ސާނަވީ ސްކޫލުތަކުގެ ޓީޗަރުންނަށް ކަނޑުގެ މާހައުލުގެ ނިޒާމުގެ މައުލޫމާތު ދީފިއެވެ.

އެގޮތުން ރާއްޖޭގެ ހުރިހާ ސާނަވީ ސްކޫލުތަކުގައި ތިމާވެއްޓާ ގުޅުން ހުރި މާއްދާތައް ނަގައިގެން ކީ ސްޓޭޖު ހަތަރެއްގެ ޓީޗަރުންނަށް އަމާޒުކޮށްގެން ކަނޑުގެ މާހައުލީ ނިޒާމުތަކާއި އެ ނިޒާމުތަކުން ލިއްބައިދޭ ފައިދާތަކާ ބެހޭ މައުލޫމާތު ދިނުމުގެ މަސައްކަތު ބައްދަލުވުމެއް މިއަދު ވަނީ ބާއްވައިފައެވެ.

ދެ ދުވަހަށް ބަހާލައިގެން ވިލާ ކޮލެޖުގައި ކުރިއަށް ގެންދާ އެ މަސައްކަތު ބައްދަލުވުމުގައި ރާއްޖޭގެ އެކި ސްކޫލުތަކުން 200 އަށް ވުރެ ގިނަ ޓީޗަރުން ބައިވެރިވެއެވެ.

އެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީގެ ނިއު ސައުތު ވޭލްސް، އިންޑޮނީޝިއާގެ ރެކަމް ނުސަންޓްރާ ފައުންޑޭޝަން އަދި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ތަޖުރިބާކާރުންނެވެ.

އެ ބައްދަލުވުމުގައި ކަނޑުގެ ނިޒާމުގެ ތައާރަފާއި އަދި އެފަދަ ނިޒާމުތައް ވަޒަންކޮށް މިންކުރާނެ ގޮތުގެ ބައިވެރިންނަށް ކިޔައިދޭނެ އެވެ. އަދި އެކި ނިޒާމުތައް އެ ނިޒާމެއްގެ ބާވަތުންނާއި ސިއްހަތު ހުރި ހާލަތުން ބަޔާންކޮށްދިނުމުގެ އަމަލީ މަސައްކަތްތަކެއް ބައިވެރިންނާ ހަވާލުކުރާނެއެވެ.

ހަމަ އެހެންމެ މާހައުލީ ނިޒާމަށް ކުރިމަތިވާ ނުރައްކާތަކާއި އަދި އެފަދަ މާހައުލުތައް ހިމާޔަތްކޮށް ބެލެހެއްޓުމަށް ކުރެވިދާނެ ކަންކަން ވެސް ބައިވެރިންނަށް ކިޔައިދޭނެއެވެ.

މި މަސައްކަތު ބައްދަލުވުމަކީ އެންދެރި މަޝްރޫއުން ރާއްޖޭގައި ގުދުރަތީ ރައުސުލްމާލު ހިސާބުކިތާބު ކުރުމުގެ މަސައްކަތް ތައާރަފްކުރުމަށް ނިއު ސައުތު ވޭލްސް ޔުނިވާސިޓީއާއި ހަވާލުކޮށް ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެކެވެ.