެދޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އަދި 2023 ވަނަ އަހަރުގެ އިންތިހާބު ކައިރިވަމުން އައި ވަރަކަށް މިފަދަ ލަވަތަކުގެ އަޑު ގަދަވެ ގަދަވެ ހުންނާނެ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

އުމަރު މިހާރުވެސް ގެންދަވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކެމްޕެއިން ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ހަސަދު

  އުމަރު ފައިގައި ވެސް ޓެގް އަޅުވަން ފެނެ. ރިޔާސީ ކެޑިޑޭޓް ވެސް އެޅުއްވާ ތަންތަން ރައްޔިތުންނަށް އެގެން ޖެހެނެ.

  4
  15
 2. ސާބަސްތޯއްޗެ

  ޢުމަރު 23 ގައި ވެރިކަމަށް އައުމަށް މަސައްކަތް ކުރާތީ އެކަން ހުއްޓުވޭތޯ ގަންނަ ސަކަރާތަކާ ހާދަވައްތަރޭ...

 3. ދުންތަރި

  ޢުމަރަކީ ވެރިކަން ކުރުމުގެ ގަޓުރި ބޭފުޅެއް ުމަރު ވެރިކަމަށް ކުރިމަތިލަިފިނަމަ މަވޯޓުވެސް ދޭނަން އަދި ކެމްޕޭނުވެސް ކޮށްދޭނަން ޢުމަރު ނޫނީ ކަމެއް ކުރެވޭކަހަލަ ހިތްވަރެއްހުރި މީހަކު މިހާޜަކުނެތް ޢު،މަރު ވެރިކަންކުރާނީ ގޭންގުތަކާ މުޖުރިމުން ބައިވެރިކޮށްގެންނޫންކަން ކަށަވަރު