ބައެއް ސަރަހައްދުތަކަށް 50 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް 18 އަތޮޅަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ޔެލޯ އެލާޓް ނެރެފިއެވެ.

މެޓް އިން މިފަހަރު އެލާޓް ނެރެފައި ވަނީ ހއ، އޮޅާއި ގދ އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. މެޓް އިން އެލާޓް ނެރެފައި ވަނީ ހަވީރު 16:45 އިން މިރޭ 20:45 އާއި ހަމައަށެވެ. މިއީ ހަތަރު ގަޑިއިރު ތެރޭގައި މެޓް އިން ޔެލޯ އެލާޓް ނެރުނު ދެ ވަނަ ފަހަރެވެ.

މި އެލާޓުގައި، ކުރިން ނެރުނު އެލާޓުގައި ހިމަނާފައިވާ އަތޮޅުތަކަށް ވުރެ ގިނަ އަތޮޅު ހިމެނާފައިވެއެވެ

މެޓް އޮފީހުން ވިދާޅުވީ، މި ވަގުތުތަކުގައި ބޯކޮށް ވިއްސާރަކުރާނެކަމަށާއި، އަދި ވަރަށް ބޮޑަށް ވައިގަދަވާނެކަމަށެވެ. އަދި ކަނޑުތައްވެސް ގަދަވާނެކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވާއިރު، އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު މިދިޔަ އަންގާރަ ދުވަހު ތޫފާނަކަށް ބަދަލުވެ, ތޫފާނުގެ ސީދާ އަސަރު ރާއްޖެއަށް ކުރާނެކަމަށް ލަފާ ނުކުރެވޭ ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް ރާއްޖޭގެ ރަށްތަކަށް އުދަ އަރާފާނެ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

"ތޫފާނާއި ގުޅިގެން މި ސަރަހައްދުގައި ބާނި ބޮޑުވެ، ކުރިއަށް އޮތް ތިން ދުވަހު ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އާއްމުކޮށް އުދައަރާ ރަށްތަކަށް އުދަ އެރުމުގެ ފުރުސަތު އޮތުމުންމިކަަމަށް ސަމާލުކަން ދިނުމަށް ދަންނަވަމެވެ". މެޓް އިން ވިދާޅުވިއެވެ.