މާލޭގައި މިއަދު ރަހީނުކުރި ބަންގްލަދޭޝް މީހާ ސަލާމަތްކޮށްފި އެވެ.

މިކަން ހާމަކޮށް ފުލުހުން ވިދާޅުވީ، މާލެއިން މީހަކު ރަހީނުކުރި މައްސަލަ ފުލުހުންނަށް މިރޭ ހުށަހަޅާފައިވާ ކަމަށެވެ.

އަދި މި ހާދިސާގައި ރަހީނުކުރި މީހާ ސަލާމަތްކޮށް މިހާރު ފުލުހުންގެ ހިމާޔަތުގެ ދަށުގައި ހުރިކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވެފައިވަނީ ރަހީނުކުރި މީހާއަށް އަނިޔާ ލިބިފައިވާ ކަމަށެވެ. ނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

މި މައްސަލަ އާއި ގުޅިގެން ތުހުމަތު ކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އޭނާއަކީވެސް ބަންގްލަދޭޝްއަށް ނިސްބަތްވާ މީހެކެވެ.

ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

އެނގިފައިވާގޮތުން މިކަން ހިނގާފައިވަނީ ފައިސާގެ މައްސަލައެއްގައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުން މި މީހާ ރަހީނުކުރި މީހުން ވަނީ އޭނާގެ އާއިލާއަށް ގުޅައި ތިން ދުވަސް ތެރޭ ހަތަރު ލައްކަ ބަންގްލަދޭޝް ޓާކާ (72,755 ރުފިޔާ) ދިނުމަށް ޝަރުތުކޮށްފައެވެ. އަދި ފައިސާ ނުފޮނުވައިފިނަމަ އޭނާ މަރާލާނެކަމުގެ އިންޒާރުވެސް އާއިލާއަށް ދީފައިވާ ކަމަށް ވެއެވެ. އެހެންކަމުން އޭނާ ރަހީނުކުރީ ފައިސާ ހޯދުމުގެ ބޭނުމުގައި ކަމަށް ވަނީ ބެލެވިފައެވެ.

ފުލުހުންގެ ސަމާލުކަމަށް މި މައްސަލަ އައިސްފައިވަނީ ރަހީނުކުރި މީހާގެ އާއިލާގެ ބަޔަކު، މާލޭގައި އޭނާއާއެކު މަސައްކަތްކުރާ ބަޔަކަށް އެކަން އެނގުމުންނެވެ. އެއާއެކު އެމީހުން ވަނީ، ރާއްޖެއިން އެމީހުންނާއި ހަވާލުވެ ހުންނަ ފަރާތަށް އެކަން އަންގާފައެވެ.

މީގެ ކުރިންވެސް ރާއްޖޭގައި މިފަދަ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. މިގޮތުން ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރާ ބޮޑު ފިނޮޅުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ބިދޭސީންތަކެއް ވެގެން ވެސް ދާދިފަހުން ދިވެހިންގެ ބަޔަކު ރަހީނުކޮށްފައި ވެއެވެ.

ފަހަކަށް އައިސް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން އެކި ކުށްތަކަށް އަރައިގަންނަ މައްސަލަތައް ފެންމަތިވާ މިންވަރު އަންނަނީ އިތުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސޮމެޮނެ

    މެޓްރޯ ނިއުސް !!!

  2. ކަޅު މަތީނު ބުލެކް ޕެޓާން

    ދިވެހިބަހުގައި މިހާރު ބަންގާޅި ކިޔާބަހެއްނީންނާނެ އިގޭތޯ ( އެބޭފުޅުންގެ ނަން މިހާރުވަނީ ބިދޭސީ ބޭފުޅުންނައް ބަދަލުވެފައި) ސުކުރިއްޔާ ޤައުމު.

    6
    1
  3. ސަރާސަރު

    ބަންގާޅީ އެއީ ރީތި ދިވެހި ނަމެއް.

    5
    1