މާލޭގެ ބޮޑުތަކުރުފާނު މަގުގައި ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާގެ ހާލު ސީރިއަސް ކަމަށް އައިޖީއެމްއެޗް އިން ހާމަކޮށްއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ހައްވާ އަފީފާ "ވަގުތަށް" މިއަދު ވިދާޅުވީ އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާގެ ހާލު ސީރިއަސްކަމުން އޭނާ އަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށެވެ. އެކަމަކު، އެމީހާއާ ގުޅެ އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.

"މިހާރު ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި، އޮކްސިޖަން ވެސް ގުޅާފައި އޮތީ،" އަފީފާ ވިދާޅުވިއެވެ.

މި އެކްސިޑެންޓި ހިނގާފައި ވަނީ ބޮޑުތަކުރުފާނު މަގު އާޓިފިޝަލް ބީޗް ސަރަހައްދުގައެވެ.

ފުލުުހުންގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް ވިދާޅުވީ، މި އެކްސިޑެންޓް ހިނގާފައި ވަނީ އެ ސަރަހައްދުން ދުއްވާފައި ދިޔަ ސައިކަލެއްގައި ފަހަތުން އައި ވޭނެއް ޖެހިގެންނެވެ. އެ އެކްސިޑެންޓު ހިނގާފައި ވަނީ އިއްޔެ އިރުއްސެން އުޅެނިކޮށެވެ.

އޭނާ ވިދާޅުވީ، މި އެކްސިޑެންޓްގައި ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވެފައިވާ ކަމަށެވެ.

ފުލުހުން ދަނީ މިކަން ތަހުގީގު ކުރަމުންނެވެ.

މި އެކްސިޑެންޓް ހިނގިއިރު ދެ އުޅަނދު ދުއްވަން އިން ދެ މީހުންގެ އަތުގައިވެސް ލައިސަންސް އޮތް ކަމަށް ފުލުހުން ވިދާޅުވިއެެވެ.