ކްރިމިނަލް ކޯޓުގެ އިސް ގާޒީއަކަށް އަހުމަދު ޝަކީލް މިއަދު އައްޔަން ކުރައްވައިފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވިދާޅުވީ އެ ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި އިސް ގާޒީގެ މަގާމުގެ ފަތްކޮޅު ޝަކީލްއާ ހަވާލުކޮށް ދެއްވީ އެ ކޮމިޝަންގެ ރައީސް ހިސާން ހުސައިނެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީއެއް ހޯދުމަށް ކުރި އިއުލާންގެ ދަށުން ކުރިމަތިލި ބޭފުޅުންނާ "ފަނޑިޔާރުން އައްޔަން ކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ" އިން ކޮމިޝަނަށް ހުށަހަޅާފައިވާ ރިޕޯޓުގައި ވަނީ ޝަކީލް އިސް ގާޒީއަކަށް އައްޔަން ކުރަން ފެންނަ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީއަކަށް އެންމެ ފަހުން ހުންނެވީ އަހުމަދު ހައިލަމްއެވެ. ޝަކީލަކީ ކުރިން ޖުވެނައިލް ކޯޓާއި ފެމިލީ ކޯޓުގެ ފަނޑިޔާރު ކަން ކުރެއްވި ބޭފުޅެކެވެ. އެނގިފައިވާ ގޮތުގައި އިސް ގާޒީ ކަމަށް ކުރިމަތިލާން ހުޅުވާލުމުން އެކަމަށް ކުރިމަތިލެއްވީ ވެސް ޝަކީލް އެކަންޏެވެ.

އޭނާއަކީ ކްރިމިނަލް ކޯޓުގައި ހިނގި ސިޔާސީ ބައެއް ބޭފުޅުންގެ މައްސަލަތައް ވެސް ބެއްލެވި ގާޒީއެކެވެ.

ޝަކީލް ވަނީ ވިލާ ކޮލެޖުން ބެޗްލަ އޮފް ޝަރީއާ އިން މާސްޓާސް އިން ތައުލީމް ހާސިލް ކުރައްވައިފައެވެ. ޝަކީލަކީ ފަނޑިޔާރު ކަމުގައި 17 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަނަމަނަ

    ހިސާނުޖެހޭ ކޮއްމެގޮތަކައްނަމަވެސް ތިކޮމިޝަނުންބޭރުކުރަން ތީވަރަށް ނުލަފާއަންހެނެއް

  2. ހުސެން

    ދާދި އަވަހަށް ހިޟާނު ގުލޫނީ ސައިޒަށް ފެތޭނެ.