މިރޭގެ 20:00 ން ފެށިގެން މާދަމާ ރޭގެ 20:00 އާއި ހަމައަށް ރާއްޖޭގެ ބައެއް ރަށްތަކަށް އުދަ އެރުން އެކަށީގެންވާ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވިދާޅުވެއްޖެއެވެ.

މެޓު އޮފީހުން ވިދާޅުވެފައި ވަނީ ދެކުނުގެ އެކިހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މީގެ އިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނުގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށިގެން ވާ ކަމަށެވެ. މި ރާޅުތަކުގެ އުސްމިން އުޅޭނީ 4 ފޫޓާއި 7 ފޫޓާއި ދެމެދުކަމަށް މެޓު އޮފީހުން މައުލޫމާތު ދެއްވައެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް މުޅި ރާއްޖޭގެ މޫސުން ލަފާކުރާ ގޮތަށް ބަލައިލާ އިރު، މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެއެވެ. އަދި އުތުރުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެއެވެ.

ހުޅަނގާއި ހުޅަނގުއުތުރުން، ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އަދި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 07 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވެއެވެ.

ދެކުނާއި މެދުރާއްޖެތެރޭގައި ކަނޑުތައް ގަދަ ވާނެއެވެ. އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެއެވެ. ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓު އޮފީހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.