ކުޑަ ފިރިހެން ކުއްޖެއްގެ ޖިންސީ ގުނަވަރުގައި އަތްލިކަމަށް ބުނެ ދައުލަތުން ދައުވާ އުފުލި އުތުރު ރަށެއްގެ މީހަކުގެ މައްޗަށް އެރަށު މެޖިސްޓްރޭޓް ކޯޓުން ކޮށްފައި އޮތް ޙުކުމް ހައިކޯޓުން ބާތިލްކޮށް އޭނާ މިނިވަންކޮށްފިއެވެ.

މިމައްސަލައިގައި ޖަލަށް ލާފައި ހުރި މީހާގެ މައްޗަށް ކުށް ސާބިތުވެ ޙުކުމް ކުރީ 2017 ވަނަ އަހަރުގެ މާޗް މަހުއެވެ. އޭނާގެ މައްޗަށް ދައުލަތުން ދައުވާ އުފުލީ 11 އަހަރުގެ ފިރިހެން ކުއްޖެއްގެ ޖިންސީ ގުނަވަނުގައި އަތްލި ކަމަށް ބުނެއެވެ.

ހައިކޯޓުން މިއަދު އިއްވި ޙުކުމުގައި ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޤާއިމުކޮށްފައިވާ އުޞޫލުތަކަށް ބަލާއިރުގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި 12 ބާވަތެއްގެ ހެކި ވަކިވަކިން ލިސްޓުކޮށްފައި އެވަނީ އެ ކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާފަށް ތެދުކަމަށް ޤަބޫލުކުރެވޭ ހެކިބަހެއްތޯ ނުވަތަ ނޫންތޯ ކަށަވަރުކުރުމުގެ ގޮތުން ފަނޑިޔާރުންނަށް ބޭނުންކުރެވިދާނެ ވަސީލަތްތަކެއް ގޮތުގައެވެ. ނުވަތަ ކުޑަކުއްޖާ ދީފައިވާ ހެކިބަސް ކޮރޮބޮރޭޓް ކުރުމުގެ ވަސީލަތްތަކެއްގެ ގޮތުގައެވެ.

ޝަކުވާކުރި ކުޑަކުއްޖާ ދީފައިވާ ހެކިބަހަކީ އާދަޔާ ޚިލާފަށް ގަބޫލުކުރެވޭ ހެކިބަހެއްތޯ ބެލުމަށްޓަކައި ކުއްޖާގެ ހެކިބަސް އެތެރެފުށުން އަދި ބޭރުފުށުން އެއްގޮތްތޯ ބަލަންޖެހޭކަމަށް ހައިކޯޓުގެ ޙުކުމުގައި ވެއެވެ. ކުއްޖާގެ ހެކިބަސް އެތެރެފުށުން އެއްގޮތްތޯ ބެލުމަކީ، ޝަކުވާކުރި ކުޑަކުއްޖާ ކިޔައިދޭ ވާހަކަތަކުގައި ތެދުބަހުން ވާހަކައެއް ކިޔައިދޭ މީހަކު ކިޔައިދޭނޭ ފަދަ ތަފްޞީލުތައް ހުރުންކަމަށާއި އަދި ކުއްޖާގެ ހެކިބަސް ބޭރުފުށުން އެއްގޮތްތޯ ބެލުމަކީ، ކުއްޖާގެ ބަހަށް ބާރުދޭ އިތުރު ހެކި ހުރިތޯ ބެލުންކަމަށް ހައިކޯޓުން ވިދާޅުވިއެވެ.

"ޝަކުވާކުރި ކުއްޖާ ބުނެފައިވަނީ، އެ ކުއްޖާގެ މަންމަ ބުނެގެން ވިޔަފާރި ކުރުމަށް އެ ކުއްޖާ ދިރިއުޅޭ ގެ ކައިރި ބައެއް ފިހާރަތަކަށް ދާކަމަށެވެ. މިގޮތުން ޙާދިޘާ ހިނގާދިޔަ ފިހާރައަށް އެ ކުއްޖާ އެ އަހަރު 5 ފަހަރު ދިޔަކަމަށެވެ. އަދި އެ ފިހާރައަށް ދިއުމުން، އެ ފިހާރާގައި ސޭޓަކަށް އިންނަ މީހާ އެ ކުއްޖާ ކައުންޓަރު ކައިރިއަށް ގެންގޮސް ޓީޝާރޓާއި ސޯޓު ދަށުން އަތްލައިގެން އަތް ހާކާކަމަށެވެ. މިގޮތުން އެ މީހާ 3 ދުވަހު ސޯޓް ދަށުން އަދި އަނެއް 2 ދުވަހު ޓީޝާރޓް ދަށުން އަތްލާފައިވާކަމަށެވެ. އަދި މިހާރު ބޮޑުވެއްޖެ ދޯއޭ، ގޭގައި އުޅެނީ ކިހިނެއްހޭ މިހެން އެ މީހާ ބުނާކަމަށެވެ. އެ ކުއްޖާ ދާން އުޅޭއިރަށް މެޓާ ދީފައި، މަންމައަށް ނުދައްކާ ކާލާށޭ ބުނާކަމަށެވެ." މައްސަލައިގެ ތަފްސީލް ދެމުން ހައިކޯޓުގެ ޙުކުމުގައި ފާހަގަ ކޮށްފައި ވެއެވެ.

އެގޮތަށް ކަންތައް ކުރާ މީހާއަށް ކިޔާ ނަމެއް ނޭނގޭކަމަށް ކުއްޖާ ބުނެފައިވާކަން ހައިކޯޓުގެ ޙުކުމުގައި ފާހަގަ ކޮށްފައި ވެއެވެ. އެކަމަކު އެމީހާ ފެނުމުން އެއީ ކާކުކަން ބުނެދޭން އެނގޭނެކަމަށާއި އެ މީހާ ދެނެގަތުމަށްޓަކައި، ފުލުހުން އެ ކުއްޖާއަށް އެކި މީހުންގެ ފޮޓޯ ހިމެނޭ ފޮޓޯއެއް ދެއްކުމުން، އެ ފޮޓޯގައި ހިމެނޭ މީހުންގެ ތެރެއިން (ކުށް ސާބިތުވި މީހާގެ) ފޮޓޯ އެ ކުއްޖާ ދައްކާފައިވާ ހައިކޯޓުން ވިދާޅުވިއެވެ. މީގެ އިތުރުން އެ ކުއްޖާއަށް ކުރިމަތިވި މި ޙާދިޘާ އެ ކުއްޖާގެ މަންމައަށާއި، މާމައަށާއި، ދޮންބެއަށް ކިޔާދީފައިވާކަމަށް ވެސް ހައިކޯޓުން ވިދާޅުވިއެވެ.

ދައުލަތުން އެ ކުއްޖާގެ އިންޓަވިއު ރިކޯޑިންގ އެ މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހަޅާކަމަށް، މެޖިސްޓްރޭޓް ކޯޓުގައި ދައުލަތުން ފާހަގަކޮށްފައިވިއަސް، މި އިންޓަރވިއު ރެކޯޑިންގގެ ސީޑީ އެ ކޯޓަށް ދައުލަތުން ފޮނުވާފައިނުވާކަން ހައިކޯޓުން ފާހަގަ ކޮށްފައި ވެއެވެ.

މި މައްސަލައިގައި ޝަކުވާކުރި ކުއްޖާގެ ބަހުގެ އިތުބާރަށް އަސަރުކުރާފަދަ އަޚްލާޤީ މައްސަލައެއް ނުވަތަ ދައުވާ ސާބިތުވި މީހާ އާ ގުޅޭގޮތުން މިފަދަ ޝަކުވާއެއް ކުރުމުގެ ނުނިޔަތެއް އޮތްކަން ސާބިތުވެފައެއްނުވެއެވެ. އެހެންވިނަމަވެސް، ޝަކުވާކުރި ކުއްޖާ ކިޔާދީފައިވާ ވާހަކަތަކުގައި ހިމަނާފައިވާ ތަފްޞީލުތަކާ ގުޅުވައިދޭ ހެކިބަހެއް (ކޮރޮބޮރޭޓް) ދީފައިވަނީ ހަމައެކަނި އެ ކުއްޖާގެ މަންމަކަން ވެސް ހައިކޯޓުގެ ޙުކުމުގައި ފާހަގަ ކޮށްފައި ވެއެވެ. އަދި އެ ކުއްޖާގެ މަންމައަށް ކުއްޖާ ޙާދިޘާ ކިޔާދީފައިވަނީ، މި ޙާދިޘާ ހިނގިތާ ދުވަސްތަކެއް ފަހުންކަން ވެސް ހައިކޯޓުން ވަނީ ފާހަގަ ކޮށްފައެވެ.

އެ ކުއްޖާގެ މަންމަގެ ހެކިބަހަށް ބަލާއިރުގައި، އެ ހެކިބަހުގައި އެ ކުށް ތުހުމަތަކު ކުރެވުނު މީހާ ކުރިކަމަށް ދަލާލަތު ކޮށްދޭފަދަ ވަރުގަދަ ހެކިތަކެއް ނެތްކަމަށް ހައިކޯޓުން ވިދާޅުވިއެވެ. އަދި އެ ކުއްޖާގެ ބަހަށް ދައުވާ ލިބުނު މީހާ އިންކާރުކޮށް، އެ ކުއްޖާ އެ ފިހާރައަށް ނުދާކަމަށް އޭނާ ބުނުމުން މި ޙާދިޘާ ހިނގި ދުވަސްވަރު އެ ކުއްޖާ އެ ފިހާރައަށް ދިޔަކަމާއި އަދި އެ ގަޑިތަކުގައި އެ ފިހާރައިގައި އިނީ ދައުވާ ލިބޭ މީހާކަން އެނގޭނެފަދަ ސީދާ ހެއްކެއް ދައުލަތުން މި މައްސަލައިގައި ހުށަހަޅާފައި ނުވާކަމަށް ހައިކޯޓުގެ ޙުކުމުގައި ވެއެވެ.

އަދި މި މައްސަލައިގައި ފެމިލީ އެންޑް ޗިލްޑްރެން ސަރވިސްގެ ސޯޝަލް ސާރވިސް އިން ތައްޔާރުކޮށްފައިވާ ކުޑަކުއްޖާއާބެހޭ ރިޕޯޓަކީ އެ ކުއްޖާގެ ނަފްސާނީ ހާލަތު ދެނެގަތުމަށް ޚާއްޞަކުރެވިގެން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ނޫންކަމާއި މި ރިޕޯޓުން އެ ކުއްޖާއަށް ކުރިމަތިވި ޙާދިޘާގެ ސަބަބުން އެ ކުއްޖާއަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވާކަން އެނގެން ނެތްކަމަށް ޙުކުމުގައި ވެއެވެ.

"ކުއްޖާގެ ހެކިބަސް ބޭރުފުށުން އެއްގޮތްކަމަށް ބެލުމަށް އެކަށީގެންވާ ހެކި ލިބިފައި ނެތުމުން، މި ހެކި ބަހަކީ އާދަޔާ ޚިލާފަށް ގަބޫލުކުރެވޭފަދަ ހެކިބަހެއް ނޫނެވެ. އަދި މި ހެކި ބަހުގެ މައްޗަށް ބިނާކޮށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ފަދައިން، (ދަށު ކޯޓުން ކުށް ސާބިތުވި މީހާ) މި ކުށްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތަށް ސާބިތުވާކަމަށް ބުރަވެވެން ނެތެވެ." ހައިކޯޓުގެ ޙުކުމުގައި ވެއެވެ.

ޖިންސީ ގޯނާގެ މައްސަލައެއްގައި ދަށު ކޯޓުން ޖަލަށްލި މީހަކު މިއަދު ހައިކޯޓުން މިނިވަން ވިއިރު މިއަދު ކްރިމިނަލް ކޯޓުން ވަނީ ޑީއެންއޭ މައިގަނޑު ހެއްކެއްގެ ގޮތުގައި ބަލައިގަނެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު 15 އަހަރަށް ޖަލަށް ލާން ޙުކުމް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސައްތާރު

    ތިވީ ގޮތުން ޔުނާނު އަދި ރިހުލާވެސް ވަރަށް އަވަހަށް މިނިވަން ވާނެކަން ޔަގީން. ކޮންމެވެސް ގޮތަކުން ހެކި އޮޅުވާލާނެ. ވަކީލުކަން ކުރާ މީހުންނަށް އެނގޭނެ މައްސަލަ އޮއްބާލާނެ ގޮތްގޮތް

    15
    3
  2. ކިޔުންތެރިޔާ

    ތީކީ މިސަރުކާރުގަ މާކަ ސީރިއަސްކަމެއް ދީގެން ކުރާކަމެއްނޫނެއްނު! މި ސަރުކާރުގެ އަމާޒަކީ ރޭޕިސްތާނާއި ގުޅިގެން އެތަނުގެ ސަގާފަތް މިތާނގަ ދިރުވާ އާލާކުރުން. ދެން ތީ ރޭޕިސްތާނުގަ ކޮންމެ މިނުޓަކު ހިނގާ ކަންކަން.

    13
  3. މުހައްމަދު އަންޖުމް

    ޗީޗީ މިކަހަލަ ކޮންމެމީހަކު ތިބޭނީ މިސަރުކާރުގެ އިއްޒަތް ތެރިންގެ ލިސްޓްގައި ހިމެނިފައި ވީމާ ވައްޖަމާ ބަދުއަޚްލާގީ އަމަލުތައްކުރާމީހުންނަށް އިތުރަށް އެކަންކުރަން ހިތްވަރު ތާއަބަދު ލިބޭނެވަގުވޯޓުން ގެނެވިފައި އޮތްމިސަރުކާރަށް ކޮންމެގޮތެއްވިޔަސް އެޔޮތީ އަތްލާފަ ނޫނީ .......... އެވެސް މީގެ އަހަރުތަކެއް ކުރިން އެކަންއޭރު ބަލައިތަހުޤީގު ކުރިއިރު ސާބިތުވެފަ އޭރުބެލީވެސް ޤާބިލްބަޔަކު ސުޔާސީ އެކްޓިވިސް ޓުންނެއްނޫން ދެން އެކަން މިއަދުބަލާސާބިތުނުވާކަމަށް ނިންމުމަކީ ވަރަށްބޮޑެތި ސިއްރުތަކެއް ފޮރުވިފައި ވާކަމެއް ކަމުގައި އެބަދޭހަވޭ މިހާރުމިގައުމުގަ އިންސާފެއްނެތް ޖާހި
    ލުންގެ އިންސާފުގައި އޮންނާނީ ލާރިޔާ ދޮންފުތުވެރިން ބޭނުންގޮތަށް ކަންކަންކުރުން