ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހަށް ރާއްޖޭގައި 1959 ވަނަ އަހަރު ދެކުނު ދައުލަތް އުފެއްދި ވެރިޔާ، އަބްދުﷲ އަފީފްގެ ދަރިކަނބަލުން ސާރާ އަފީފްގެެ ފިރިކަލުން އިމްރާން އިންތިހާބުވެވަޑައިގެންފިއެވެ.

ސާރާ އަފީފްއަކީ މިއަދު އެ ގައުމުގެ ނައިބް ރައީސްއަކަށް އިންތިހާބުވެ ވަޑައިގެންނެވި އަހުމަދު އަފީފްގެ ކޮއްކޯ ފުޅެވެ.

ސީޝެލްސްގެ ގާނޫނު ހަދާާ މަޖިލީހުގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވި އިމްރާާންގެ މާ ބޮޑު ތަފްސީލެއް ނުލިބެއެވެ.

އިމްރާނަށް ޅިޔަނު ވިދާޅުވާ އަހުމަދު އަފީފް ނައިބު ރައީސް ކަމަށް އިންތިހާބުވީ އިދިކޮޅު ޕާޓީ، ސީޝެލްސް ޑިމޮކްރެޓިކް އެލަޔަންސްގެ ކެންޑިޑޭޓް ވެވެލް ރަމްކަލަވަންގެ ރަނިންމޭޓްގެ ހައިސިއްޔަތުންނެވެ.

މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހަށް ކުރިއަށް ދިޔަ އެ އިންތިހާބު އިދިކޮޅު ކެންޑިޑޭޓް ރަމްކަލަވާންއާއި އޭނާގެ ރަނިން މޭޓް އަފީފަށް އިންތިހާާބު ކާމިޔާބު ކުރެވުނީ 55 އިންސައްތަ ވޯޓުންނެވެ.

ސަރާ އަފީފާއި އަހުމަދު އަފީފުގެ ބައްޕާފުޅު އަބްދުﷲ އަފީފަކީ ދެކުނުގެ ތިން އަތޮޅު ހިމެނޭ ގޮތަށް ސުވައިދީބުގެ ނަމުގައި ވަކި ދައުލަތެއްގެ ވެރިކަން ގާއިމް ކުރުމުގައި އިސްކޮށް ހުންނެވި އިސް ވެރިޔާއެވެ.

މި މައްސަލާގައި ދިވެހި ސަރުކާރުން އަބްދުﷲ އަފީފަށް ދިން އަދަބުތަކަށް ފަހު، އިނގިރޭސިންގެ ހިމާޔަތުގެ ދަށުން އަބްދުﷲ އަފީފް ވަނީ ސީޝެލްސްއަށް ދިރިއުޅުއްވުން ބަދަލުކުރައްވައިފައެވެ. އޭނާއާއާއި އޭނާގެ އާއިލާ އެއިއްސުރެން ދިރިއުޅުއްވަމުން ގެންދެވީ ސީޝެލްސްގައެވެ.

އަބްދުﷲ އަފީފް މިހާރު ދުނިޔޭގައި ނެތްއިރު، އޭނާގެ އާއިލާ ބޭފުޅުން އެހެން އުޅުއްވަމުން ދޭތެރެ ދޭތެރެއިން ރާއްޖެ ވަޑައިގަންނަވައެވެ. އަފީފް ވެސް ދުނިޔޭގައި ހުންނެވި އިރު މަދު ފަހަރެއްގައި ފަހުން ރާއްޖެ ވަޑައިގެން އުޅުއްވިއެވެ. އާންމުކޮށް އެ އާއިލާ ވަޑައިގެން އުޅުއްވަނީ ވެސް އުފަން އައްޑު އަތޮޅުގައެވެ.

ސީޝެލްސްގެ ޕާލަމެންޓްގެ ވެބްސައިޓްގައިވާ ގޮތުން އަހުމަދު އަފީފު ވަނީ އެ ގައުމުގެ ސެންޓްރަލް ބޭންކްގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވައިފައެވެ. އޭގެ ފަހުން ދައުލަތުގެ އެހެން ބައެއް މަގާމުތައް ފުރުއްވުމަށް ފަހު ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވިއެވެ. ފަހުން ހުންނެވީ އެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައެވެ.