އައްޑޫސިޓީގައި ކޮވިޑް-19 ފެތުރިފައިވޭތޯ ބެލުމަށް ނެގި ސަވަޔަލެންސް 272ސުންކު (ސާމްޕަލް)ވެސް ނައްސިވެއްޖެއެވެ.

އައްޑޫގައި ވަކި ތަރުތީބެއް ނެތި ސުންކު ނަގާފައިވަނީ މިމަހުގެ 26 އަދި 27 މި ދެދުވަހުއެވެ.

ކޮވިޑް-19ގެ ގިނަ ވޭދަނަތަކެއް ރާއްޖޭގެ އަތޮޅުތެރެއިން ފެންނަމުން އަންނާތީ ހުރިހާ ސަރަހައްދަކުންވެސް ސަވައިލެންސް ސުންކު ނެގުމަށް ވަނީ ހަމެޖެހިފައެވެ.

އައްޑޫ ހޮސްޕިޓަލުން ބުނީ، އައްޑޫއިން ނަގާފައިވާ ސުންކުތައް ނައްސިވިނަމަވެސް، ކުރިއަށް އޮތްތަނުގައި އައްޑޫގެ އެކި ސަރަހައްދުތަކުން ވަކި ތަރުތީބެއް ނެތި ސުންކު ނަގާނެ ކަމަށެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އައްޑޫގައި މިވަގުތު ކޮވިޑް-19ގެ 2 ވޭދަނައެއް އެބަ އުޅެއެވެ. އެއީ އެރަށު ގުޅިފައިވާ ގަމާއި ހުޅުދޫއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 10،194 މީހަކު ކޮވިޑް-19 އަށް ވަނީ ފައްސިވެފައެވެ. އޭގެ ތެރެއިން 1،116 މީހަކަށް ފަރުވާ ދެމުން އަންނައިރު، މީގެ ތެރެއިން 80 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މި ބަލި ޖެހިގެން 9،037 މީހަކު މިހާތަނަށް ރަނގަޅުވެފައިވާއިރު، މި ބަލި ޖެހިގެން ރާއްޖެއިން މިހާތަނަށް ނިޔާފައިވަނީ 34 މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު