ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރާ މާލަމުގައި މަޖިލީހުގެ ކެންބަރުން އިށީނދެ ތިއްބަވާ އިރު ސިޔާސީ ޕާޓީތައް ވަކިވާ ގޮތަށް އެ ތަރުތީބު ބަދަލު ކުރުމަށް އެ މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފިއެވެ.

މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް އިއްޔެ ފެށި އިރު، މަޖިލީހުގެ ޖަލްސާ ކުރާ މާލަމުގައި މެންބަރުން އިށީނދެ ްތިއްބަވާނެ ތަރުތީބެއް ކަނޑައަޅައި ރިޕޯޓެއް އެކުލަވާލަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާންމު ކޮމިޓީއަށް ފޮނުވާފައިވެއެވެ.

އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި، ސިޔާސީ ޕާޓީތައް ވަކިން ތިބޭ ގޮތަށް މަޖިލީހުގެ ތަޅުމުގައި ގޮނޑިތައް އަތުރާނެ ގޮތުގެ ތަރުތީބު ބަދަލު ކުރަން ހުށަހަޅަން ފާސްކުރީ ހަތަރު މެންބަރުންގެ ވޯޓުންނެވެ. ކޮމިޓީގައި ތިއްބަވަނީ ހަތް މެންބަރުންނެވެ.

ކޮމިޓީން މި ގޮތަށް ފާސްކުރި ނަމަވެސް މަޖިލީހުގެ ތަޅުމުގައި މި ކަމާ މެދު އަދި ބަހުސެއް ހިންގާނެއެވެ. ތަޅުމުގައި ބަހުސް ކުރުމަށް ފަހު، ގޮތެއް ނިމޭނީ ތަޅުމުގައި ނަގާ ވޯޓުންނެވެ. މި ބަދަލު ގެނައުމަށް އިސްލާހު ކުރަން ޖެހޭނީ މަޖިލީހުގެ ގަވާއިދެވެ.

މަޖިލީހުގެ ތަޅުމުގައި މިހާރު މެންބަރުން އިށީނދެ ތިއްބަވާ ތަރުތީބަކީ، އެންމެ ކުރީ ގޮނޑި ބަރީގައި މާލެ ދާއިރާތައް ތަމްސީލު ކުރައްވާ މެންބަރުން ތިބުމަށް ފަހު، ދެން ހއ. އަތޮޅުން ފެށިގެން ސ. އަތޮޅާ ހަމައަށް އިދާރީ ދާއިރާތައް ތަރުތީބުވާ ގޮތަށެވެ.

އެ ތަރުތީބު ބަދަލު ކުރުމާ މެދު ކޮމިޓީން ގޮތެއް ނިންމުމުގެ ކުރިން އިދާރީ މޭޒު މެދުވެރިކޮށް ރިޔާސީ ނިޒާމު އޮންނަ ގައުމުތަކުގައި މަޖިލީހުގެ ގޮނޑިތައް ތަރުތީބު ކުރެވިފައި އޮންނަ ގޮތުގެ މައްޗަށް ދިރާސާ ލިޔުމެއް އެކުލަވާލިއެވެ.

އޭގައި އޮންނަ ގޮތުން ނަމަ، ރިޔާސީ ނިޒާމު އޮންނަ ގިނަ ގައުމުތަކުގައި މަޖިލީހުގެ މެންބަރުންގެ ގޮނޑިތައް ތަރުތީބު ކުރެވިފައި އޮންނަނީ ސިޔާސީ ޕާޓީތައް ތަރުތީބުވާ ގޮތަށެވެ.

ރާއްޖޭގައި އޮންނަ ގޮތަށް އިދާރާ ދާއިރާތަކުން ގޮނޑިތައް ތަރުތީބު ކުރެވޭ ގޮތަށް އޮންނަނީ ރާއްޖޭގެ އިތުރަށް ފިިލިޕީންސްގައި އެކަންޏެވެ.

ރިޔާސީ ނިޒާމު އޮންނަ ގިނަ ގައުމުތަކުގައި އެ ގޮތަށް އަމަލު ކުރިޔަސް، ރާއްޖޭގެ އިދާރީ ދާއިރާތައް ތަރުތީބު ކުރެވިފައި އޮންނަ ގޮތަށް މަޖިލީހުގެ ގޮނޑިތަކުގެ ތަރުތީބު ބަދަލު ކުރަން ކޮމިޓީގެ ބައެއް މެންބަރުން ބޭނުންވިއެވެ. އެއީ ހއ. އަތޮޅުން ފެށިގެން ސ. އަތޮޅުގެ ދާއިރާތަކަށް ތަރުތީބު ކުރާ ގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަބް

    ހަމަ ބަރުލަމާނީއަށް ތައްޔާރުވުމުގައި... ތިޔަ ކުޅޭ ގޭމެއް ބަލަން މިތިބީ

    14
    2
  2. އައްޑޫ މީހާ

    ބުލީކުރުމަށް މަގުފަހިކުރުން ނޫން ދެން ކޮންކަމެެއް؟ އަމިއްލަ އަތުން ފޭހޭ އިލޮށި އަމިއްލަ ލޮލަށް ވަންނާނެ ދުވަސްވެސް ފެންނާނެ

    8
    2
  3. ބުލީ

    ލަދުގަންނަވަން ކިތައްމެ ކަމެއްކުރިޔަސް ލަދެއް ނުގަންނާނަން ޖެހިލުމެއްނުވާނެ ބުނަންވާއެއްޗެއް ބުނާނަން