އެމެރިކާގެ 44 ވަނަ ރައީސް ބަރަކް އޮބާމާއަކީ ވަރަށް ތަފާތު ސިޔާސީ ޝަހްސިއްޔަތެކެވެ. އެމަނިކުފާނުގެ ސަރުކާރުގައި ހޯދި ކާމިޔާބީތަކުގެ އިތުރުން އެމަނިކުފާނުގެ އެކުވެރި މިޒާޖާއި އާންމު ދިރިއުޅުމެއްގެ އާދަކާދަތަކުގެ ވާހަކަ މުޅި ދުނިޔެ ދައްކައެވެ. ޓްވީޓާގައި ވެސް އެންމެ ގިނަ ފޮލޯވަރުން ތިބި ޝަހްސިއްޔަތުގެ ފުރަތަމަ ވަޒީފާ އެނގޭ ހެއްޔެވެ؟

ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އެމަނިކުފާނުގެ ވެރިކަމުގައި ހިންގަން ރާވާފައިވާ ޕްރޮގްރާމެއް އިއުލާން ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތެއްގައި އޮބާމާ ވަނީ އޭނާ އެންމެ ފުރަތަމަ ވަޒީފާ އަދާކުރެއްވި ތަން ހާމަކުރައްވައިފައެވެ.

އޮބާމާ ވިދާޅުވެފައިވާ ގޮތުގައި އޭނާ އެންމެ ފުރަތަމަ ވަޒީފާ އާދަކުރެއްވި ތަނަކީ އައިސްކްރީމް ވިއްކާ ސްޓޯރެކެވެ. އެއީ އެމެރިކާގެ ހަވާއި ސްޓޭޓްގެ ހޮނުލުލު އަވަށުގައި ހުންނަ ތަނެކެވެ. އެއީ އޮބާމާގެ އުފަން އަވަށެވެ.

އޮބާމާ ވިދާޅުވި ގޮތުގައި އޭނާ އެންމެ ފުރަތަމަ އަދާކުރެއްވި އެ ވަޒީފާއަކީ އެންމެ ހިތްގައިމު ވަޒިފާއަށް ނުވެދާނެއެވެ. އެކަމަކު އެ ވަޒީފާއިން އޭނާ އެތައް ކަމެއް ދަސްވެ އެތައް ފިލާވަޅެއް ލިބިވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވިއެވެ.

އޮބާމާ ސިފަކުރެއްވި ގޮތުގައި އެއީ އެމެރިކާގެ ޒުވާން އާބާދީގެ ގިނަ މީހުން ރަނގަޅު ވަޒީފާއަކަށް ދިއުމަށް، ތައުލީމަށް ފައިސާ ހޯދުމަށް ކުރާ ވަގުތީ އެއް ވަޒީފާއެވެ.

ވަޒީފާގެ ބާޒާރުގައި އެފަދަ ވަޒީފާތައް ތަނަވަސް ވާނީ ހޫނު މޫސުމުގައެވެ. އޮބާމާ ވެސް ފުރަތަމަ ވަޒީފާ އާދަކުރެއްވީ ހަމައެކަނި ހޫނު މޫސުމުގައި އަދާ ކުރާ ގޮތަށް ވަގުތީ ވަޒީފާއެކެވެ.

އޮބާމާ ވިދާޅުވީ އެ ވަޒީފާއިން އެކި ހުނަރުތަކާއި ފަންނުތައް ދަސްވި ކަމަށެވެ. އަދި ވަޒީފާއެއްގެ މާހައުލުގައި ދިމާވާނެ އެތައް ކަމެއް ތަޖުރިބާ ކުރެވުނު ކަމަށެވެ.

އޮބާމާގެ ސަރުކާރުގައި 5.5 ބިލިއަން ޑޮލަރުގެ ބަޖެޓެއް ކަނޑައަޅައި ތައާރަފް ކުރެއްވި ޕްރޮގްރާމަކީ ވެސް ޒުވާނުންނަށް އެކި ކަހަލަ ތަމްރީންތައް ލިބި އާމްދަނީއެއް ލިބޭ ގޮތަށް ގެނެވުނު "ސަމާ ޖޮބްސް" ޕްރޮގްރާމެކެވެ.

އޮބާމާ ވިދާޅުވާ ގޮތުގައި އެ ހިޔާލަކީ އެ ވަޒީފާ އަދާކޮށްގެން ލިބިވަޑައިގެންނެވި ތަޖުރިބާއިން އުފަންވި ހިޔާލެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮންމެހެން

    އެހާ މުހިއްމު ކަމެއްތޯ

    8
    3
  2. ހުސޭނުބޭ

    އަހަރެމެން ކުޑައިރު އޮބަމާ އުޅުނީ ކަތްދައްތައަށް ބަޖިޔާ ހަދާދެން!

    9
    3