މިއަހަރުގެ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ އެސްއެމްޓީން އެ ސްކޫލުގެ މުދައްރިސުންނަށް ދިން ސަޕްރައިޒްތަކުން ޓީޗަރުން ރޮއްވާލައިފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން އެ ސްކޫލުގެ ޕްރިންސިޕަލް، ޝިފާޒް މުޙައްމަދު ވިދާޅުވީ އެސްއެމްޓީން މުދައްރިސުންގެ ސަޕްރައިޒް ދިނީ ވީޑިއޯއެއް ދައްކައިގެން ކަމަށެވެ. މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ސްކޫލުގެ އެސްއެމްޓީން ސްކޫލުގައި ބޭއްވި ޑިނަރ ނައިޓެއްގައި މުދައްރިސުންނަށް ދައްކާލި ވީޑިއޯގައި ދައްކާފައިވަނީ ހުރިހާ މުދައްރިސުންގެ އާއިލާތަކުން އެ މުދައްރިސުންނަށް ޚާއްސަ ކުރި ކުރު މެސެޖްތަކެކެވެ.

ސްކޫލުގެ އެއްވެސް މުދައްރިސެއް އިސްތިސްނާ ނުވާނެ ފަދައިން ހުރިހާ މުދައްރިސުން، އޭގެ ތެރޭގައި ދޭސީ މުދައްރިސުންނާއި ބިދޭސީ މުދައްރިސުންގެ އާއިލާތަކުންވެސް ވީޑިއޯ މެސެޖްތައް ފޮނުވާފައިވެއެވެ. ޝިފާޒް ވިދާޅުވި ގޮތުގައި، އަހަރެއްހާ ދުވަސް ވަންދެން ނުފެނި ތިބި އާއިލާ މެމްބަރުންނާއި، އަނބި ދަރިންގެ ވީޑިއޯ ކުއްލިއަކަށް ފެނުމުން މުދައްރިސުންނަށް އުފަލުން ރޮވުނު ކަމަށެވެ.

"އަހަރެއްހާ ދުވަސް ވަންދެން ނުފެނި ތިބި އަނބިދަރިންނާއި ދަރިންގެ ވީޑިއޯ މެސެޖްތައް ފެނުމުން ޓީޗަރުންނަށް ވަރަށް އަސަރު ކުރި އަދި ވަރަށް އުފާވެސް ވި. އެންމެންވެސް ތިބީ އުފަލުން ރޮވިފަ. ވަރަށް ޓަޗިން އަދި އިމޯޝަނަލް ވަގުތުކޮޅެއް އެއީ. ދަރިފުޅު މުދައްރިސަކަށް ހެދުމަށް މުދައްރިސުންގެ މައިންބަފައިން ކުރި މަސައްކަތުގެ ވާހަކަވެސް ވަރަށް އަސަރާއެކު ވީޑިއޯގައި ގެނެސްދީފައިވޭ،" ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވި ގޮތުގައި އެއީ ދުވަހަކުވެސް މުދައްރިސުން އުއްމީދު ކުރި ކަހަލަ ސަޕްރައިޒެއް ނޫން ކަމަށެވެ. އަދި އެއީ އެސްކޫލުގެ މުދައްރިސުންނަށް މިއަދާ ހަމައަށް ލިބިގެންދިޔަ އެންމެ އުފާވެރި ސަޕްރައިޒް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ އެސްއެމްޓީން މިފަދަ ސަޕްރައިޒެއް މުދައްރިސުންނަށް ދީފައިވަނީ އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ ޙާލަތު، ކޮވިޑް19 އާ ގުޅިގެން އޮތް ގޮތުން ކުލަ ގަދަކޮށް ފާހަގަ ކުރެވެން ނެތުމުންނެވެ.

ގދ. އަތޮޅު ތައުލީމީ މަރުކަޒަކީ ސާނަވީ އަދި މަތީ ސާނަވީ ތައުލީމީ އުނގަންނައިދޭ ސްކޫލެކެވެ. ގްރޭޑް 7 އިން ފެށިގެން ގްރޭޑް 12 އާ ހަމައަށް 400 އަށް ވުރެ ގިނަ ދަރިވަރުން ތައުލީމް އުނގެނެމުން އަންނަ އެ ސްކޫލުގައި 60 އެއްހާ މުދައްރިސުން އުނގަންނައިދިނުމުގައި ހަރަކާތްތެރިވެއެވެ. އެ ސްކޫލަކީ ކިޔެވުމުގެ ރޮނގުންނާއި އެތްލެޓިކްސް އަދި ސްވިމިންގް ދާއިރާއިން ރާއްޖޭގައި ފާހަގަކޮށްލެވޭ ދަރިވަރުންތަކެއް ބިނާ ކޮށްފައިވާ ދުވަސްވީ ސްކޫލެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުދައްރިސް

    ސްކޫލުގެ މެނޭޖްމެންޓުން ޓީޗަރުންނާއި ގާތް ގުޅުމެއް ބޭއްވުމުން އޭގެ ރަނގަޅު އަސަރު ދަރިވަރުންނަށް ކުރާނެ. ސާބަސް 👏🏻👏🏻👏🏻

    26
    1
  2. މޫނު

    ގދ.އަތޮޅު ތައުލީމީ މަރުކަޒަކީ އަބަދުވެސް ވ ތަފާތު ޓީޗަރުންނާއި ދަރިވަރުންގެ އަގުވަޒަންކުރާ ސުކޫލެއް... އެސުކޫލްގައި ކިޔަވައިދޭ ޓީޗރުންނަކީވެސް އަބަދުވެސް އެހާ ހިތްހެޔޮ ސުކޫލް ދެކެ ލޯބިވާ ދަރިވަރުންގެ އަގުވަޒަންކުރާ ހިތްވަރުގަދަ ބައެއް...

    10
  3. ރަމްސ

    ވަރަށް ސަޅި.

    18