އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މަގާާމުން ވަކިކުރީ އޭނާއަށް އެ މައްސަލަ ތެރެއިން ލިބިދޭން ޖެހޭ ހައްގުތައް ނިގުޅައިގަނެފައި ކަމަށް ބުނެ ލިބިވަޑައިގެންނެވި ގެއްލުމުގެ ބަދަލު ހޯދައިދޭން ޖަމީލްގެ ފަރާތުން ސުޕްރީމް ކޯޓުގައި މިއަދު އެދިއްޖެއެވެ.

އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ޖަމީލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިޔައީ ގާނޫނާާ ހިލާފަށް ކަމަށް ބުނެ ޖަމީލްގެ ފަރާތުން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުއްވީ މިދިޔަ އަހަރެވެ.

މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔަ މި މައްސަލައިގެ އަޑުއެހުމުގައި ޖަމީލްގެ ވަކީލް އަހްމަދު މުއިއްޒު ވިދާޅުވީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ގެންދިޔައީ ގާނޫނު އަސާސީއާއި މަޖިލީހުގެ ގަވާއިދުގައި ބަޔާން ކުރާ އިޖުރާއަތްތައް ކުރިއަށް ނުގެންގޮސް ކަމަށެވެ.

މި ގޮތުން ރައީސްއާއި ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލަތައް މަޖިލީހުގައި ކުރިއަށް ގެންދާއިރު ހުރިހާ ސިޔާސީ ޕާޓީތަކުގެ މެންބަރުން ހިމެނޭ ގޮތަށް 11 މެންބަރުންގެ ކޮމިޓީއެއް އެކުލަވާލުމަށާއި އެ ކޮމިޓީން ރައީސް ނުވަތަ ނައިބު ރައީސްއަށް ކުރާ ތުހުމަތު ސާބިތުވާ ވަރަށް ހެކި ހޯދަން ޖެހޭ ކަން ވަކީލް މުއިއްޒު ފާހަގަކުރެއްވިއެވެ.

އެކަމަކު ނައިބު ރައީސް ކަމުން ޖަމީލް ވަކި ކުރުމުގެ މައްސަލަ މަޖިލިހަށް ހުށަހެޅުމާއެކު މަޖިލީހުގެ ގަވާއިދުގައި ބަޔާން ކުރާ އެ މާއްދާ މަޖިލީހުން އިސްލާހު ކުރި ކަން ވަކީލް މުއިއްޒު ފާހަގަކުރެއްވިއެވެ. އެއީ އެ އިޖުރާއަތަކީ ހަމައެކަނި ރައީސްގެ މައްޗަށް ހިނގަން ޖެހޭ އިޖުރާއަތެއްގެ ގޮތުގައި މާއްދާ އިސްލާހު ކުރުން ކަން ވެސް ފާހަގަކުރެއްވިއެވެ.

ވަކީލް މުއިއްޒު ވިދާޅުވި ގޮތުގައި މަޖިލީހުގެ ގަވާއިދަށް ގެނައި އެ އިސްލާހަކީ ޖަމީލަށް އަމާޒުކޮށް ގެނެވުނު އިސްލާހެކެވެ. ވަކި މީހަކަށް އަމާޒުކޮށް ގާނޫނާއި ގަވާއިދު އިސްލާހު ކުރުމަކީ ގާނޫނީ ހަމަ ހުއްްދަ ކުރާ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ގާނޫނު އަސާސީގައި ބަޔާން ކުރާ ގޮތުން ނައިބު ރައީސްގެ މަސްއޫލިއްޔަތަކީ ރައީސް ހަވާލު ކުރާ މަސައްކަތް ކުރުން ކަމަށް ވަކީލް މުއިއްޒު ފާހަގަކުރެއްވިއެވެ. އަދި ރައީސް ހަވާލުކުރާ ޒިންމާތައް ޖަމީލް އަދާ ނުކުރައްވާ ކަމަށް އޭރުގެ ރައީސް އަބްދުﷲ ޔާމީން އެއްވެސް އިރަކު ވިދާޅުވެފައި ނެތް އިރު ޖަމީލް މަގާމުގެ ޒިންމާ އަދާ ނުކުރާ ކަމަށް މަޖިލީހުގެ މެންބަރުންނަކަށް ކަނޑަނޭޅޭނެ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ނައިބު ރައީސް ކަމުން ޖަމީލް ވަކިކުރި ކަމަށް ކަނޑައެޅީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ކަނޑައަޅައިދޭން ޖަމީލްގެ ފަރާތުން ޝަރީއަތުގައި އެދިވަޑައިގަންނަވާ ކަމަށް ވަކީލް މުއިއްޒު ވިދާޅުވިއެވެ. އަދި އެ މަރުހަލާގައި ޖަމީލަށް ލިބިދޭ ހައްގުތަކާއި ގާނޫނީ ރައްކާތެރިކަން ނިގުޅައިގަތް ކަމަށް ކަނޑައަޅައިދޭން ވެސް އެދިވަޑައިގަތެވެ. އަދި ވަކި މައްސަލައެއްގެ ގޮތުގައި ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރެވޭނެ ކަމަށް ކަނޑައަޅައިދޭން ވެސް އެދިވަޑައިގަތެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ފާހަގަކުރެއްވި ނުކުތާއަކީ މި މައްސަލައަކީ ސުޕްރީމް ކޯޓުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ. އެ ކަމަށް ގޮތެއް ކަނޑައަޅައިދޭން ދައުލަތުގެ ފަރާތުން އެދިވަޑައިގަތެވެ.

އެކަމަކު، މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން މިއިން އެއްވެސް ކަމެއްގައި މިއަދުގެ އަޑުއެހުމުގައި ގޮތެއް ނުނިންމަވައެވެ. އަދި ފަނޑިޔާރުންގެ ބައެއް ސުވާލުތައް ދެ ފަރާތަށް ވެސް ހުށަހަޅުއްވައި ދެން އޮންނަ އަޑުއެހުމަކަށް އެ ސުވާލުތަކަށް ތައްޔާރުވެގެން އައުމަށް އަންގަވައި މިއަދުގެ އަޑުއެހުން ނިންމަވައިލެއްވިއެވެ.

މި މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ. މިއީ ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ މުޅި ބެންޗު ބަދަލު ކުރި ފަހުން އެ ކޯޓުގެ ހުރިހާ ފަނޑިޔާރުން ބެންޗުގައި ތިއްބަވައިގެން ބައްލަވާ ފުރަތަމަ މައްސަލައެވެ.

ޖަމީލްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އޭރު މަޖިލީހުގެ މެޖޯރިޓީ އަދި ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ މެންބަރުން ހުށަހަޅައިގެން ކުރިއަށް ގެންދަނިކޮށް ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގެން އިނގިރޭސި ވިލާތުގައި މަޑުކުރެއްވީއެވެ. އެއަށް ފަހު ރައީސް ޔާމީިންގެ ސަރުކާރު ނިމެންދެން އެ ގައުމުގައި އަމިއްލަފުޅަށް އަރުވާލައިގެން ހުންނެވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން ބޭރުގައި ހުންނަވާ މި ސަރުކާރު ގެނައުމަށް ބުރަ މަސައްކަތްޕުޅެއް ވެސް ކުރެއްވި ޖަމީލް މިދިޔަ މަޖިލީހުގެ އިންތިހާބުގައި ލިބުނު ނާކާމިޔާބީއަށް ފަހު އަލުން ޕީޕީއެމްއާ ގުޅިވަޑައިގަތެވެ. އަދި ރައީސް ޔާމީންގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.