ގާނޫނީ މުއްދަތުގެ ތެރޭގައި ޓޯޗާގެ މައްސަލަތައް ތަހުގީގު ކުރުމުގައި ދަތިތަކެއް ދިމާވާތީ، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމާއެކު ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ މެންބަރުން މަޝްވަރާކުރައްވައިފިއެވެ.
ް
އެޗްއާރުސީއެމް އިން ކުރި ޓްވީޓެއްގައި ބުނީ، 2013 ވަނަ އަހަރުން ފެށިގެން އަމަލުކުރާ އެންޓި ޓޯޗާގެ ގާނޫނުގެ ދަށުން އޭގައިވާ މުއްދަތުގެ ތެރޭގައި ޓޯޗާގެ މައްސަލަތައް ތަހުގީގު ކުރުމުގައި ދިމާވާ ދަތިތަކެއް ޕީޖީގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށެވެ.

އެ ގާނޫނުގައިވާ ގޮތުން ޝަކުވާއެއް ހުށަހަޅާތާ ތިން މަސް ދުވަސް ތެރޭގައި އެ ކަމާ މެދު ގޮތެއް ނިންމަން ޖެހެއެވެ. ޝަކުވާ ހުށަހެޅި ތާރީހުން ފެށިގެން ގިނަވެގެން ދެ މަސް ދުވަސް ތެރޭގައި މައްސަލަ ހުށަހެޅި މީހަކަށް ތަހުގީގު ގޮސްފައިވާ ހިސާބެއް އަންގަން ޖެހޭނެއެވެ.

ތަހުގީގުކޮށް ނިމޭތާ 14 ދުވަހުގެ ތެރޭގައި، އެ މައްސަލަ ހުށަހެޅި މީހަކަށް ތަހުގީގު ރިޕޯޓު ދެވެން ޖެހެއެވެ. ތަހުގީގު ނިމި ހަމަ އެ މުއްދަތުގައި ޓޯޗާގެ އަމަލުގެ ޒިންމާ އުފުލަން ޖެހޭ ކަމަށް ކޮމިޝަނަށް ފެންނަ މީހެއް ނުވަތަ ބައެއްގެ މައްޗަށް ދައުޗާ ކުރަން ޕީޖީއަށް ފޮނުވަން ޖެހޭނެއެވެ.

ޓޯޗާގެ އެކި މައްސަލަތައް ފެންމަތިވެ، އެކި ފަރާތްތަކަށް މީގެ ތުހުމަތުތައް އަމާޒުވެގެންދާ އިރު ވެސް އެޗްއާރުސީއެމް އިން ފިޔަވަޅެއް ނާޅާ ތިބޭތީ ފާޑުކިޔުންތައް ވަރަށް ބޮޑެވެ.

ެަރައްޔިތުންގެ މަޖިލީހުގައި އެންމެ ފަހުން ކޮމިޝަންގެ މެންބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލަތައް ކުރިއަށް ދަނިކޮށް ބައެއް މެންބަރުން އަމިއްލައަށް އިސްތިއުފާ ދެއްވާފައިވެއެވެ. ކޮމިޝަނަށް އާ ތިން މެންބަރަކު ފަހުން އައްޔަންކޮށްފައިވެއެވެ.